ސްކޫޓް އެއާވޭސްގެ ދަށަށް ޓައިގާ އެއާވޭސް ބަދަލުކޮށް ރީބްރޭންޑް ކޮށްފި

ސިންގަޕޫރުގެ ބަޖެޓް އެއާލައިން ޓައިގާ އެއާވޭސް، ސްކޫޓް އެއާވޭސްގެ ދަށަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފި އެވެ.


ޓައިގާ މިހާތަނަށް ހިންގަމުން އައީ ސިންގަޕޫރު އެއާލައިންގެ ދަށުންނެވެ. ޓައިގާ އާއި ސްކޫޓް އެއްކޮށްލީ ސިންގަޕޯ އެއާލައިންސްގެ ދަށަށް ސްކޫޓް ގެނައުމަށް ފަހު، ބަޖެޓް އޭވިއޭޝަން ހޯލްޑިންގްގެ ނަމުގައި ސިންގަޕޯ އެއާލައިނުން އަލަށް އުފެއްދި ކުންފުންޏެއްގެ ދަށަށް ދެ އެއާލައިން ބަދަލު ކުރަމުންނެވެ.

ޓައިގާ އާއި ސްކޫޓް އެއްކޮށްލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޓައިގާ އެއާވޭސްގެ އެންމެ ފަހު މަތިންދާބޯޓު ދަތުރު ކުރީ އިންޑިއާގެ ޓިރުޗިލާޕަލީން ސިންގަޕޫރަށް މި މަހުގެ 24 ވަނަ ދުވަހު އެވެ.

"ޓައިގާ އެއާލައިންސްގެ ދަތުރު ނިމިފައިވާއިރު، ސްކޫޓް އެއާވޭސް އަށް މި ވަނީ މުޅިން އާ ސޮފުހާއެއް ހުޅުވިފައި. ޓައިގާ އާއި ސްކޫޓްގެ ކާމިޔާބީތައް އެއް ކޮށްލައިގެން ކުރިއަށް މިދަނީ ވަރަށް ވަރުގަދަ ކޮށް. ކަސްޓަމަރުންނަށް ވެސް މާ ރަނގަޅު އޮފާތައް ހުޅުވާލެވޭނެ. ޑެސްޓިނޭޝަންތައް ވެސް އިތުރުވެގެން ދާނެ،" ސްކޫޓްގެ ސީއީއޯ ލީ ލިކް ހިސިން ވިދާޅުވި އެވެ.

ސްކޫޓް އެއާވޭސް އިން އާ ފަސް މަންޒިލަކަށް ދަތުރުތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަލަށް ދަތުރުތައް ފަށަނީ، އެމެރިކާގެ ހަވާއީގެ މައި ތަނުގެ ގޮތުގައި މަޝްހޫރުވެފައިވާ ހޮނުލޫލޫ، ޗައިނާގެ ހާބިން، މެލޭޝިޔާގެ ކުޗިން އާއި ކުއަންތަންގެ އިތުރުން އިންޑޮނޭޝިޔާގެ ޕަލެންބާންގް އެވެ. ސްކޫޓް އިން ބުނީ އަންނަ އަހަރުގެ ޖޫންގެ ކުރިން އެ ހުރިހާ މަންޒިލަކަށް ވެސް ދަތުރުތައް ފަށާނެ ކަަމަށެވެ.

ދެ އެއާލައިން އެއްކޮށްލުމުން ސްކޫޓުން ދަތުރުކުރާ މަންޒިލްތައް މިހާރު ވަނީ އިތުރު ވެފަ އެވެ. މިހާރު ސްކޫޓުގެ ދަތުރުތައް 18 ގައުމަކުން 65 ސަރަހައްދަކަށް ކުރެ އެވެ.