ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރަން ސަރުކާރުން ހިންގާ ލޯނު ސްކީމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ)ގެ ލޯނަށް ޕްރޮޕޯޒަލް ހުށަހަޅާ ފޯމު އަންނަ އާދީއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ 17-27 އަށް ފޯމުތައް ބަލައިގަންނާނެ ކަމަށް ވެސް ބުންޏެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރެ އެވެ. އެކަމަކު މި އަހަރު ދޫކުރަން ހަމަޖައްސާފައިވަނީ 38 މިލިއަން ރުފިޔާގެ ލޯނެވެ.
އިއުލާނުގައިވާ ގޮތުން ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނައިން ލޯނު ދޫކުރެވޭނީ 500،000ރ. އާ ހަމައަށެވެ. ކުންފުންޏެއް ނުަވަތަ ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރި ކުރާނަމަ، އެ ފުޅާކުރުމަށް 150،000ރ. އާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އެސްއެމްއީގެ ދަށުން މިއަހަރު ލޯނު ދޫކުރަން ހަމަޖައްސާފައިވަނީ މައިގަނޑު އަށް ދާއިރާއަކުންނެވެ. އެއީ ޓޫރިޒަމާއި ދަތުރުފަތުރުކުރުމާއި އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ފުޅާ ކުރުމަށާއި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށާއި ކޯޕަރޭޓިވް ސޮސައިޓީއާ ގުޅޭ ވިޔަފާރިތަކަށެވެ. މީގެ އިތުރުން ހިދުމަތް ފޯރުކޮށްދިނުމާއި ވޭސްޓް މެނޭޖްމަންޓް ދާއިރާ އަދި އޯޕަން ކެޓެގަރީއަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.
ކޮންމެ ވިޔަފާރިއަކަށް ވެސް ހުށަހެޅޭނީ ބޭނުންވާ އެއް ދާއިރާއަކުން، އެއް އެޕްލިކޭޝަނެވެ.
އިއުލާނުގައި ބުނިގޮތުގައި އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި އެ މީހުންގެ މެޖޯރިޓީ އޮންނަ ވިޔަފާރިތަކަށް، ލޯނު ދިނުމުގައި އިސްކަން ދޭނެ އެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި ތިމާވެއްޓާ ރައްޓެހި ކަންކަމަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ލޯނު ދިނުމުގައި އިސްކަން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ ޝަރުތުތަކުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިިކުރަން ބޭނުންވާ ފަރާތްތަކަށް ވުން ހިމެނެ އެވެ.
އެސްއެމްއީ ލޯނު ސަރުކާރަށް އަނބުރާ ދައްކަން ނުވަ އަަހަރަށް ވުރެ މުއްދަތު އިތުރުވެގެން ނުވާނެ އެވެ.