ހިލްޓަން އިން ވާލްޑޮފް އެސްޓޯރިއާގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓު ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.


ވާލްޑޮފް އެސްޓޯރިއާ އަކީ ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑެެވެ. އެ ބްރޭންޑް ރިސޯޓެއް މީގެ ކުރިން ސަން ޓްރެވަލްއާ ގުޅިގެން ހއ. މަނަފަރުގައި ހިންގާފައިވެ އެވެ. އަދި ހިލްޓަންގެ ކޮންރެޑް ބްރޭންޑްގެ ރިސޯޓެއް އދ. ރަންގަލީގައި ހިންގަ އެވެ.

ޓޫރިޒަމްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އެ ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީކުރާ ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށެވެ. އެއިން ކޮންމެ ރިސޯޓެއްގައި 130 ކޮޓަރި އާއި 10 ރެސްޓޯރަންޓާއި ކެފޭ އަދި ބާ ހުޅުވަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ވެ އެވެ. ނަމަވެސް އެއީ ކޮން ތިން ރަށެއް ކަމެއް ނޭނގެ އެވެ.

އެ ރިސޯޓު ތަރައްގީ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނެޓުން ފުރައިގެން ދެވޭ ހިސާބުގަ އެވެ. އެއީ ގާތްގަނޑަކަށް 23 ކިލޯ މީޓަރު ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.