ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަނީ

ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ އަދި އެ ރިސޯޓާ ގުޅޭ ތަންތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ނިންމައިފި އެވެ.


ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓު ޑިވެލޮޕްމަންޓް މަޝްރޫއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ އެ ރަށުން ކުރިން ވިއްކާފައިވާ 16 ބިމުގެ އިތުރުން ބާކީ ހުރި ތަންތަން ކުއްޔަށް ދެނީ 50 އަހަރަށް ކަމަށެވެ. އަދި އެތަންތަން ކުއްޔަށް ދެނީ އެމްއައިޓީޑީސީން ތަރައްގީކުރުމަށްފަހު އެކަށީގެންވާ ހެޔޮ އަގެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އެމްއެމްޕީއާރުސީން ކުރިން ވިއްކާފައިވާ ބިންތައް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން އެ އެއްބަސްވުންތަކަށް އެއްވެސް ބަދަލެއް ނުގެންނަން. ބާކީ ހުރި ތަންތަނުގެ ޑިޒައިނަށާއި ކޮންސެޕްޓަށް އަޅުގަނޑުމެން ބަދަލު ގެނައީ،" ޝާހިދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ނިންމާފައި ވަނީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ. މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.

ޝާހިދު ވިދާޅުވީ ކުރިން އެމްއެމްޕީއާރުސީން ވަނީ ބަޔަކާ ހަވާލުކޮށްގެން އެ ރަށުގެ ބަނދަރު ހަދައި އަދި ޖެހިގެން އޮންނަ ކުޑަ ރަށެއް ވެސް މިހާރު ގުޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މަގުތައް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވީނަމަވެސް އެކަން މަޑުޖައްސާލާފައި ވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަރެސްދޫއާ ގުޅިގެން ތަރައްގީކުރާ ކުޑަ ރަށް: އެ ރަށުގައި ގާއިމުކުރަން ނިންމާފައި ވަނީ ބަރެސްދޫއަށް ބޭނުންވާ ހުރިހާ ޔުޓިލިޓީސް ހިދުމަތްދޭ ތަންތަނާއި ބަނދަރު. ފޮޓޯ: ނިޝާން އަލީ /މިހާރު

"ވަރަށް ބޮޑު ރަށެއްގައި އެކި ސައިޒުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކާއި އެއްކޮށް ބޭނުންކުރެވޭނެ ރެސްޓޯރަންޓާއި ބާ އާއި ޑައިވް ސެންޓަރު ފަދަ ބައިވަރު ކަންތައްތައް އެބަ އާދޭ. މި ވަގުތު ރިސޯޓު ހިންގާ ގޮތާ ތަފާތުކޮށް މި ރަށް މި ތަރައްގީކުރަނީ. މި ރަށް ހިންގާނީ އެމްއައިޓީޑީސީގެ ބެލުމުގެ ދަށުން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހަދާ ތަންތަން ކުއްޔަށްދޭނީ ކުއްޔަށް ހިފާ ފަރާތުން ބޭނުންވާ ގޮތަށް އިމާރާތްކުރުމަށް ފަހު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެ ތަންތަން ހުންނާނެ ގޮތާއި ސައިޒްތަކާއި އަގުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ ހަފުތާގެ ބުދަ ދުވަހު ހޮޓެލް ޖެންގައި ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސާފައި. ދެ މަހެއްހާ ދުވަހުގެ ފުރުސަތު ދޭނަން ކުރިމަތިލާން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ގާތްގަނޑަކަށް 3،000 އެއްހާ އެނދުގެ އިންޓަގްރޭޓެޑް ރިސޯޓާއެކު ގާތްގަނޑަކަށް 2،000 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.