ފްލައިމީ އިން އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަނީ

އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނި، ވިލާ އެއާގެ ފްލައިމީން ރާއްޖޭގެ އިތުރު އެއާޕޯޓްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.


އެ އެއާލައިނަށް ހަ އަހަރު ފުރުމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފްލައިމީ އިން މިވަގުތު ތިން އެއާޕޯޓަކަށް ދަތުރުތައް ކުރި ނަމަވެސް ކައިރި ކުރިމަގެއްގައި އިތުރު އެހެން އެއާޕޯޓްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުންފުނިން ފުވައްމުލަކަށް ދަތުރުތައް ފަށަން ނިންމި އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެ ރަށަށް ދަތުރުތައް ފެށޭ ގޮތެއް ނުވި އެވެ.

ފްލައިމީގެ މަތިންދާބޯޓެއް ރާއްޖޭގެ އެއާޕޯޓެއްގެ ރަންވޭގައި މަޑުކޮށްލައިގެން: އެ ކުންފުނިން ވައިގެ ދަތުރުގެ ހިދުމަތްދޭން އޭޓީއާރު މަރުކާގެ ތިން ބޯޓެއް ބޭނުންކުރޭ. ފޮޓޯ: ފްލައިމީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިއްސާވާ ފްލައިމީގެ ދަތުރުތައް ފަށާފައި ވަނީ އޮކްޓޯބަރު 1، 2011ގަ އެވެ. އެ ކުންފުނިން މި ވަގުތު އެތެރޭގެ އުދުހުމުގެ ހިދުމަތް ދިނުމަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ބޭނުންކުރެ އެވެ. އަދި ސެސްނާ ކެރެވަން މަރުކާގެ ސީޕްލޭނެއް ވެސް ބޭނުންކުރެ އެވެ.

ފްލައިމީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޓޫރިޒަމް ސިނާއަތް ތަރައްގީ ކޮށް، އޭގެ މަންފާ ގިނަ ރައްޔިތުންނާ ހަމަޔަށް ގެންދިއުމަށް މީގެ އެތައް އަހަރެއް ކުރިންސުރެ ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހިމް ތަސައްވުރެއް ގެންގުޅުއްވި ކަމަށެވެ. އަދި އޭނާގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ އެހެން އެއާޕޯޓުތަކާ ދެމެދު ގުޅުވައިދިނުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފްލައިމީގެ ބަޔާނުގައި ބުނެފައި ވަނީ ވިލާގެ އަމިއްލަ ހަރަދުގައި އދ. މާމިގިލީ ބިން ހިއްކައިގެން އެއާޕޯޓެއް ހަދައި ވިލާ އެއާގެ ފްލައިޓްތަކުގެ ދަތުރުތައް ފެށުން ވެގެންދިޔައީ ގާސިމް ކުރެއްވި ތަސައްވުރު ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ.

ފްލައިމީން ބޭނުންކުރާ ސެސްނާ ކެރަވަން ސީ ޕްލޭން ނައްޓާލަނީ: އެ ކުންފުނިން ސީ ޕްލޭންގެ ހިދުމަތް ވެސް ދެމުން ގެންދޭ. ފޮޓޯ: ފްލައިމީ

އެ ކުންފުނިން ބުނީ މިދިޔަ މަހުގެ ނިޔަލަށް 1.5 މިލިއަން ފަސިންޖަރުން ފްލައިމީން އުފުލާފައިވާ ކަމަށެވެ.

ފްލައިމީގެ ހަވަނަ އަހަރީ ދުވަހާ ގުޅިގެން ވަނީ ފަސިންޖަރުންނަށް ދަތުރުމަތީގައި ހަދިޔާ ބަހަައިފަ އެވެ. އޭގެ އިތުރުން flymesix#ގެ ދަށުން ސޯޝަލް މީޑިއާގައި ވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އެކި ކަހަލަ އިނާމުތައް ދިނުމަށް ވެސް އެ އެއާލައިނުން ނިންމާފައިވެ އެވެ.