ޕީއެސްއެމް އިން މޮބައިލް ފޯނުތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ފަށަނީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޮބައިލް ފޯނުތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ޓެސްޓް ކުރަން ފަށައިފި އެވެ.


މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ އެ ކުންފުނިން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދޭން ނިންމާފައި ވަނީ އޯޓީޓީ ހިދުމަތް ހުރިހާ މޮބައިލް ޑިވައިސްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ގޭގައި ތިބެގެން ކޭބަލް ޓީވީ ބެލޭ ގޮތަށް ފުރަތަމަ ހުރިހާ މޮބައިލް ޑިވައިސްތަކަށް ދޫކުރަން. މި ހިދުމަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ދޭން ފަށާނަން،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯޓީޓީ މެދުވެރިކޮށް މޮބައިލް ފޯނުން ޗެނަލްތައް ބެލުމަށް މިހާރު 400 އެއްހާ ޑިވައިސް އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. އަދި މޮބައިލް ޑިވައިސްތަކަށް ފުރަތަމަ ދޭން ނިންމީ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށްވާތީ ގިނަ ބަޔަކު މޮބައިލް ފޯނުން ޓީވީ ބަލަން ބޭނުންވާނެތީ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަތުމަށް މިހާރު މިދޫކުރަނީ. ޓެސްޓިން އަށް ދޫކުރާއިރު ވެސް ދިވެހިންގެ ގިނަ ބަޔަކު ބަލާ ވަރަށް ގިނަ ޗެނަލްތައް ހިމެނޭނެ،" މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮބައިލް ފޯނު މެދުވެރިކޮށް ކޭބަލް ޓީވީ ބަލަން ބޭނުންވާ ފަރާތަކަށް ޑޭޓާގެ އިތުރު ޗާޖަކާ ނުލައި ބެލޭނެ ޕެކޭޖްތަކެއް ތައާރަފްކުރާނެ ކަމަށެވެ.

"އޭރުން ޗާޖްކުރަނީ ކަސްޓަމަރު ނަގާ ޕެކޭޖަކަށް. ޓީވީ ބެލުމުން އިތުރު ޑޭޓާއެއް ޗާޖެއް ނުކުރާނެ. އަޅުގަނޑުމެންގެ މި ހިދުމަތް ދިރާގާއި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހޯދޭނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގޭގައި ޑިކޯޑަރު ބަހައްޓައިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް އަންނަ އަހަރުގެ ކުރީކޮޅު ޑިކޯޑަރު ދޫކުރަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ވެސް ކޭބަލް ޓީވީ ދޭން. އެގޮތުން ދިރާގާއި އުރީދޫ އަދި އާރުއޯއެލްގެ ކޭބަލެއް އަޅާފައިވާ ކޮންމެ ގެއަކަށް ވެސް އަޅުގަނޑުމެންނަށް ކޭބަލް ޓީވީގެ ހިދުމަތް ދެވޭނެ. އަޅުގަނޑުމެންގެ ޓީވީގެ ހިދުމަތް ދޭން ވަކި ކޭބަލެއް އެއްވެސް ގެއަކަށް ނާޅާނެ،" ހަލީލް ވިދާޅުވި އެވެ.

"ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު ދިވެހި އެއްވެސް ޗެނަލެއް ބަލަން ފައިސާ ނުނަގާނެ. އަޅުގަނޑުމެން ވަރަށް ތަފާތު މޮޑެލެއް މިގެންގުޅެނީ. މި ހިދުމަތް ދޭން ފެށީމަ އަޅުގަނޑުމެންނަށް އެނގޭނެ އެންމެ ގިނަ ބަޔަކު ބަލަނީ ކޮން ޗެނަލެއްކަން. އެގޮތުން ބަލާ މީހުންގެ ނިސްބަތުން އެ ޗެނަލްތަކަށް އަޅުގަނޑުމެން ލާރި ދޭނީ،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތް ފަށައިގަންނައިރު ވެސް ދިވެހިން އެންމެ ގިނައިން ބަލާ ސޮނީގެ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތަކާއި ހަބަރު ޗެނަލްތަކުގެ އިތުރުން ދިވެހި ހުރިހާ ޗެނަލެއް ހިމެނޭނެ ކަމަށެވެ.

"މި ހިދުމަތް އަޅުގަނޑުމެން ދޭނީ އެކަށީގެންވާ ހެޔޮ އަގެއްގައި. މި ހިދުމަތް ދޭއިރު ވީޑިއޯ އޮން ޑިމާންޑްގެ ހިދުމަތް ވެސް ލިބޭނެ. އޭރުން އަޅުގަނޑުމެންގެ އާކައިވްގައި ހުރި ދިވެހިން ޝައުގުވެރިވާ އެއްޗެތި ވެސް ބެލޭނެ އަދި ވަކި ޕްރޮގްރާމެއް ފަހުން ބަލަން ބޭނުންވާ ނަމަ ރިކޯޑް ވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ހިންގާ ޕީއެސްއެމަށް މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ދިހަ އަހަރު ދުވަހުގެ ލައިސަންސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.