މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބަޔަކު ފުރުމުގެ ކުރިން އެއާޕޯޓުގައި މަޑުކޮށްލައިގެން: އެހެން އެއާލައިންތަކުން ވެސް ހައްޖަށާއި އުމްރާއަށް ދިއުމަށް ވިސާ ދޭނެ.
29 އޮކްޓޯބަރ 2017 - 13:18
ހައްޖަށާއި އުމްރާ އަށް ދިއުމަށް ހަމައެކަނި ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ވިސާ ދޭ ގޮތަށް ހަމަޖެއްސުމަށްފަހު، އެހެން އެއާލައިންތަކުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް އަލުން ވިސާ ދޭން ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަމައެކަނި ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ވިސާ ދޭ ގޮތަށް ހަމަޖެއްސުމުން ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
"ބައެއް ގްރޫޕްތަކުން ވިއްސަކަށް މީހުން ގެންދާއިރު ހަމައެކަނި ސައުދީ އެއާލައިނުން ގެންދާ މީހުންނަށް އެކަނި ވިސާ ދޫކުރާ ގޮތަށް އޮތުމުން ދަތިތަކަކާ ކުރިމަތިވާނެތީ އުސޫލް ބަދަލުކޮށްލީ. އަޅުގަނޑުމެން ވެސް ބޭނުން ވަނީ ދިވެހިންނަށް ފަސޭހަ ގޮތެއްގައި ހައްޖަށާއި އުމްރާއަށް ދެވޭނެ ގޮތް ހަމަޖައްސައިދޭން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ހަމައެކަނި ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދަތުރުކުރާ ފަސިންޖަރުންނަށް ވިސާ ދޭ ގޮތަށް ހަމަޖެއްސުމުން ވަރަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި މިހާރު އެ އުސޫލް ބަދަލުކުރިކަން ޕެސެންޖަ ސޭލްސް އެޖެންޓުންނަށް ވެސް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެމްބަސީން ބައެއް ޓްރެވަލް އެޖެންސީތަކަށް މިދިޔަ ހަފުތާގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ހައްޖަށާއި އުމްރާ އަށް ވިސާ ދޫކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ދެ އަޅުކަމަށް ދާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވިސާ ދިނުމަށް ހަމަޖައްސާފައި ވަނީ ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށެވެ. އަދި ބާކީ 50 ޕަސެންޓް ވިސާ ދިނުމަށް ހަމަޖެހިފައި ވަނީ އެ ގައުމެއްގެ ގައުމީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"އެކަމަކު ރާއްޖޭގެ ގައުމީ އެއާލައިން ސައުދީ އަރަބިއްޔާއަށް ދަތުރުނުކުރާތީ ހުރިހާ ވިސާއެއް ދޫކުރަން ނިންމާފައި ވަނީ ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް،" އެ ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖެއިން ރާއްޖެއިން މިއަހަރު ގްރޫޕްތަކުން ހައްޖަށް ދިޔަ މީހުން ދަތުރުކުރީ އެކި އެއާލައިންތަކުގަ އެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ހުރިހާ ހައްޖުވެރިން ދަތުރުކުރީ ސައުދިއާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
30 October 2017
އަޅެ ހެޔޮނުވާނެ ތިހެން ހަދަން! މުސްލިމުން ޖެހޭނެ، މަޖުބޫރުވާނެ، މުތަގައްބިލް ވާނެ، މުންތަސިރު ވާނެ، ހުރިހާ ކަމެއްގައިވެސް، ހުރިހާ ދަތުރު ތަކެއްވެސް، އަރަބިން ނައް އިސްކަން ދޭން. ސައޫދީ އެއަރލައިން އޮއްވާ އެހެން އެއްވެސް އެއްޗަކުން ދަތުރު ނުކުރަން!
ވިސްނާލީމާ
29 October 2017
އަންނަ ރުޅީގާ ފޮޅާނުލާށެވެ! ރިވެތި އަދަބު ޚިޔާރުކުރައްވާށެވެ! ކަންކަން ހަމަޖެހޭނީ ރީތިކޮށް އަދަބުވެރިކަމާއެކު ވާހަކަ ދެކެވިގެންނެވެ! އިއްޔެ އެންގެވި އެންގެވުން ބަދަލުވީލެއް ލަސްތޯއެވެ! ވާނެއެވެ! ވާން ލަސްވާ ފަހަރު އަތުވެދާނެއެވެ! ކެތްކުރާށެވެ! ފާރުބުޑުގާ އިނދެ މަރުނުވާ ވަރަށެވެ! -އިބްރާހީމް-