ޓޫރިޒަމް މިނިސްޓަރުގެ ނައިބު ލިރާރު އަދި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު (ވ) މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
23 ނޮވެމްބަރ 2017 - 14:09
ކ. ކާށިދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ސަރަހައްދެއް ކަނޑައަޅައި، އެ ރަށުގައި 25 ކޮޓަރީގެ ދިހަ ގެސްޓް ހައުސް އަޅަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒިމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާ ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
މެދު ފަންތީގެ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓް ނިމޭއިރު 250 އެނދު ހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭގެ އިތުރުން އެއަށް ބޭނުންވާ ސަޕޯޓް ފެސިލިޓީސް ވެސް އަންނާނެ. ރެސްޓޯރަންޓާއި ވޯޓަ ސްޕޯޓްސް ފަދަ ތަންތަން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތަފުސީލްތަކާއި އާއްމު ފަރާތްތަކަށް އެ ޕްރޮޖެކްޓްގައި ބައިވެރިވޭނެ ގޮތްތައް ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއައިޓީޑީސީން ކާށިދޫގައި ހިންގާ ގެސްޓްހައުސް ޕްރޮޖެކްގެ ކުރެހުމެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ސަރަހައްދާއި ސައިޒް ވަރަށް އަވަހަށް ހާމަކުރާނެ. ޓާގެޓްކުރަނީ މި ޕްރޮޖެކްޓް ހަ މަހާއި އަށް މަހާ ދޭތެރޭ މުއްދަތެއްގައި ނިންމާލަން. އަޅުގަނޑުމެން މިބަލަނީ މި އަހަރުގެ ތެރޭގައި ނުވަތަ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް ފެއްޓޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި ހަދާ ގެސްޓް ހައުސްތައް ހުންނާނީ ތިން ބުރި ނުވަތަ ހަތަރު ބުރިއަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރު ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތްކުރަނީ ކާށިދޫ ކައުންސިލާ މަޝްވަރާކޮށްގެން ބިން ރަޖިސްޓްރީކުރެވުނުހާ އަވަހަކަށް އެތަން އެ ކުންފުންޏާ ހަވާލުކުރާނެ ކަމަށެވެ.
"އެ ކުންފުންޏާ ހަވާލުކުރުމުގެ މައިގަނޑު މަގުސަދަކީ އެމްއައިޓީޑީސީއަކީ ޓޫރިޒަމް ދާއިރާއިން އިންވެސްޓްކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއް. އެ ކުންފުނިން މިހާރު ވެސް ބަރެސްދޫގައި ވެސް ޕްރޮޖެކްޓެއް ކުރިޔަށް އެބަ ގެންދޭ. ފުދޭ ވަރަކަށް ރަނގަޅަށް ޕްލޭންކޮށްގެން ކުރިޔަށް އެބަ ގެންދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްއައިޓީޑީސީއަށް ވަރަށް ކާމިޔާބުކަމާ އެކު މި ޕްރޮޖެކްޓް ހިންގިދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއައިޓީޑީސީން ވަނީ ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ އަދި ރިސޯޓާ ގުޅޭ ތަންތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެކަމަށް ކުރިމަތިލި އަދަދެއް އެ ކުންފުނިން އަދި ހާމައެއްނުކުރެ އެވެ.
ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ނިންމާފައި ވަނީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓްހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ.
މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީމް
24 November 2017
ޢެމްއައިޓީޑީސީ އިން ކިއްލުވެސް ތަޅަންވީ.
އިގްބާލް
24 November 2017
ކާށިދޫގައި ޖަލެއް އަޅަން ނިންމައި ބަޖެޓު ކުރުމަށްފަހު އަދި ބައެއް މަސައްކަތް ފެއްޓުމަށްފަހު، އެކަމުގެ ބަޖެޓު އެހެން ދިމާލަކަށް ކަހާލުމުން ރައްޔިތުން އައިސްފައިތިބި ރުޅި މައިތިރި ކުރުމަށް އަނބުރާ ގޭސްގަނޑެކެވެ. ފަތުރުވެރިކަން ފަސޭހަކަމާއެކު ކާށިދޫގައި ކުރިއެއް ނާރާނެއެވެ. ރަށްކައިރީގައި ފިނޮލޅެއް އަދި ފަޅުރަށެއް ނެތެވެ. ޑއިވިން ނޫން ކަމެއް ނެތެވެ.
މެންޓަލިސްޓް
23 November 2017
ކާށިދޫގެ ނަންވެސް ތަންކޮޅެއް މޮޑަންކޮށް ،،،، ހަސްކު އައިލަންޑް ކިޔަންވީނޫންތޯ ،،، އޭރުން މާރކެޓްކޮއްލަން ފަސޭހަވެދާނެ ،،،، ވަރަށްވެދުން
އަލީ.
23 November 2017
މަރުހަބާ ރޮކެޓްސްޕީޑުގަ މިހިރަދަނީ ކުރިޔައް ހދ އަތޮޅުގަ އަދިވެސް ރިސޯޓެއްނެތް 50 އަހރުވަނީ ޓުވެރިޒަަމައް
ކޫބެ
24 November 2017
ހެސްކިޔާފަ ވެރިން އައިސަގޮސްސިދިތަ
ހަލާކު
23 November 2017
މިހިރަ ފެންނަނީ ގެސްޓްހައުސްގެ ވިޔަފާރިވެސް ހަލާކުކޮށްލަން ހިފާފައި ހުރިވަރު. ހަސަނު ބުނިހެން މި ނުކިޔާނެ ގެސްޓުހައުސްއަކަށް، މާފުށީގައިވެސް މިކަން މިހާރު ވަނީ މުއްސަނދިން ކޮންޓްރޯލްކުރާ ވިޔަފާރިއަކަށް ބަދަލުވެފައި. ގެސްޓް ހައުސްއޭކިޔާފަ 30 ނުވަތަ 50 ކޮޓަރީގެ ހޮޓާތައް ހަދާ، 3 ނުވަތަ 6 ކޮޓަރި ގެސްޓް ހައުސް ހިންގި އާދައި ރައްވެހިން މިހާރު ވަނީ މިވިޔަފާރިން ބެރުވުމަށް މަޖުބޫރުކޮށްފައި. ރައް ވަނީ ފުރިފައި. އެއްވެސް ކޮންޓްރޯލެއްނެތި ހަމައެއް ލަމައެއްނެތި ތަންފުރުމުގެ ސަބަބުން ހަނާވެގެންދަނީ އާދައިގެ ނިކަމެތި ރައްޔަތުން.
އަލީ.
23 November 2017
ކޮބާހޭ ރިސޯޓުހިއްސާ ޔާމިނޫ 4 އަހަރު މިވީ މަގޭއަތުން ދޮގުހަދައިގެން ވޯޓުއަތުލިތާ
ހަސަން
23 November 2017
ބަރަސްދޫ އަދި ތި ޕްރޮޖެކްޓް ތީ ގެސްޓްހައުސް އެއް ނޫން. ދެން ގަނޑެއް ގަންނަނީ ...
ޒިރާރު
23 November 2017
ސަރުކާރުން އެންމެ ފަހުން ޓުރިޒަމް ދާއިރާއާ ގުޅިގެން އުފެއްދި ދެ ކުންފުނީގެ (އެމް.ޓީ.ޑީ.ސީ އަދި އެމް.އެމް.ޕީ.އާރު.ސީ) މިހާރުގެ ހާލަތަށް ބަލާލުން މުހިންމު. އެމް.ޓީ.ޑީ.ސީ އިން އާންމު ހިއްސާދާރުންނަށް ފައިދާއެން ނުބަހާތާ ކިހާދުވަހެއްވެއްޖެ!!! އަނެއްކާ އާންމު ރައްޔިތުން ކުރާ މިވަރުގެ ކުދި ކުދި ވިޔަފާރިތެރެއަށް ސަރުކާރުން ވަންނަންޖެހެނީ ކީއްވެ؟
ާއަހުމަދު
23 November 2017
ސަރުކާރުން ތި އުޅެނީ ކާށިދޫ ރައްޔިތުން ހައްލުވަން..
ގަރޭ
23 November 2017
ކާށިދޫ ޖަލު އަޅަން އޮތް ލާރި ކޮޅު ހުރާ ބިން ހިއްކަން އަތުލާފަ ކާށިދޫ މީހުން ބޮލަށް ހުތް ފިތާލަން މިހާރު ތި އުޅެނީ ކާށިދޫ އަކީ މާލެ އަތޮޅުގެ އެންމެ ބޮޑު އާބާދީ ހުރާ އިން ލިބޭނީ 2 ވޯޓް އެހެންވެ އެ ތެޅޭނީ
ދޫނި
23 November 2017
ކާށިދޫގައި ގެސްޓް ހައުސް އަޅާފަ މީހުންކޮޅު ގެންދޭ ހުޅުމާލެއަށް. އޭރުން ހުންނާނީ ތަރައްޤީ ގިރައިގެން ބޮވިފަ.
Wadde
23 November 2017
އެވެސް ކުލިދައްކާ ގޮތަށް އިނގޭ...