ރާއްޖެއަށް ހަފުތާއަކު 11 ދަތުރުކުރަން އެއާއޭޝިއާއިން ނިންމައިފި

މެލޭޝިއާގެ ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެއާ އޭޝިއާ އެއާލައިންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ހަފުތާއަކު 11 ދަތުރުކުރަން ނިންމައިފި އެވެ.


ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބަޖެޓް އެއާލައިން ކަމަށްވާ އެއާ އޭޝިއާ އިން ބުނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން އެކްސްގެ އެއާބަސް އޭ 300-330 މަރުކާގެ މަތިންދާބޯޓަކާއެކު އިތުރު ހަތަރު ފްލައިޓް ކޮންމެ ހަފުތާއަކު އޮންނާނެ ކަމަށެވެ. އެއާ އެކު ރާއްޖެއަށް ހަފުތާއަކު 11 ދަތުރު އޮންނާނެ އެވެ.

އެ އެއާލައިނުން މިހާރު ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ 320 މަރުކާގެ، 180 މީހުންގެ ޖާގައިގެ ބޯޓަކާއި 186 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ބޭނުންކުރާ ބޯޓުގައި ޕްރިމިއަމް ފްލެޓް ބެޑް 12 ޖާގައާއެކު 377 މީހުންގެ ޖާގަ އޮންނާނެ ކަމަށް ވެސް އެއާ އޭޝިއާއިން ބުންޏެވެ.

އެ އެއާލައިނުން ބުނީ ރާއްޖެއަށް ހަފުތާއަކު 11 ދަތުރުކުރަން ފެށުމުން ސީޓިން ކެޕޭސިޓީ އަހަރަކު 287،000 އަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް އެ އެއާލައިނުން 106،00 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖެއަށް ދަތުރުތައް އިތުރުކުރަން ނިންމުމަށްފަހު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮޅަކަށް 199 ރިންގިޓް (767ރ.) އަށް ހާއްސަ ފެއާއެއް ފަށައިފަ އެވެ. އަދި މިމަހުގެ 14ގެ ކުރިން ގަންނަ ޓިކެޓަށް މެއި ހަވަނަ ދުވަހުގެ ކުރިން ދަތުރުކުރަން ޖެހެ އެވެ.

އެ އެއާލައިންގެ ހެޑް އޮފް ކޮމާޝަލް ބެރީ ކްލިއްޕްއާ ހަވާލާދީ މެލޭޝިއާގެ ނޫހެއްގައި ބުނެފައި ވަނީ ރާއްޖެއަށް އެ އެއާލައިންގެ ދަތުރުތައް ފެށުމާއެކު ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ކުރިން ހަފުތާއަކު ތިން ދަތުރުކުރި އެއާލައިނުން މިދިޔަ އަހަރުގެ ފަހުކޮޅު ހަފުތާއަކު ކޮންމެ ދުވަހަކު ދަތުރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 130 ޕަސެންޓްގެ އިތުރުވުމެކެވެ.