1.3 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރު ރެކޯޑް ހަދައިފި

މިދިޔަ އަހަރު ރާއްޖެ އައި 1.3 މިލިއަން ޓޫރިސްޓުންނާއެކު ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 1.389.542 ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ އަށް ޕަސެންޓްގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނިވެސް 143،041 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫރަޕާއި އޭޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އެގޮތުން ޔޫރަޕުން 74،322 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 21.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައިސްފައި ވަނީ 55،976 ޓޫރިސްޓުންނެވެ. މިއީ 17.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި ވެސް 19،918 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 22.6 ޕަސެންޓްގެ ކުރިއެރުމެކެވެ. ނަމަވެސް މުޅި އަހަރަށް ބަލާއިރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 5.5 ޕަސެންޓް ދަށްވެފަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީންނެވެ. އެ ގައުމުން 14،756 ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތާއި ޖަރުމަން އަދި ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެފައި ވަނީ މިދިޔަ މަހަކީ ޓޫރިޒަމްގެ ތާރީޚުގައި ވެސް އެންމެ ޓޫރިސްޓުން ރާއްޖެ އައި މަސް ކަމަށެވެ.

"އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ ތަފާސްހިސާބުތައް ދައްކާ ގޮތުން ރެކޯޑް މިންވަރަކަށް މިދިޔަ ޑިސެމްބަރު މަހު ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައި. އަދި މިދިޔަ މަހަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް،" މިނިސްޓަރު ވިދާޅުވި އެވެ.