ދިރާގުގެ ބޯޑު މެމްބަރަކަށް ހާފިޒު ހަމަޖައްސައިފި

ދިރާގުގެ ބޯޑު މެމްބަރަކަށް ފިޝަރީޒް މިނިސްޓަރުގެ ނައިބު އަހުމަދު ހާފިޒު ހަމަޖައްސައިފި އެވެ.


ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ ދިރާގުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ޑިރެކްޓަރެއްގެ ގޮތުގައި ހާފިޒު އައްޔަން ކުރީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނީގެ ބޯޑު މެމްބަރަކަށް ހާފިޒު އައްޔަން ކުރީ، އެ ކުންފުނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ބޭބެ އަހުމަދު މުހައްމަދު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

ޖުމްލަ ނުވަ މެމްބަރުން ހިމެނޭ ދިރާގުގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން މުހައްމަދު އަޝްމަލީ އާއި ޑެޕިއުޓީ ޗެއާ ޕާސަން އަބްދުއްރަހުމާން ޔޫސުފް ބިން ޔޫސުފް ފަހްރޯ އަދި މެނޭޖިން ޑައިރެކްޓާ އިސްމާއީލް ރަޝީދެވެ. ދެން ތިއްބެވި ފަސް ބޭފުޅުންނަކީ ނޮން އެގްޒެކެޓިވް ޑައިރެކްޓަރުންނެވެ.