ހައުސިން މިނިސްޓްރީން އެއްވެސް ބަޔަކާ އެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ނުދަން: މުއިއްޒު

ހައުސިން މިނިސްޓްރީން އެއްވެސް ބަޔަކާ އެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ގޮސްފައި ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓަރު މިފަދަ ޓްވީޓެއް ކުރީ، އެ މިނިސްޓްރީން ސީލައިފް މޯލްޑިވްސްއާ އެކު 2011 ވަނަ އަހަރު ވެފައިވާ ހައުސިން އެއްބަސްވުމެއް އުވާލުމަށް ނިންމުމުން، އޭގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 185 މިލިޔަން ރުފިޔާ ދޭން ސެޓްލްމަންޓް އެގްރީމަންޓެއް ގައި ސޮއި ކުރި ކަމަށް އިއްޔެ މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

"މިހާރު" އަށް ކޮޕީ ލިބިފައިވާ އެ ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއި ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުު އިބްރާހިމް ނަޒީމް ސޮއި ކުރައްވާފައިވާއިރު، ސީލައިފްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މޫސާ މުހައްމަދު އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ބައެއް ނޫސްވެރިން ކަންކަމުގެ ހަގީގަތް ނުބަލާ ހަބަރު ގެނެސްދެމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެކަން، މީޑިއާ ކައުންސިލުން ޔަގީން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބައެއް ނޫސްވެރިން ކަންކަމުގެ ހަގީގަތް ނުބަލައި ހަބަރު ގެނެސްދޭތީ ހިތާމަ ކުރަން. މިއީ ޒިންމާދާރުކަން ކުޑަ އަދި ވަރަށް އަން ޕްރޮފެޝަނަލް ކަމެއް،" މުއިއްޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައިވަނީ، ސީލައިފް އާ އެކު ސަރުކާރުން ވި އެއްބަސްވުން ބާތިލް ކުރަން ޖެހުނީ، އެ އެއްބަސްވުމުގެ ތެރެއިން ވ. ތިނަދޫން ސީލައިފަށް ބިމެއް ދޫކުރަން އެއްބަސްވެފައިވީ ނަމަވެސް އެ ރަށު ކައުންސިލުން އެ ބިން ދޫކުރަން ދެކޮޅު ހެދުމުން ކަމަށެވެ. އެ ރަށުން ސީލައިފަށް ބިން ދޫކުރަން ހަމަޖެހިފައި އޮތީ ލަގްޒަރީ ވިލާތަކެއް ތަރައްގީ ކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި ފަހުން އެ އެގްރީމަންޓް ވަނީ އުވާލައިފަ އެވެ. އެގްރީމަންޓް އުވާލީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.

އެ އެގްރީމަންޓް އުވާލި އިރު، އެގްރީމަންޓްގައި ސޮއި ކުރުމާ ގުޅިގެން، އޭގައި ބުނެފައިވާ ގޮތަށް ސީލައިފް އަށް ފައިސާ ދޫކުރުމަށް ހައުސިން މިނިސްޓްރީން އޮތީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. އެގޮތުން އެ ފައިސާ ދޫކުރުމަށް އެދި، އެގްރީމަންޓްގައި ސޮއި ކުރިތާ އެއް ދުވަސް ފަހުން، 27 ފެބްރުއަރީގައި ހައުސިން މިނިސްޓްރީގެ މާލީ ޒިންމާދާާރު ވެރިޔާ މުހައްމަދު މާހިދު ޝަރީފް ސޮއި ކުރައްވަައި ފިނޭންސް އަށް ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.

"...އެޓާނީ ޖެނަރަލްގެ ލަފަޔާ އެކު ސީލައިފް މޯލްޑިވްސް އާއި [ހައުސިން] މިނިސްޓްރީއާއި ދެމެދު "ސެޓްލްމަންޓް އެގްރީމަންޓް" އެއްގައި 2018 ފެބްރުއަރީ 26 ވަނަ ދުވަހު ވަނީ ސޮއި ކުރެވިފަ އެވެ. ވީމާ "ސެޓްލްމަންޓް އެގްރީމަންޓް" އާ އެއްގޮތަށް އެފަރާތަށް ދޭންޖެހޭ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސް ދިނުމަށް ދަންނަވަމެވެ.،" "މިހާރު" އަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައި ވެއެވެ.

ސޮއި ކުރުމަށް ފަހު އުވާލި، ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައިވަނީ، ސީލައިފް މޯލްޑިވްސް އަށް ފައިސާ ދޫކުރާނީ 12 ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި، 15،420،000ރ. ދެ ވަނަ ބުރުގައި 30،840،000ރ. ދޭން ނިންމާފައިވާއިރު، ބާކީ 10 ފަހަރު ދޭނީ، ކޮންމެ ފަހަރަކު 13،878،000 ރުފިޔާ އެވެ.

ސީލައިފް މޯލްޑިވްސް އަކީ، 2014 ވަނަ އަހަރު ހުޅުމާލޭގައި ރައީސް އަބްދުﷲ ޔާމީން ބިންގާ އެޅުއްވި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަ ސީލައިފް ގްލޯބަލްގެ ކުންފުންޏެކެވެ. އެ ދެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަަކީ ވެސް އަހުމަދު މޫސާ މުހައްމަދެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސައްކަތްތައް ވެސް ވަނީ ދިގުލައިގެން ގޮސްފަ އެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.