ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ ފުރަތަމަ ތާރު ފަށަލަ އަޅަން ފަށައިފި އެވެ.
އާ ރަންވޭގެ މަސައްކަތް ކުރިއަށް ދާ ގޮތް ދައްކާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ މޫސުން ރަނގަޅު ނަމަ ފުރަތަމަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް އެއް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ދުވާލަކު 100- 140 މީޓަރުގެ ސަރަހަދެއްގައި ތާރު އެޅޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މީގެ އިތުރު ދެ ލޭޔަރު [ފަށަލަ] އެޅޭނެ. އޭރުން ރަންވޭގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލެވުނީ،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރުގެ ރަންވޭއާ ގުޅާލުމުގެ މަސައްކަތާއި ރަންވޭގެ ޝޮލްޑާތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ރަންވޭ ޕްރޮޖެކްޓް އަޅުގަނޑުމެން ޕްލޭން ކުރި ގޮތަށް އެބަ ކުރިޔަށް ގެންދެވޭ. އިތުރު ދެ [ތާރު] ލޭޔަރާއެކު މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އާ ރަންވޭގެ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފެށި އިރު، އާ ރަންވޭގެ މެދެއްހާ ހިސާބުގައި ހުރި ސީސީއާރު ބިލްޑިންގް ކުރިމަތިން އޮތް ބައިގެ މަސައްކަތް އަދި ނުފަށަ އެވެ. އެތަނުގެ މަސައްކަތް ނުފެށި ލަސްވަނީ ސީސީއާރު ބިލްޑިން އެހެން ސަރަހައްދަކަށް ބަދަލުނުކުރެވި ލަސްވެގެންނެވެ.
"ސީސީއާރު އާ ބިލްޑިން ހަދައި، ރީލޮކޭޓްކޮށް މާދަމާ އަށް ނިންމާލެވޭނެ. މާދަމާ އިން ފެށިގެން މުޅި ރަންވޭގެ އޭރިއާ އެވައިލެބްލް [ލިބޭނެ] ވާނެ. މި ދެބައި ގުޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ޕެރެލަލްކޮށް،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅިން ރަންވޭގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ ހަމައެކަނި ރަންވޭއަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ މަރާމާތުކުރަން ޖެހެ އެވެ. އޭގެ ސަބަބުން އެއާޕޯޓް ހުއްޓުމަކަށް އާދެ އެވެ. މިހާރުގެ ރަންވޭގެ މަތީ ފަށަލަ ރަނގަޅުކުރަން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އަށް ޗައިނާ ސިނޯ ހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގި މަޝްރޫއުއަށް ފަހު ވެސް އެ މައްސަލަ ދިމާވުން ހުއްޓުމަކަށް ނާދެ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބޮޑު ހަރަދެއްކޮށްގެން އެ އެއާޕޯޓުގެ މުޅި ރަންވޭ މަރާމާތުކުރި ފުރަތަމަ ފަހަރެވެ.
އެ އެއާޕޯޓުގެ ރަންވޭގެ ބައެއް ތަންތަނުން ވަޅުގަނޑު ހެދި އަދި ތާރު ނައްޓައިގެންދާތީ އެއާލައިންތަކުން ވެސް ޝަކުވާކޮށްފައިވެ އެވެ. އަދި ބައެއް ބޯޓުތައް ޖެއްސުމުގެ ތެރޭގައި ތާރުގަނޑު ނެއްޓިގެން ފްލައިޓްތައް ޑިލޭވުން ފަދަ މައްސަލަތައް އަދިވެސް ދިމާވަމުންދެ އެވެ.