މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރޯދަ ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ އިސް ވެރިން.-- ފޮޓޯ: މިހާރު
22 މާޗް 2018 - 20:03
މޯލްޑިވްސް އިސްލާމިކް ބޭންކުން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "ރޯދަ ޕްރޮމޯޝަން"ގެ މި އަހަރުގެ ޕްރޮމޯޝަން، ބޮޑެތި ބަދަލުތަކަކާއި އެކު ފަށައިފި އެވެ.
ލިޓަސް ހޯމް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެށި ޕްރޮމޯޝަނުގެ ދަށުން، 250،000ރ. އާ ހަމަ އަށް ގޭތެރެއަށް ބޭނުންވާ ސާމާނު ގަނެވޭނެ އެވެ. މިއަދުން ފެށިގެން އަންނަ މެއި މަހުގެ 17 ވަނަ ދުވަހާއި ހަމަ އަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން މުދާ ގަންނަ ފަރާތްތަކަށް ފައިސާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެން ދާނެ އެވެ.
އިސްލާމިކް ބޭންކުގެ "ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ"ގެ ދަށުން އާންމުކޮށް އެންމެ ގިނަވެގެން ގަނެވޭނީ 100،000ރ. ގެ މުދަލެވެ. އަދި ފައިސާ ދައްކަން ލިބޭނީ 18 މަސް ދުވަހެވެ. މި އަހަރުގެ ޕްރޮމޯޝަނުގައި އެހެން އަހަރު ތަކާއި ހިލާފަށް މުދާ ގަނެވޭ އަދަދު ދެ ގުނަ އަށް ވުރެ ބޮޑަށް އިތުރުކޮށް، ފައިސާ ދައްކަން ދޭ މުއްދަތު ވެސް މި ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ.
"މި ޕްރޮމޯޝަނާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް ރޯދަ މަހަށް ގޭތެރެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުތައް ފަސޭހަ ކަމާ އެކު ގަނެވޭނެ،" އިސްލާމިކް ބޭންކްގެ ސީއޯއޯ އަހުމަދު ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ބޭންކުން ބަލައިގަނެފައިވާ ފިހާރަ އަކުން، ގަންނަން ބޭނުންވާ އެއްޗެއްގެ ކޯޓޭޝަނާއި އެކު ރޯދަ ޕްރޮމޯޝަނުގެ އެޕްލިކޭޝަން ފޯމް އެ ބޭންކަށް ހުށަހެޅުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.
ޕްރޮމޯޝަނުގެ ދަށުން ބަދިގެ އަށް ބޭނުންވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން މޯބައިލް ފޯނާއި، ކޮންޕިއުޓަރު އަދި ޓީވީގެ އިތުރުން ދޮންނަ މެޝެނު ފަދަ ގިނަ ސާމާނުތައް ގަނެވޭނެ އެވެ.
އިސްލާމިކް ބޭންކުން ބުނީ، އެ ބޭންކުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމް ކޮށްފައިވާ ހުރިހާ ބްރާންޗްތަކުން ވެސް ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ. މާލޭގެ އިތުރުން އެ ކުންފުނީގެ ބްރާންޗްތައް ހިންގަނީ ހުޅުމާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
23 March 2018
އިސްލާމިކް ބޭންކު އިސްލާމިކް ވަނީ އަޅެފަހެ ކީއްވެތަ؟
އަތްފުނާ
22 March 2018
ތި އިސްލާމިކް ބޭންކަކީ މިހާރު ނެތި ދިއުމުގެ ބިރު ހީވެފައި އޮތް ބޭންކެއް.ފުރަތަމަަ ކޮޅު ޕީއޯއެސް ބަހައްޓާފައި . މެށިން ބަހައްޓާފައި އަދި ފަައިސާ ކާޑު ތައާރަފުކޮށްފައި.މިހާރު ތި ބޭންކަށް ކުރެވޭހާވެސް ކަމަކީ ނިދުން