ކާށިދޫ ޓޫރިސްޓް ވިލެޖުގެ އަމަލީ މަސައްކަތް ފަށައިފި، ހަ މަސް ދުވަހުން ނިންމަނީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކ. ކާށިދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.


ކާށިދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. ޒަމީރު ވިދާޅުވީ މި ޕްރޮޖެކްޓަކީ ސަރުކާރުން އެމްއައިޓީޑީސީ އަށް ލޯނު ދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

"ޕްރޮޖެކްޓް ފަށައިގަންނައިރު މުޅިން ފީޒިބަލް ނުވިކަމުގައި ވިއަސް ޕްރޮޖެކްޓް ވަކި ހިސާބަކަށް ގެންދިޔައީމަ، އެއާ އެއްކޮށް އަންނަ ކުރި އެރުމާ އެކު އަޅުގަނޑުމެންނަށް ދެން މިފަދަ އެހެން ޕްރޮޖެކްޓްތައް ވެސް ފީޒިބަލްކޮށް ގެންދެވޭނެ،" ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވި ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.

ކާށިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވާހަކަފުޅު ދަައްކަވަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

އޭނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން ހަދާނީ ތިން އިމާރާތަކަށް ބަހާލައިގެން، ޖުމްލަ 60 ކޮޓަރި ކަމަށެވެ. އަދި އެ އިމާރާތްތަކަކީ ރާވާލެވޭ ގޮތަށް ތައްޔާރުކޮށްގެން ގެންނަ އިމާރާތްތަކެއް ކަމުން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ސީޒަނަށް އެ ރަށަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

"އެމްއައިޓީޑީސީން އަކީ މައިގަނޑު ގޮތެއްގައި ޓޫރިޒަމްގެ މަސައްކަތް މިގޮތަށް [ގެސްޓްހައުސް ހިންގުން ފަދަ ކަންކަން] ކުރާނެ ކުންފުންޏެއް ނޫން. ޕްރޮޖެކްޓް ފަށައިގަނެފަ، ފީޒިބަލް ވީމަ ޕްރައިވެޓް ސެކްޓާ އަށް ޕްރޮޖެކްޓް ހަވާލު ކުރާނީ. މާނަ އަކީ ވިއްކާލާފަ އަނެއްކާ އަނެއް ޕްރޮޖެކްޓާ ދިމާލަށް ދާނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫގައި ވެސް މިފަދަ ޕްރޮޖެކްޓެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމުން، އެކަމަށް ބޭނުންވާ ފައިސާ އަދި ހަމަ ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ބިމުގެ ގޮތުން ބަލާއިރު ރާއްޖޭގެ ފަސް ވަނަ އަށް އެންމެ ބޮޑު ކާށިދޫގައި ފެށިގެން މި ދިޔައީ މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ. ޒަމީރު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ކާމިޔާބީ އަށް ބެލުމަށް ފަހު ގިނަ ރަށްތަކެއްގައި މިފަދަ ޕްރޮޖެކްޓުތައް ފަށާނެ ކަމަށެވެ. އެގޮތުން ހދ. މަކުނުދޫ ފަޅުތެރޭގައި އޮންނަ ފަޅުރަށުގައި ވެސް މިފަދަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކާށިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ޕްރޮޖެކްޓުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންކަން:

- ތިން ގެސްޓް ހަައުސް (ޖުމްލަ 60 ކޮޓަރި).

- ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް.

- މޫދުގައި ތަރައްގީކުރާ ޓައިޑަލް ޕޫލް.

- ތަފާތު ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަލްޓި ޕާޕަސް ބިލްޑިންގެއް.

- އެ ސަރަހައްދަށް އަންނަ ބޮޑު މަގު ތަރައްގީ ކުރުން.

އެމްއައިޓީޑީސީގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝާހިދު ވިދާޅުވީ، މި ޕްރޮޖެކްޓު ކުރިއަށް ގެންދަނީ ބޭރު ކުންފުންޏަކަށް ހަވާލު ކޮށްގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ސާފެއް ނުވެ އެވެ. އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެ ކުންފުންޏަށް ދީފައިވަނީ އެއް މިލިޔަން ޑޮލަރުގެ ލޯނެއް ކަމަށް ވިދާޅުވި އެވެ.

ކާށިދޫ ކައުންސިލް ރައީސް ސުލްތާން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ދެ ހާހެއްހާ މީހުންގެ އާބާދީ އޮންނަ ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ، ރައްޔިތުންގެ އުންމީދަކީ ވީހާވެސް އަވަހަށް މި ޕްރޮޖެކްޓުގެ މަސައްކަތްތައް ނިމުން ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، އެތައް ގޮތަކުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ.

"ދައުލަތުގެ އިސް ވެރިންނަށް އަޅުގަނޑު ގޮވާލަން މި ރަށު ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައި ދިނުމަށް. އަޅުގަނޑަށް އެބައޮތް މި ޕްރޮޖެކްޓް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން،" ސުލްތާން ވިދާޅުވި އެވެ.

ކާށިދޫގެ ޓޫރިސްޓް ވިލެޖް ހަދަނީ އެ ރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި، ވަކިންނެވެ. އެ ރަށުގައި މިހާރު ވެސް ގެސްޓްހައުސްގެ ވިޔަފާރި ކުރާއިރު، މި ވިލެޖާއި އެކު ގެސްޓްހައުސްތަކަށް މާކެޓް ހޯދަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށް އެ ރަށުގެ ބައެއް އާންމުން ގަބޫލު ކުރެ އެވެ. އަދި އެ ރަށުގެ ގިނަ ބަޔަކު ތިބީ މި ޕްރޮޖެކްޓް ނިމި، މިކަން ކާމިޔާބުވާނެ ކަމުގެ ފޮނި އުންމީދުގަ އެވެ.