މީރާ އިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު ޖަމާކުރި އާމްދަނީގެ މިންވަރު ވަނީ 20 ޕަސެންޓް އިތުރުވެފައި. --މިހާރު ފޮޓޯ: ނިޝާން އަލީ
19 ޖުލައި 2016 - 23:15
ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން އަލަށް ދޫކުރި ތިން ރަށަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 155 މިލިއަން ރުފިޔާއާ އެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ޖަމާކުރި އާމްދަނީ 1.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 1.5 ބިލިއަން ރުފިޔާ ޖަމާކުރި އިރު ޑޮލަރުން އާމްދަނީގެ ގޮތުގައި 57 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 21 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ކުރިން ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 1.5 ޕަސެންޓް ދަށް އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ދައްކާފައި ވަނީ ޖީއެސްޓީންނެވެ. ޓޫރިޒަމް ޖީއެސްޓީ އާއި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 431.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެއީ ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދެއްކި 259.3 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ދެއްކި 172.5 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދެއްކި މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 17.2 ޕަސެންޓް ދަށްވެފަ އެވެ.
ދައުލަތަށް މިދިޔަ މަހު ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ދައްކާފައި ވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކުހުންނެވެ. ވިތު ހޮލްޑިން ޓެކްސްއާ އެކު ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 377.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި އެއީ މިދިޔަ އަހަރު ލިބުނު މިންވަރަށް ވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މީރާއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 7.9 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިގުދޫ
01 November 2016
މި ކުޑަ އާބާދީއާ އަޅާބަލާއިރު ހާދަ ބޮޑު ޢަދަދެކޭ. ކޮރޮޕްޝަން ފްރީނަމަ ތިޔައީ ޤައުމު ގެ ރައްޔިތުން އުފަލުގައި އުޅޭހާ ގިނަ ލާރި.
ކޮސްގޮވާ
19 July 2016
މީރާ އަށް ލިބޭ ފައިސާ ރަގަޅުގޮތުގައި ހޭދަކުރުމަށް ގޮވާލަން . ބޭކާރު ހަރަދު ކުޑަކޮއް މީރާ އަށް ފައިސާ ދައްކަން ޖެހޭ އެއްމެންނާއި ދޭތެރޭ ހަމަހަމަ ގޮތުގައި މީރާ އިން އަމަލުކުރުމަށް ގޮވާލަން. އަދި ޓެކުސް އިތުރުވަމުންދާނަމަ ޓެކުސްކުޑަކުރަންވެސް ގޮވާލަން.