"ދި އެޑިޝަން" އާ އެކު "މިހާރު"ން ކިޔުންތެރިންނާ ގާތަށް

ކިޔުންތެރިންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް "މިހާރު"ން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޚަބަރާއި މައުލޫމާތު އިނގިރޭސި ބަހުން ގެނެސްދިނުމަށް "ދި އެޑިޝަން" ގެ ނަމުގައި އާ ޕްރޮޑަކްޓެއް މިއަދު ލޯންޗުކޮށްފި އެވެ.


ދިވެހި ބަހުން ލިޔެފައި ހުންނަ ޚަބަރުތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ ބަދަލުގައިި، އިނގިރޭސި ބަހުން އޮރިޖިނަލް ކޮންޓެންޓް ތައްޔާރުކުރުމަށް "ދި އެޑިޝަން" ހިންގާނީ "މިހާރު"ގެ ނިއުސް ރޫމާ ވަކިންނެވެ.

އެންމެންގެ އިތުބާރު ލިބިފައިވާ "މިހާރު" ނޫހުން ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޯންޗްކުރި ނޫހުގައި، ރާއްޖޭގައި ހިނގާ ކަންކަމުގެ ތަފްސީލީ ޚަބަރުތަކާއި ޚާއްސަ ރިޕޯޓުތަކާއި ދަތުރުފަތުރު އަދި ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ އިތުރުން ކުޅިވަރު ޚަބަރުތައް އިނގިރޭސި ބަހުން ގެނެސްދޭނެ އެވެ.

ލިޔުންތަކުގެ އިތުރުން ފޮޓޯ ގެލަރީތަކާއި ވީޑިއޯގެ އިތުރުން އިންފޮގްރަފިކް ފަދަ އިންޓަރެކްޓިވް ގޮތްތަކަށް މައުލޫމާތު ގެނެސްދީ، އެ އެއްޗެހި ވަރަށް ފަސޭހަ ލޭއައުޓަކުން ބަލައިލެވޭނެ އެވެ. އެކަމަކު، މި ލޭއައުޓް ފަރުމާކޮށްފައި ވަނީ "މިހާރު"ގެ ވެބްސައިޓަށް ވަންނަ މީހަކަށް ބީރައްޓެހިކަން އިހުސާސް ނުކުރެވޭނެ ގޮތަށެވެ.

"ދަ އެޑިޝަން" ލޯންޗްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާއިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިހާރު މީޑިއާ ހައުސްގެ އެގްޒެކަޓިވް ޑައިރެކްޓަ ވާއިލް ޒާހިރު ހުސައިން ވިދާޅުވީ، ދަ އެޑިޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި އެތައް ގައުމެއްގެ މީހުން މަސައްކަތް ކުރާއިރު، ރާއްޖޭގައި ހިނގާ ކަންކަން ވީހާވެސް ގާތުން އެ މީހުންނަށް އެނގޭނެ ގޮތަށް ގެނެސްދިނުން ކަމަށެވެ.

ޖާނަލިޒަމް އަދި އެޑްވަޓައިޒިން އިން މަތީ ތައުލީމު ހާސިލުކޮށް، އަދި މީޑިއާ އާއި ޕީއާރުގެ ތަޖުރިބާ ލިބިފައިވާ ރާއި މުނައްވަރުގެ އެޑިޓަރުކަމުގެ ދަށުން ނެރޭ އޮންލައިން ނޫސް ދި އެޑިޝަން އަށް ވަދެވޭނީ www.edition.mv އިންނެވެ. އަދި "މިހާރު"ގެ އިނގިރޭސި ބަޔަށް ވަނުމުން، އޮޓޮމެޓިކުން އެ ވެބްސައިޓަށް ވަދެވޭނެ އެވެ. ދަ އެޑިޝަންގެ ވެބްސައިޓުގައި، "މިހާރު"ގެ އިނގިރޭސި ސެކްޝަނުން މީގެ ކުރިން ގެނެސްދީފައިވާ ޚަބަރުތަކުގެ އާކައިވް ވެސް ހިމެނޭނެ އެވެ.

"ދަ އެޑިޝަން" ލޯންޗްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއި (މ).--ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު" ނޫސް އޭގެ ވެބްސައިޓާ އެކު އިފްތިތާހު ކުރީ، ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް "ހަވީރު" ބަންދު ކުރަން ކޯޓުން ނެރުނު އަމުރާ ގުޅިގެން 2016 ވަނަ އަހަރުގެ މޭ 24 ގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި "މިހާރު"ން ވަނީ، ނޫހުގެ ޗާޕު ކޮންމެ ހަފުތާއެއްގެ ފަސް ދުވަހު ނެރުމާއި ވެބްސައިޓް ކޮންމެ ދުވަހަކު 24 ގަޑިއިރު ތާޒާކުރުމުގެ އިތުރަށް ވެސް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ.

"ދަ އެޑިޝަން" ލޯންޗްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--ފޮޓޯ: ނިޝާން އަލީ /މިހާރު

ކިޔުންތެރިންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ މީހަކު ކިޔާ ހިތްވާ ޚަބަރުތަކެއް އަމިއްލަ އަށް ހިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި އެންޑްރޮއިޑް އަދި އައިއޯއެސް އެޕް ނެރުނީ ވެސް "މިހާރު"ން ނެވެ.

ރާއްޖޭގެ މުހިއްމު ޚަބަރުތައް ޒަމާނީ ފަސޭހަތަކުގެ ތެރެއިން ވަގުތުން ގެނެސްދިނުމަށް، "މިހާރު ލައިވް"ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށާއި، ކޮމްޕިއުޓަ ނޮޓިފިކޭޝަންގެ އިތުރުން ޓެލެގްރާމުން ވެސް ޚަބަރުތައް ލިބޭ ހިދުމަތެއް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ނޫހަށް ސަބްސްކްރައިބް ކުރުމަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތް ވަނީ ހަދާފަ އެވެ.

"ދަ އެޑިޝަން" ލޯންޗްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--ފޮޓޯ: ނިޝާން އަލީ /މިހާރު

ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ފަސޭހައިން އަންގައިދިނުމާ އެކު، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާގެ ފުރުސަތަކަށް ކެތްމަދުވެފައި ތިބި އެތައް ހާސް ބަޔަކު ގުޅުވައިދިނުމަށް، "މިހާރު ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި "މިހާރު"ގެ ބްރޭންޑެއްގެ ގޮތުގައި، "ދޯ" ލައިފްސްޓައިލް މަޖައްލާ ވެސް މިދިޔަ މޭ 25 ގައި ވަނީ ތައާރަފްކޮށްފަ އެވެ. ތަފާތު ތީމަކަށް މަހަކު އެއްފަހަރު ނެރޭ މި މަޖައްލާ އާއި އޭގެ ވެބްސައިޓް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލް ލައިފްސްޓައިލް ޕްލެޓްފޯމަށް ވެފަ އެވެ.