ޓޫރިޒަމް އިންވެސްޓްމަންޓް ފަންޑް މެނޭޖް ކުރުމުގެ ފުރަތަމަ ލައިސަންސް މޯޓީޒާ ކެޕިޓަލް އަށް

ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ އިންވެސްޓްމަންޓްތައް މެނޭޖުކުރުމާއި ލަފާދިނުމުގެ ދިނުމުގެ ހުއްދަ މޯޓީޒާ ކެޕިޓަލް ލިމިޓެޑަށް ދީފި އެވެ.


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިއްޔެ މޯޓީޒާ އަށް ދިން ހުއްދައާ އެކު އެ ކުންފުނި ވާނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް، އިންވެސްޓްމަންޓް މެނޭޖުކުރުމާއި ލަފާ ދިނުމުގެ ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަށެވެ. އޭގެ އިތުރަށް އެ ހުއްދައާ އެކު މޯޓީޒާ އަކީ ރާއްޖޭގައި އިންވެސްޓްމަންޓް ފަންޑް މެނޭޖް ކުރުމުގެ ލައިސަންސް ލިބުނު ދެ ވަނަ ކުންފުންޏެވެ.

ތަރައްގީވަމުން އަންނަ މާކެޓްތަކުގަައި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް، އިންވެސްޓްމަންޓް މެނޭޖް ކުރުމާއި އެޑްވައިޒަރީ ހިދުމަތްތައްދޭ ކުންފުންޏަށް ސީއެމްޑީއޭގެ ހުއްދަ ދޫކުރި އިރު، އެ ކުންފުނީގެ އޮފީހެއް ވެސް މާލޭގައި ވަނީ ހުޅުވާފަ އެވެ.

މޯޓީޒާ އިން ބުނީ އެ ކުންފުނި ހިންގާނީ ރާއްޖެ އާއި ބޭރު ގައުމުތަކުން ޓޫރިޒަމާއި ރިއަލް އެސްޓޭޓް، ބޭންކިން އަދި އިންވެސްޓްމަންޓް މެނޭޖް ކުރުމުގެ ދާއިރާ އިން ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި މީގެ ތިން އަހަރު ކުރިން ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށި މޮޓީޒާގެ އިސްވެރިންގެ ތެރޭގައި ދިވެހިން ވެސް ހިމެނެ އެވެ. އެގޮތުން މޮޓީޒާގެ މެނޭޖިން ޑައިރެކްޓަރަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މެނޭޖުމަންޓްގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އެފްޖޭއެސް ކޮންސަލްޓިންގެ ބިޒްނަސް ޑިވެލޮޕްމަންޓް ހެޑުގެ މަގާމުގައި ކުރިން ހުންނެވި ޣާލީ މުރުތަލާ އެވެ.

މޯޓީޒާގެ އިންވެސްޓްމަންޓް ކޮމެޓީގެ ހަތަރު މެމްބަރުންގެ ތެރޭގައި ވެސް ދެ ދިވެހިން ހިމެނެ އެވެ. އެ ކޮމެޓީގައި ހިމެނޭ ދެ ދިވެހިންނަކީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން އަދި އެފްޖޭއެސް ކޮންސަލްޓިންގެ ކޯފައުންޑާ ފަރީހާ ޝަރީފު އާއި މަޝްހޫރު ލޯފާމް ޝާހު، ހުސައިން އެންޑް ކޯގެ ޕާޓްނަރެއް ކަމަށްވާ މުހައްމަދު ފިޒާން އެވެ.

އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޣާލީ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ހޮޓެލް މާކެޓްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ހިމެނޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ސެކްޓާގައި އިންވެސްޓަރުން ބައިވެރިވާން ލިބޭ ފުރުސަތުތައް މަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިންވެސްޓްމަންޓް ފަންޑް ފަދަ، ގިނަ ފަރާތްތަކެއް އެކުގައި އިންވެސްޓް ކުރެވޭ ނިޒާމުތަކުގެ އެހީގައި މި މާކެޓަށް އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިދީ، އެ އިންވެސްޓްމަންޓްތައް ތަޖުރިބާކާރު ފަރާތެއްގެ ބެލުމުގެ ދަށުން، ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުން،" ޓޫރިޒަމް އިންވެސްޓްމަންޓް ހިދުމަތްތައް ދިނުމުގައި 13 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޣާލީ ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އުފެއްދި މޯޓީޒާ އިން ދޭ ހިދުމަތްތަކުގެ ތެރޭގައި އިންވެސްޓްމަންޓް އެޑްވައިޒަރީ، އިންވެސްޓްމަންޓް މެނޭޖްމަންޓް، ޑިވެލޮޕްމަންޓް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް އަދި އިންވެސްޓާ ރިޕްރެޒެންޓޭޝަން ހިމެނެ އެވެ.