މުއްދަތު ހަމަވާން ކައިރިވުމުން އުކާލުމުގެ ބަދަލުގައި އެ އެއްޗެހިން ކޮންމެެވެސް ބޭނުމެއް ހިފޭތޯ ބަލަނީ އެވެ. ވިޔަފާރީގެ ގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް އެ އެއްޗެހި ބޭނުންކޮށްގެން ކާ އެއްޗެހި ތައްޔާރު ކުރަނީ އެވެ. އެކަން ކުރުމުގެ ތެރޭގައި ބައެއް ފަހަރަށް މުއްދަތު ހަމަވެފައިވާ ތަކެތި ވެސް ބޭނުން ކުރެވެ އެވެ. އެތައް ދުވަހެއް ވެފައިވާ އެއްޗެހިން ވެސް ކާތަކެތި ތައްޔާރު ކުރެ އެވެ. އެކަމަކު، އެ އެއްޗެހި ގަތް މީހުންނަށް ރެއަކާ ވެސް ނުލަ އެވެ.

އެކަން ފަޅާއަރައި 2011ގެ ފަހުކޮޅު ރާއްޖޭގެ އެންމެ ބޮޑު ބޭކަރީ ބަންދުކުރަން ޖެހުނެވެ. އޭގެ ފަހުން، މުއްދަތު ހަމަވެފައިވާ ބައެއް ތަކެތި ވިއްކަން ހުއްޓާ ފެނިގެން ފެންޓަސީ ފިހާރައިގައި ވެސް ތަޅު އެޅުވި އެވެ.

މުއްދަތު ހަމަވެފައިވާ އެއްޗެހި ވިއްކަން ހުންނަ މައްސަލަ ވަރަށް ބޮޑެވެ. ބާޒާރުމައްޗަށް އަރާލުމުން އެކަން ވަރަށް ރަނގަޅަށް ފެނެ އެވެ. ގަނޑުކޮށް އެއްޗެހި ވިއްކާ ފިހާރަތަކުގެ ބޭރުގައި ބިސްކޯދު ބޮނޑިބޮނޑި އާއި ލުއި ކާނާގެ ވައްތަރުތައް ބަރިބަރި އަށް ޖަހާފައި ހުރެ އެވެ. ރަށު ތެރެ އަށް އަރާލާއިރު ބައެއް ބޮޑެތި ފިހާރަތަކުގައި ވެސް ވަކި ބައެއް ހާއްސަކޮށްފައި ހުންނަނީ މުއްދަތު ހަމަވާން ކައިރިވެފައި ހުންނަ އެއްޗެއްސަށެވެ. އޭގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ބައެއް ތަކެތި ވެސް ހުންނައިރު، އޭގެ ސަބަބުން އާއްމު ސިއްހަތަށް ލިބިދާނެ ގެއްލުންތަކަށް ވިސްނާލަންޖެހެ އެވެ.

ކޮންމެ އުފެއްދުމެއްގައި ވެސް ގުދުރަތީ ބެކްޓީރިއާ ހުރެ އެވެ. ބެކްޓީރިއާއޭ ބުނުމުން އެއީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއްހެން ހީވިޔަސް މިއީ އޭގެ ޒާތުގައި އެއްވެސް ނުރައްކަލެއް ކުރިމަތި ކުރުވާ އެއްޗެއް ނޫނެވެ. އެ ބެކްޓީރިއާ ނުރައްކާތެރި ވަނީ އެ ތަކެތި އެކުލެވިގެންވާ އުފެއްދުންތަކުގެ މުއްދަތު ހަމަވެ، ގިނަ ދުވަސް ވުމުންނެވެ.

އޭޑީކޭގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު ވިޝާމް ވިދާޅުވި ގޮތުގައި ތައްޔާރީ ކާނާ އުފެއްދުމުގެ ކުރިން އެ ކަމަށް ހާއްސަ ކޮށްފައިވާ ލެބޯޓަރީތަކުގައި ގިނަ ޓެސްޓުތަކެއް ހަދަ އެވެ. އޭގެ ތެރޭގައި، ކާނާގައި ހިމެނޭ ގުދުރަތީ ބެކްޓީރިއާތައް އާލާވާ އަދަދާއި އެ ކަމަށް ނަގާ ވަގުތު ބަލަ އެވެ. އަދި އެ ބެކްޓީރިއާ ހުންނަންޖެހޭ މިންވަރަށް އިތުރުވެ، ސިއްހަތަށް ގެއްލުންވާ ހިސާބު ދެނެގަނެ އެވެ. ކޮންމެ އުފެއްދުމެއްގެ ވެސް މުއްދަތު ކަނޑައަޅައި، އެ މުއްދަތު ޖަހަނީ އެ ހުރިހާ ޓެސްޓުތަކަކަށް ބެލުމަށް ފަހު އެވެ.

ހަަމަ އެފަދަ އެހެން މައްސަލައެެކެވެ. ރޭގަނޑު 10 ޖެހުމާ އެކު، ދުވަހު ވީ ވިޔަފާރީގެ ހިސާބު ހެދުމަށް ފަހު ބައެއް ފިހާރަތައް ތަޅުލާއިރު މަހާއި ކުކުޅާއި އެ ނޫން ވެސް މަސް ފަދަ ތަކެތި ގަނޑުކޮށްފައި ބަހައްޓާ ފްރީޒަރު ކަނޑާލަ އެވެ. ބައެއް ފިހާރަތަކުން މިއީ މި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެކަމަކު، އެ ފަރާތްތަކުން ނުވިސްނާ ކަމަކީ އެފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމެވެ.

ފިހާރައެއްގައި ވިއްކަން ހުރި އެއްޗެހިތަކެއް: މުއްދަތު ހަމަވެފައިވާ އެއްޗެހި ވިއްކަން ހުންނަ މައްސަލަ ވަރަށް ބޮޑު.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
ފިހާރައެއްގައި ވިއްކަން ހުރި އެއްޗެހިތަކެއް: މުއްދަތު ހަމަވެފައިވާ އެއްޗެހި ވިއްކަން ހުންނަ މައްސަލަ ވަރަށް ބޮޑު.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ކަނޑުމަސް އަދި ކުކުޅު ފަދަ ތަކެއްޗަކީ އެ ތަކެތި މަރުވާތާ 4-5 ގަޑިއިރު ތެރޭ ފިނި ކުރަން ޖެހޭ ތަކެތި. އެންމެ ކުޑަމިނުން މައިނަސް 20 ގައި މި ތަކެތި ގަނޑުކުރަން ޖެހޭ،" ޑރ. ވިޝާމް ވިދާޅުވި އެވެ.

ތައްޔާރީ ކާނާއެކޭ އެއްގޮތަށް މަހުގެ ބާވަތްތަކުގައި ވެސް ގުދުރަތީ ބެކްޓީރިއާ ހިމެނެ އެވެ. ކަނޑު މަހާއި އެއްގަމު މަސް މަރުވާ ވަގުތުން ފެށިގެން އެ އެއްޗެހީގައި ބެކްޓީރިއާ އިތުރު ވާން ފަށަ އެވެ. އެއް ބެކްޓީރިއާ ދެ ބެކްޓީރިއާ އަށް ވެ، ދެ ބެކްޓީރިއާ ހަތަރު ބެކްޓީރިއާ އަށް އިތުރު ވެ އެވެ. މި ގޮތަށް، ކޮންމެ މިނެޓަކުން ބެކްޓީރިއާ އިތުރުވަމުން ދެ އެވެ. މަސް ގަނޑު ކުރަން ޖެހެނީ އެ ގޮތަށް ބެކްޓީރިއާ އާލާވުން ހުއްޓުވުމަށެވެ. އެ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ.

ގަނޑު ކޮށްފައި ހުންނަ މަހުގެ ފިނި ކަނޑުވުމަށް ފަހު އަނެއްކާ ގަނޑު ކުރުމުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ދެ ވަނަ ފަހަރަށް މި ތަކެތި ފިނި ކަނޑުވާއިރު، މި ބެކްޓީރިއާތައް އާލާވެ، ފެތުރޭލެއް އަވަހެވެ. އަދި އޭގެ ސަބަބުން މަސް ނުބައިވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެގެންދެ އެވެ. އެހެންވެ، ބައެއް ފިހާރަތަކުން އަމަލު ކުރާ ގޮތަށް، ފްރީޒަރު ކަނޑާލާފައި ބެހެއްޓުމަށް ފަހު ހެނދުނު ޖައްސައި އަނެއްކާ އަލުން އެ ރޭ ފްރީޒަރު ކަނޑާލުމުން ސިއްހަތައް ގެއްލުން ލިބޭ ހިސާބަށް ދެ އެވެ.

"މިފަދަ ކަންކަމަކީ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެނގެން ވާނެ ކަންކަން. އޭގެ ސަބަބުން ސިއްހަތައް ލިބޭނެ ގެއްލުމާއި ހުރި ނުރައްކަލާ މެދު އެ ފަރާތަތްކުން ވެސް، އާއްމުން ވެސް ހޭލުންތެރިވާން ޖެހޭ،" ވިޝާމް ވިދާޅުވި އެވެ.

މުއްދަތު ހަމަވެފައި ހުންނަ މުދާ ވިއްކުމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ. ހަމަ އެ ގޮތަށް، ހަލާކުވެ، ކެއިން ބުއިމަށް އެކަށީގެން ނުވާ އެއްޗެހި ވިއްކަން ބެހެއްޓުމަކީ ވެސް މަނާ ކަމެވެ. މުދާ ގަންނަ ފަރާތާއި ވިއްކާ ފަރާތް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އެ ފަދަ ކުށެއް ކުރާ މީހެއް 5،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އޮވެ އެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ، އެ ތަނަކަށް ނުވަތަ އެ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލްކުރެވިދާނެ އެވެ.

މުއްދަތު ހަމަވެފައިވާ ތަކެތި ވިއްކުމާއި ކެއުމަށް އެކަށީގެން ނުވާ މަސް ފަދަ ތަކެތި ވިއްކުން ފަދަ ހުރިހާ ކަމަކުން ވެސް ސިއްހަތަށް ގެއްލުން ލިބި، ބަލިތައް ގިނަވެ އެވެ. އެކަމަކު، މިކަން ހަމައަކަށް ނޭޅި، ބޮޑުވުމުގައި ވިޔަފާރިވެރިންނެކޭ އެއް ވަރަށް އާއްމުންގެ ޒިންމާ ވެސް ބޮޑެވެ. އެގޮތުން، ތައްޔާރީ ކާނާ އާއި މަހުގެ ބާވަތްތައް ގަންނައިރު މުއްދަތު ހަމަވާ ތާރީހާއި މަހުގެ ފެންވަރަށް މާ ބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ތަކެތި ވިއްކުމުގައި ވިޔަފާރިވެރިޔާ ޒިންމާ ނަގަން ޖެހޭ ގޮތަަށް، ގަންނަ މީހާ ވެސް އެއީ ރަނގަޅު އެއްޗެހިތޯ ރަނގަޅަށް ބަލަންޖެހެ އެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން ލިބިދާނެ ގެއްލުމަކާ ދޭތެެރޭ ވިސްނާލައި މިފަދަ ކަންކަމަށް ދޭ އަހައްމިޔަތުކަން އިތުރު ކުރަން ޖެހެ އެވެ.

ޖަރާސީމާއި އެ ނޫން ވެސް ގޮތްގޮތުން ފެތުރޭ ބަލިތައް މިހާރު އާދަޔާ ހިލާފަށް ގިނަ އެވެ. ގިނަ ފަހަރަށް މިފަދަ ބަލިތައް އިތުރުވާ ސަބަބު ހޯދައެއް ނުގަނެވެ އެވެ. އެކަމަކު، މި ފަދަ ކަންކަން ހައްލުކުރަން އެޅިދާނެ މުހިއްމު ފިޔަވަޅެއް އެބައޮތެވެ. އާއްމުން ވެސް ސަމާލުވުމެވެ. މުސްކުޅިން ބުނެ އުޅޭ ގޮތަށް، ރައްކާވެ ތިބިއްޔާ ދަތުރެވެ.