މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން އަންނަ މަހުގެ 17ގައި

ނ. މާފަރުގައި އަލަށް ހަދާ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް އަންނަ މަހު 17ގައި ޖެއްސޭ ވަރަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.


ރީޖަނަލް އެއާޕޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިމި، އަންނަ އޮގަސްޓް މަހު ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

"ރަންވޭ އާއި ޓެކްސީ ވޭގައި ތާރު އަޅަން ފަށާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ. މިހާރު ވަނީ އެ ތަނުގެ އޭބީސީ ލޭޔަރު ވެސް ނިމި ތާރު އަޅަން ތައްޔާރުކޮށްފައި. ދެތިން ދުވަސް ތެރޭގައި އެ މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގެ ރަންވޭގެ ތާރުއެޅުމުގެ މަސައްކަތަށް ތައްޔާރުވެފައި: މަސައްކަތް ހަފްތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ.

އެ އޮފިޝަލް ވިދާޅުވީ، އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން 2،200 މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓުގެ ރަންވޭގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ޓާމިނަލްގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ސިންގަޕޫރުގެ ޓަފް އޮފްޝޯ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ އެއާޕޯޓަށް އެއާބަސް އޭ 320 މަރުކާގެ ބޯޓާއި ބޮއިން 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ އެވެ. އަދި އެ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ޓާމިިނަލެއްގެ އިތުރުން ވީއައިޕީ ޓާމިނަލެއް ވެސް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭގެ ތާރުއެޅުމުގެ މަސައްކަތަށް ތައްޔާރުވެފައި: މަސައްކަތް ހަފްތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ.

މާފަރު އެއާޕޯޓް ހަދަން ފުރަތަމަ ހަވާލުކުރީ، ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުން އުވާލައި އެ މަސައްކަތް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމްސް ރިސޯޓްސްއާ އެވެ.