އެމްޕީއެލްގެ މަސައްކަތް ހަލުވިކުރަން އިތުރު ސާމާނު ގަންނަނީ

މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އާ ސާމާނުތަކެއް ގަންނަން ނިންމައިފި އެވެ.


އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އަލަށް ގަންނަން ހަމަޖެހިިފައިވަނީ ހުޅުމާލެ އާއި މާލޭ ބަނދަރުން ބާޖުތަކަށް މުދާ އަރުވަން ޕެޑެސްޓަލް ކެރޭނާއި، ކޮންޓެއިނަރުތައް އުފުލަން އިތުރު އާރުޓީޖީ ކެރޭނަކާއި، އިތުރު ތިން ބާޖާއި، ޓަގެއްގެ އިތުރުން ޕައިލެޓް ލޯންޗެއް ކަމަށެވެ.

ހަލީމް ވިދާޅުވީ އެ އެއްޗެހި ގަންނަން މި މަހުގެ ތެރޭގައި ނުވަތަ އަންނަ މަހުގެ ކުރީކޮޅު އޯޑަރު ދޭނެ ކަމަށެވެ. އެ އެއްޗެހި ގަންނާނީ ފައިނޭންޝަލް ސްކީމެއްގެ ތެރެއިން ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަގުތައް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. ޓޯޓަލް އަގެއް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އަގުތަކެއް ލިބިގެން،" ހަލީމް ވިދާޅުވި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އެމްޕީއެލް އިން ވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވި ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން، 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ގެނެސްފަ އެވެ.

"ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރުގެ ފީއެއް ނަގަނީ އެމްޕީއެލްގެ މައްސަލައަކާ ގުޅިގެނެއް ނޫން"

މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވާތީ ކަމަށް ބުނެ އޮޕަރޭޝަން ކޮސްޓް ރިކަވަރީ (އޯސީއާރު)ގެ ނަމުގައި ސީއެމްއޭ ސީޖީއެމް ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރު (1،156ރ.)ގެ ފީއެއް ޓީޓީއެސް މޯލްޑިވްސް އިން މިއަދުން ފެށިގެން ނަގަން ފެށި ނަމަވެސް އެއީ އެމްޕީއެލްގެ މައްސަލައަކާ ގުޅިގެން ކުރި ކަމެއް ނޫން ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިހާރު ދިމާވާ ހުރިހާ ކަމެއް ހައްލުވެގެން ދާނެ ކަމަށެވެ. އަދި އޯސީއާރު ފަދަ ފީތައް ނުނެގުމަށް، ކޮންޓެއިނާ ލައިންތައް ގެންގުޅޭ އެޖެންޓުންނަށް ހަލީމް ގޮވާލެއްވި އެވެ.

"ކުރިއަށް އޮތް ތަނުގަ އަޅުގަނޑުމެންނަށް މި ކޮންޑިޝަންގެ [މި ހާލަތުގައި ދިމާވާ] ހުރިހާ މައްސަލަތަކެއް ހައްލުވެގެން ދާނެ. ޕޯޓުގެ އެފިޝިއަންސީ ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްގެން، ބަނދަރު ބޮޑު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެ މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މާލޭ ބަނދަރުން ޖާގަ ހުސް ކުރުމަށް، އެތަނުގައި ހުރި ހުސް ކޮންޓެއިނަރުތައް މިހާރު ވަނީ ހުޅުމާލެ އަށް ގެންދަން ފަށައިފަ އެވެ.

އޯސީއާރު ޗާޖު ނަގަން ފެށީ އެމްޕީއެލްގެ ސަބަބުން ނޫން ކަމަށް ހަލީމް ވިދާޅުވި އިރު، ސީއެމްއޭ ސީޖީއެމްގެ ބޯޓަކުން ވަނީ މާލޭ ބަނދަރަށް ބާލަން ޖެހޭ މުދާ ރާއްޖެ އަށް ނައިސް، ކޮލަމްބޯ ޕޯޓަށް ބާލައިފަ އެވެ. ސީއެމްއޭ ސީޖީއެމް އިން އެ ބޯޓުން މުދާ ގެންނަ ފަރާތްތަކަށް އިއްޔެ އަންގާފައިވާ ގޮތުން އެ މުދާތަށް ކޮލަމްބޯ ޕޯޓުން ރާއްޖޭ ޕޯޓަށް ރީރައުޓް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.