ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދޭ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށްދާ ކަމަށާއި އާ ޓާމިނަލްގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ އާ ޓާމިނަލްގެ ޕައިލް ޖެހުމާއި ޓާމިނަލް ސަރަހައްދުގައި ފެންސް ޖަހައި ނިމިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ މެއި، 2016 ގަ އެވެ. އޭރު އެމްއޭސީއެލް އިން ބުނެފައި ވަނީ އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަން ބޭނުން ކުރަން ފެށޭނީ 2019 ވަނަ އަހަރު ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ހުރި އާ ޓާމިނަލްގެ ކުރެހުން ދައްކައިދޭ ބޯޑެއް: އާ ޓާމިނަލްގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް އެމްއޭސީއެލް އިން ބުނި.

އާ ޓާމިނަލް ހަދަން ފަށާފައި ވަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގަ އެވެ.

އާދިލް ވިދާޅުވި ގޮތުގައި ކުންފުނިން މި ވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންދަނީ އާ ރަންވޭ ނިންމުމުގެ މަސައްކަތެވެ. އަދި އެ ކުންފުނިން ލަފާކުރަނީ އާ ރަންވޭގެ މަސައްކަތް އަންނަ މަހުގެ 30 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިޔަށް ދަނީ ރަންވޭގެ މަސައްކަތްތައް. ރަންވޭގެ މަސައްކަތް ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ރަންވޭގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމުމަށްފަހު، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޓެސްޓް ފްލައިޓެއް ޖެއްސުމަށް ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ.

އެ އެއާޕޯޓުގައި އަލަށް ހަދާ ރަންވޭގައި މިހާރު ވަނީ ސެންޓަ ލައިޓް އާއި ބޯޓު ޖައްސަން އަންނަ ޒޯނުގައި ހުންނަ އެޕްރޯޗް ލައިޓް ހަރުކުރަން ފަށައިފަ އެވެ. މީގެ އިތުރުން ރަންވޭގެ މެދު ބައި ނިންމުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ވެސް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.