ވެލާނާ އެއާޕޯޓުގެ އެޕްރޯޗް ލައިޓްތައް ޖަހަން ހުޅުލޭގެ ފުއްޓަރުން ބައެއް ހިއްކައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭއަށް މަތިންދާބޯޓު ޖައްސަން އަންނައިރު ރަންވޭގެ ކޮޅުން ފެންނަން ހުންނަ، އެޕްރޯޗް ލައިޓްތައް ހަރުކުރުމަށް ހުޅުލޭގެ ދެކުނު ފަރާތު ފުއްޓަރުން ބައެއް ހިއްކައި ލައިޓް ހަރުކުރަން ނިންމައިފި އެވެ.


އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ހަދާ ރަންވޭގެ 36 ކޮޅުގައި ލައިޓްތައް ހަރުކުރެވޭނީ ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރަން އަލަށް ހަދާ ހައިވޭ ހުރަސްކޮށް، ހައިވޭގައި ދުއްވާ ވެހިކަލް ތަކުން ލައިޓްތަކަށް އެއްވެސް އުނދަގުލެއް ނާންނަ ގޮތައް ވެހިކަލްތަކުގެ މަތިން ދިއްލިފައި ހުންނަގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ލައިޓް ޕެޑް އޭރިއާގެ ނަމުގައި ހިއްކައިގެން ހަދާ ސަރަހައްދާއި ހައިވޭގެ ދެ ފަރާތުގައިގައި ވެސް އެޕްރޯޗްލައިޓް މާސްޓް ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން އަންނަނީ އާ ރަންވޭގައި ސެންޓަ ލައިޓް އާއި ބޯޓު ޖައްސަން އަންނަ ޒޯނުގައި ހުންނަ އެޕްރޯޗް ލައިޓް ހަރުކުރަން ފަށައިފަ އެވެ. މީގެ ކުރިން ރަންވޭގައި ހުންނަނީ ހަމައެކަނި އެޕްރޯޗް ލައިޓެވެ.

ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ އެޕްރޯޗް ލައިޓް ހަރުކުރަން ފުއްޓަރު ފަރާތުން ބައެއް ހިއްކާފައި. ފޮޓޯ: އެމްއޭސީއެލް

އެ ރަންވޭގެ ނުނިމި އޮތީ ހަމައެކަނި މެދު ބައި އެކަންޏެވެ. އެ ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެ ތަނުގައި ހުރި ޓީއެމްއޭގެ ސީޕްލޭން ހެނގަރު އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވިގެންނެވެ. ރަންވޭ މެދުގައި ހުރި ހެނގަރު ބަދަލުކުރަން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކައިރީގައި ހަދާ ހެނގަރުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެ ބައިގެ ތާރު އަޅަން ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްއޭސީއެލް އިން ދާދިފަހުން ބުނެފައި ވަނީ އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް މިމަހުގެ 30 ގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.