އާ ރަންވޭއަށް ޖައްސާ ފުރަތަމަ ބޯޓު އާބޫދާބީން ފުރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ޖައްސަން އަންނަ ފުރަތަމަ އެއާބަސް އޭ380 މަރުކާގެ ބޯޓު ޔޫއޭއީގެ އަބޫ ދާބީން ފުރައިފި އެވެ.


ޔޫއޭއީގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓު، ދިވެހި ޕައިލެޓަކާ އެކު، ފުރީ މިއަދު ހެނދުނު 10:28 ގަ އެވެ. އެ ބޯޓު ވީއައިއޭގެ އާ ރަންވޭއަށް ޖައްސާނެކަމަށް ލަފާކޮށްފައި ވަނީ 3:45 ގަ އެވެ.

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވެސް މި ފްލައިޓުން ރާއްޖެ އަންނާނެ އެވެ.

ރާއްޖެއަށް އަންނަ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861- 380 މަރުކާގެ ބޯޓުގެ ބޭރުގައި ޖަހާފައި ވަނީ "އިޔާ އޮފް ޒައިޑް 2018" އެވެ. އެ ގޮތަށް ޖަހާފައި ވަނީ ޔޫއޭއީގެ ބާނީ ޝެއިޚް ޒައިދު ބިން ސުލްތާން އަލް ނަހުޔާން އުފަންވިތާ މި އަހަރު 100 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށެވެ.

އެ ބޯޓު ހުޅުލެއަށް ޖެއްސުމުގެ ކުރިން 1،000 ފޫޓަށް ތިރިކޮށް، މާލެ ވަށައި ބުރެއް ޖަހާނެ އެވެ.

މަތިންދާބޯޓު ޖެއްސުމަށް ފަހު ދެން އޮންނާނީ ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން އެންމެ 200 ފޫޓު މަތިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށް ދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 4:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގަ އެވެ.

މިއަދު އިފްތިތާހުކުރާ، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.