"ސޮނީ" ގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ވެސްޓޯ ޕްރައިވެޓް ލިމިޑެޓް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި މަގުބޫލް، ޖަޕާނުގެ ސޮނީގެ އުފެއްދުންތައް ވިއްކަން ވެސްޓޯ އިން ހެދި ޝޯރޫމެއް ހުޅުމާލޭގެ ކޮމާޝަލް ބްލޮކްގައި މިރޭ ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ހަމައެކަނި ސޮނީ އުފެއްދުންތައް ވިއްކަން ހުޅުވާ ފުރަތަމަ ޝޯރޫމެވެ. މީގެ ކުރިން އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ރީފްސައިޑުން ވެސް ސޮނީ އުފެއްދުންތައް އެތެރެކޮށް ވިއްކާފައިވެ އެވެ.
ހުޅުމާލޭގެ ހޮސްޕިޓަލް ހުންނަ ހުވަނދުމާ ހިނގުމުގައި ހަދާފައިވާ ޝޯރޫމް ހުޅުވުމަށް މިރޭ 8:00 ގައި ބޮޑުބެރާއި ލައިވް މިއުޒިކާއެކު ހާއްސަ ހަފުލާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ވެސްޓޯގެ އިސް އޮފިޝަލަކު ވިދާޅުވީ އެތަނުން އެންމެ ފަހުގެ ސޮނީ ބްރާވިއާ އޯލެޑް، އެކްސްޓްރާ ޕްރޮޓެކްޝަން، ފުލް އެޗްޑީ، ސުޕަ 43، 4ކޭ އެޗްޑީއާރު ޓީވީ އާއި ވަޔަލެސް ސްޕީކަރާއި ހޯމް ތިއޭޓާ ސިސްޓަމް ފަދަ ސޮނީގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ. އަދި ޕީއެސްފޯ އާއި އެންމެ ފަހުގެ ކެމެރާތައް ވެސް ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ސޮނީގެ ފުލް ރޭންޖުގެ ހުރިހާ އުފެއްދުމަކާއެކު ރާއްޖޭގައި ހުޅުވާ ފުރަތަމަ ޝޯރޫމް. ސޮނީއަކީ ދިވެހިންނަށް އިތުރު ތައާރަފެއް ބޭނުންވާނެ މަގުބޫލް ބްރޭންޑެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ވެސްޓޯއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި މޮބައިލް ފޯނު ވިއްކާ ކުންފުންޏެކެވެ.