ދިރާގު ފައިބާ އާއި ޓީވީގެ ހިދުމަތް ބ. ތުޅާދު އަށް

ދިރާގު ހައިސްޕީޑް ފައިބާގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދޫގައި ތައާރަފް ކޮށްފި އެވެ.


ބ. ތުޅާދޫގެ އިތުރުން އެ އަތޮޅު އޭދަފުއްޓާއި ދަރަވަންދޫގައި ވެސް ދިރާގުން ވަނީ މި ހިދުމަތްތައް ގާއިމުކޮށްދީފަ އެވެ.

ދިރާގުން ފައިބާގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބާ ޓު ދަ ހޯމް"ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 41 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

ފައިބާ ބްރޯޑް ބޭންޑަކީ، ބްރޯޑް ބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖާއެކު ރާއްޖޭގައި މި ވަގުތު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑް ބޭންޑް ހިދުމަތެވެ. އެ ހިދުމަތް މިހާރު ގދ. ގައްދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ފުރިހަމަ އަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑް ބޭންޑް ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ގޭގެ އަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރި އަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.