ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ތިން ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު!

ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް ބ. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ފަށައިފި އެވެ.


"ޕްލާންޓް އަ ލެގަސީ" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ކޮންމެ މީހަކަށް ވެސް، ބ. ކިހާދޫގެ ކުޑަކުދިންގެ ޕާކާއި ޕާކުގެ ވަށައިގެންވާ ސަރަހައްދުގައި އިންދަން ގަހެއް ގަނެވިދާނެ އެވެ. ގަސްތައް ވިއްކަން ހުރި އަގު، ކިޑްސްގެ ވެބްސައިޓްގައި ވަނީ ޖަހައިފަ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބ. އަތޮޅު ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބެނީ ގަސް ހަދިޔާކުރާ މީހުންގެ މެދުގައި ގުރުލައިގެން، ދެ މީހަކަށެވެ. އެކަމަކު ގުރުން ހޮވޭ ކޮންމެ މީހަކަށް ވެސް އިތުރު މީހަކު، އެ ދަތުރުގައި ބައިވެރިކުރެވޭނެ ކަމަށް، ކިޑްސް އިން ބުންޏެވެ.

މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުޑަކުދިންގެ ޕާކް ތަރައްގީކުރުމެވެ. ޕާކްގައި އިންދަން ކަނޑައަޅާފައި ވަނީ 330 ގަހެވެ. މީހަކަށް ގިނަވެގެން ހަދިޔާކުރެވޭނީ 15 ގަހެވެ. އޭގެ ބޭނުމަކީ، ކިޑްސް އިން ބުނި ގޮތުގައި، ތިމާވެށީގެ މިކަހަލަ ޕްރޮގްރާމެއްގައި ބައިވެރިވާން ބޭނުން ގިނަ ބަޔަކަށް ފުރުސަތު ދިނުމެވެ.

ގަސް އިންދަނީ ހަދިޔާކުރާ މީހާގެ ނަމުގަ އެވެ. އެކަމަކު އެއިން އެއްވެސް ގަހެއް އެމީހެއްގެ މިލްކަކަށް ނުވާނެ އެވެ. އަދި ފަސް އަހަރު ވަންދެން އެ ގަސްތައް ބެލެހެއްޓުމުގެ ޒިންމާ، ކިޑްސް އިން ނަގަ އެވެ.

ކިޑްސް އިން ބުނީ ގަސް ހެދެމުންދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ކިޑްސް އާއި ކިހާދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ދެމިގެންދާނީ މި މަހުގެ ނިޔަލަށެވެ.