މަޓާޓޯގެ ރަައީސްކަމަށް އަބްދުﷲ ސުއޫދު އިންތިހާބުކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) ގެ އާ ރައީސަކަށް އެ ޖަމިއްޔާގެ ނައިބު ރައީސް ކަން ކުރެއްވި އަބްދުﷲ ސުއޫދު އައްޔަނު ކޮށްފި އެވެ.


މަޓާޓޯގެ ކުރިޔަށް އޮތް ހަތަރުގެ ދައުރަށް ރައީސްކަމުގެ މަގާމަށް ސުއޫދު އިންތިހާބު ކުރީ ހޮޓެލް ޖެންގައި ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ރައީސް އިންތިހާބު ކުރުމުގެ އިތުރުން، އެ ޖަމިއްޔާގެ ބޯޑަށް ވެސް ވަނީ އާ ބޭފުޅުން އައްޔަނު ކުރައްވައިފަ އެވެ. އެގޮތުން މުހައްމަދު ފިރާގު، އައިމިނަތު ނީނާ ނިޒާރު، މުހައްމަދު ހަލީލް، އިގްނާޒް މަންސޫރު އަދި ހާތިމް ހަސަން އައްޔަނު ކުރުމަށް ވަނީ އެ ޖަލްސާގައި ފާސްކޮޮށްފަ އެވެ.

މަޓާޓޯގެ ރައީސް ކަމުން ވަކިވަމުން ގިޔާސް ވަނީ އެ ދައުރުގައި އެ ޖަމިއްޔާ ހޯދި ކާމިޔާބީތަކާއި، ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރި ގިނަ ކަންތައްތައް ފާހަގަކޮށްފަ އެވެ. އެގޮތުން އެ ޖަމިއްޔާގެ އާމްދަނީ ކުރިން 300،000 ރުފިޔާގައި ހުރި ނަމަވެސް މިހާރު އެ އަދަދު ހަތަރު މިލިޔަނަށް ވުރެ އިތުރު ވެފައިވާ ކަމަށް ގިޔާސް ފާހަގަ ކުރެއްވި އެވެ.

މަޓާޓޯގެ ކުރީގެ ރައިސް އަބްދުﷲ ގިޔާސް ރިޔާޒް | ފޮޓޯ: އަހުމަދު ނިޝާތު

އިއްޔެ ބޭއްވި ޖަލްސާގައި ފާސް ކުރި ކަންތައްތަކުގެ ތެރެއިން މަޓާޓޯގެ މެމްބަރު ކަމުގެ ފީ 5،000 ރުފިޔާއިން 7،000 ރުފިޔާ އަށް ވަނީ އިތުރުކޮށް، ނޮން ވޯޓިން މެމްބަރުންގެ ފީ 3،000 ރުފިޔާއިން 5،000 ރުފިޔާ އަށް ވަނީ ބޮޑު ކޮށްފަ އެވެ. އަދި އިންޑިޕެންޑެންޓް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ކޮށްގެން އެ ޖަމިއްޔާ ހިންގަން ކުރިން ފާސްކުރި ނިންމުން ހޯމް މިނިސްޓްރީން ބަލައި ނުގަތުމުން އަލުން އެ ނިންމުން ވެސް ވަނީ ފާސްކޮށްފަ އެވެ.

މަޓަޓޯގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ މެމްބަރުން ކަންކަން ފާސް ކުރުމަށް ވޯޓު ލަނީ | ފޮޓޯ: އަހުމަދު ނިޝަތު

އޭގެ އިތުރުން އިއްޔެ ފާސް ކުރި ކަންތަައްތަކުގެ ތެރޭގައި މަޓާޓޯ ރީ ބްރޭންޑް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ރާއްޖޭގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި މަޓާޓޯ އެކުގައި ޕާޓާ މޯލްޑިވްސް ހިންގުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.