ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރަން ގެސްޓްހައުސް އެސޯސިއޭޝަން މުމްބާއީ އަށް

މުމްބާއީގައި ބާއްވާ އެންމެ ބޮޑު ޓްރަވެލް ޓްރޭޑް ފެއާގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބައިވެރިވެއްޖެ އެވެ.


ޖީއޭއެމް އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްއާރުޕީސީ) އާއެކު މިފަދަ ފެއާއެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

މި މަހުގެ 23 އިން 25 އަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ މެދުފަންތީގެ ޓޫރިޒަމް ޕްރޮމޯޓްކުރާނެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ގޯ އެއާ އާއި އިންޑިގޯގެ ދަތުރުތަށް ރާއްޖެއަށް ފެށުމާއެކު އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް އަދިވެސް އިތުރުކުރުން ކަމަށެވެ.

މި ފެއާގައި ގެސްޓް ހައުސް އެސޯސިއޭޝަނުން ރާއްޖެ ޕްރޮމޯޓްކުރަނީ "ލޯކަލް އައިލެންޑް ޓުއަރިޒް" ޝިއާރުގެ ދަށުން ކަމަށާއި އެއަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.