އާ ރަންވޭ ބޭނުންކުރަން ފަށާނީ އޮގަސްޓް ހިސާބުގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ އާންމުކޮށް ބޭނުންކުރަން ހުޅުވާލެވޭ ވަރު ވާނީ އަންނަ އޮގަސްޓް މަހު ކަމަށް އެތަން ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، ރަންވޭ ހުޅުވުން ލަސްވީ ހޯދަންޖެހޭ ހުއްދަތަކާއި އެ ސަރަހައްދުގެ ބައެއް މަސައްކަތްތަކާ ގުޅިގެން ކަމަށެވެ.

އާ ރަންވޭގެ ހުރިހާ މަސައްކަތްތައް ނިންމާފައިވާއިރު، އެއީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށް ވާ އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ގޮތަށް ތަރައްގީ ކޮށްފައިވާ ރަންވޭ އެކެވެ. ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެ އެވެ.

އެއާޕޯޓުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ރަންވޭ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ. ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި އެ ތާރީޚީ ދުވަހު، އާ ރަންވޭ އަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ.

ހަސަން ވިދާޅުވީ، އެއާޕޯޓުގެ އިރުމަތީގައި އަލަށް ތަރައްގީ ކުރާ އޭޕްރަން ހުޅުވުމާ ގުޅޭ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެ އޭޕްރަންގައި ބޮޑެތި ހަތަރު ބޯޓަށް ޕާކު ކުރެވޭއިރު ކުދި ބޯޓު ނަމަ އަށެއްކަ ބޯޓު އެ ތަނުގައި ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭޕްރަންގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމިފައިވާ އިރު މިހާރު ކުރިއަށް ގެންދަނީ ލައިޓް ހަރުކުރުމުގެ ކަންކަމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅަނގު އޭޕްރަން އަކާއި އުތުރު އޭޕްރަންއެއް އޮވެ އެވެ. އެގޮތުން އުތުރު އޭޕްރަންގައި 25 ކުދި ބޯޓު ބޭއްވެ އެވެ. އާންމު ގޮތެއްގައި ހުޅަނގު އޭޕްރަން ބޭނުން ކުރާނީ ޖެޓްތައް ޕާކު ކުރުމަށެވެ.

އާ އޭޕްރަންއާ އެކު އެއާޕޯޓުގެ ކެޕޭސިޓީ އިތުރަށް ބޮޑުވާނެ އެވެ. އޭޕްރަންގެ އިތުރުން އެއާޕޯޓު އެތެރޭގެ މަގު ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، އެ މަގުގެ ތާރު އެޅުމުގެ 30 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އަދި މަގުގައި ފެންސް ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފަ އެވެ. އެއާޕޯޓް އެތެރޭގެ މަގު އޮންނަނީ ބްރިޖާ ގުޅިފައިވާ ހައިވޭ އާއި ޖެހިގެން އޮންނަ ޓީއެމްއޭގެ ބަސްތައް ދަތުރުކުރާ މަގާ ޖެހިގެންނެވެ.

އެއާ ސައިޑް ޕެޓްރޯލް މަގުގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުރެ އެވެ. މި މަސައްކަތް ނިމުމުން އެއާޕޯޓުގެ އިރުމަތީ އޭޕްރަން އާއި ހުޅަނގު އޭޕްރަންއާ ގުޅައިލާނެ އެވެ.