ކޮކާ ކޯލާ އިން ފެށި ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ކޮކާ ކޯލާ އިން އިންގްލިޝް ޕްރިމިއާ ލީގަށް ޚާއްސަކޮށްގެން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.


އެ ޕްރޮމޯޝަނަކީ ރާއްޖޭގައި ފުޓްބޯޅަ އަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެކެވެ. އެގޮތުން ފުރަތަމަ ބުރުގައި ހޮވުނު ފަރާތްތަކަށް އިއްޔެ ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ހަތަރު މީހަކަށް ވަނީ ޕްރިމިއާ ލީގު މެޗެއް ބަލައިލުމުގެ ފުރުސަތު ލިބިފަ އެވެ. މެޗު ބަލައިލުމަށް ހޮވުނު ނަސީބު ވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އިތުރު އެކަކު ގެންދެވޭނެ އެވެ. އެހެން ކަމުން މި ހޮވުނު ހަތަރު މީހުންނާ އެކު ޖުމްލަ އަށް މީހަކަށް މެޗު ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ކޮކާ ކޯލާ އިން ބުންޏެވެ.

މީގެ އިތުރުން އެ ޕްރޮމޯޝަންގައި 31 ފަރާތަކަށް ވަނީ އެލްއީޑީ ޓީވީއެއް އިނާމެއްގެ ގޮތުގައި ދީފަ އެވެ. ޕްރޮމޯޝަންގައި ނަސީބުވެރިން ހޮވީ ކޮކާ ކޮލާގެ 300 އެމްއެލާއި 500 އެމްއެލްގެ އިތުރުން 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު އެސްއެމްއެސް ކުރި ފަރާތްތަކުގެ ތެރެއިންނެވެ.

އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން ކޮލާ ކޯލާގެ މި ސަރަހައްދުގެ މާކެޓިން މެނޭޖާ އަމަރުނަތު ދައްތާ ވިދާޅުވީ، މި ޕްރޮމޯޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ޕްރޮމޯޝަން މި މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެ އެވެ. އިތުރު ތިން މީހަކަށް މެޗު ބަލައި ލުމުގެ ފުރުސަތާއި 14 ފަރާތަކަށް އެލްއީޑީ ޓީވީއެއް ލިބޭނެ ކަމަށް ވެސް ކޮކާ ކޯލާ އިން ބުންޏެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ބާއްވާ ފުޓްބޯޅަ ހަރަކާތްތައް ޕްރޮމޯޓް ކުރުމަށްޓަކައި ހާއްސަ ހަރަކާތްތައް ކުރިޔަށްގެންގޮސްފަ އެވެ. އެގޮތުން ރާއްޖެއަށް 2018 ވަނަ އަހަރު ފީފާ ޓްރޮފީ ގެނައުމުގައި ވެސް ކޮކާ ކޯލާއިން ވަނީ ބައިވެރިފަ އެވެ.

ކޮކާ ކޯލާ އިން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި އިންގްލިޝް ޕްރިމިއާ ލީގާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށްފަ އެވެ.