ޓްވިޓާގައި ޓިމް ކުކްގެ ނަން ޓިމް އެޕަލް އަށް ބަދަލުކޮށްފައި.
09 މާޗް 2019 - 09:52
މަޝްހޫރު އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްގެ ނަމަށް ކުއްލި ބަދަލެއް އަތުވެއްޖެ އެވެ. މިހާރު އޭނާގެ ނަމަކީ "ޓިމް އެޕަލް" އެވެ. ޓްވިޓާގައި ވެސް ޓިމް މިހާރު ބޭނުންކުރަން ފަށާފައި މި ވަނީ އެ ނަމެވެ. އެގޮތުން ޓީމުގެ ފަހަތަށް ކުކްގެ ބަދަލުގައި މިހާރު އިންނަނީ އެޕަލް ކުންފުނީގެ ލޯގޯ ކަމަށްވާ، ތަންކޮޅެއް ކައިލައިފައި އިންނަ އާފަލެވެ.
ޒަމާންތަކަކަށް ފަހު މަޖަލަކަށް ހަދާފައި ނަމަވެސް ޓިމް ކުކް ނަން ބަދުލުކޮށްފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބުދަ ދުވަހު ވައިޓްސް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕަށް އޮޅިވަޑައިގެން ޓިމް ކުކްގެ ނަން ވިދާޅުވި އިރު، ޓިމް އެޕަލްއޭ ވިދާޅުވެވުމުންނެވެ.
Trump just called Apple CEO Tim Cook “Tim Apple” pic.twitter.com/gTHHtjWvc9
— Sean O'Kane (@sokane1) March 6, 2019
އެމެރިކާގެ ވޯކްފޯސް ޕޮލިސީ އެޑްވައިޒަރީ ބޯޑާ އެކު ބޭއްވި ބައްދަލުވުމުގައި ޓިމް ކުކްގެ ފަރާތުން ލިބިވަޑައިގަންނަވާ އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވަމުން ޓްރަމްޕަށް ވިދާޅުވެވުނީ "ޓިމް އެޕަލް، އެކަން ވަރަށް ބޮޑަށް ބަލައިގަންނަން" ކަމަށެވެ.
ޓްރަމްޕްގެ މި ބަސްކޮޅު ގިނަ ބަޔަކަށް ފާހަގަކުރެވިގެން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ބަނީ ޓިމް ކުކްގެ ނަން ޓިމް އެޕަލް އަށް ބަދަލުކުރަން އެދޭ ކަމަށް ވެސް ބުނެފަ އެވެ. އެއަށް އިޖާބަ ދެއްވަމުން ޓިމް ކުކްގެ ޓްވިޓާ އެކައުންޓް ޓިމް އަށް އެޕަލް އަށް ބަދަލުކޮށްލެއްވީ އެވެ.
Ira, we’re glad to hear that your brother was able to get medical attention in time. Hope he is doing well. https://t.co/fbwrbjPavS
— Tim (@tim_cook) March 7, 2019
ޓިމް ކުކްގެ ޓްވީޓެއް.
ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލްގެ ސީއީއޯގެ މަގާމާ ޓިމް ކުކް ހަވާލުވެވަޑައިގަތީ 2011 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
10 March 2019
އާނ.. ބޮޑުކައްކާގެ ނަމުން މުހާތަބުކުރުގެ ބޭނުމެއް ނެތް. ޓިމް ބޮޑުއާފަލު މީ މާ ރީތި ނަމެއް.
އަމީރު އަހުމަދު
10 March 2019
މި ބްރައުސާ އަކަށް އެޕަލް އައިކޮން އެއް ނުފެނެ. ކީއްވެ؟ ހީވަނީ މީ ހަމައެކަނި އެޕަލް ޑިވައިސްއަށް ފެންނަ ފޮންޓް ކެރެކްޓަރ އެއް ހެން.