އާ ޓާމިނަލަށް އަނެއްކާވެސް ބަދަލު ގެންނަނީ!

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕްއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ހަދަން ފެށި ވީއައިއޭގެ އާ ޓާމިނަލަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އާ ސަރުކާރުން ބޭނުންވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރާށެވެ. އަދި ޓާމިނަލްގެ އެހެން ބައެއް ޑިޒައިންތަކަށް ވެސް ބަދަލުތައް އަންނާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަދި އެއްވެސް މައުލޫމާތެއް ހާމައެއްނުކުރެ އެވެ. އެކަމަކު 350 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓާމިނަލަށް ބަދަލުތަކެއް އަންނަ ވާހަކަ އެ ކުންފުނިން ދޮގެއް ވެސް ނުކުރެ އެވެ.

އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދޭ ގޮތަށް ފަރުމާކުރި ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. ޓާމިނަލް ހަދަނީ، މިހާރު ހުރި ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖެހިފައިވާ މަޝްރޫއު ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016 ގަ އެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ވިދާޅުވީ އާ ޓާމިނަލް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގައި ކަމަށެވެ.