ރޯދަ މަހާ ދިމާކޮށް ކުންފުނީގެ މަސައްކަތްތައް އަވަސްކުރަން އިތުުރު މުވައްޒަފުންނާއި ވެހިކަލްތައް ވެސް ހޯދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ވިދާޅުވީ، ރޯދަ މަހަކީ އާންމުކޮށް މާލޭގައި ކުނީގެ މިންވަރު ދެ ގުނަ އަށް އިތުރުވާ ދުވަސްތަކެއް ކަމަށެވެ. އެހެންވެ ކުނީގެ މައްސަލަ ކޮންމެ އަހަރަކު ވެސް ރޯދަ މަހު އިތުރަށް ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ރައްޔިތުން ވެސް ކުނި އުފައްދާ މިންވަރު އެ ދުވަސްވަރު ވީހާވެސް ކުޑަ ކުރައްވާށޭ. ކުނި މެނޭޖްކުރުމަކީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރެވޭނެ ކަމެއް. ރައްޔިތުން މިކަމުގައި ޒިންމާދާރުވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ އެކުންފުނީގެ 70 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިން ކަމަށާއި މެންދުރު ފަހު މަސައްކަތް ފެށި ނަމަވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.
އާންމުކޮށް ދުވާލެއްގެ މައްޗަށް ވެމްކޯ އިން 1،150 ޓަނުގެ ކުނި މާލެއިން އުފުލަ އެވެ. މިކަމަށްޓަކައި މިހާރު މާލޭގައި ތިން ވެހިކަލް ހަރަކާތްތެރި ވާއިރު ހުޅުމާލޭގައި އެއް ވެހިކަލް ހަރަކާތްތެރިވެ އެވެ.