ސްނެޕް އިންކްގެ ގޭމިން ޕްލެޓްފޯމް އަންނަ މަހު ލޯންޗް ކުރާނެ.
18 މާޗް 2019 - 07:30
މަޝްހޫރު މެސެޖިން އެޕް ސްނެޕްޗެޓްގެ ބެލެނިވެރި ކުންފުނި ސްނެޕް އިންކުން، ގޭމް ކުޅެވޭ ޕްލެޓްފޯމެއް އަންނަ މަހުގެ ތެރޭގައި ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކްނޮލޮޖީއާ ގުޅުން ހުރި ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ސްޕެނުން އާންމުންނަށް ދޫކޮށްލާ ގޭމިން ޕްލެޓްފޯމް މިހާރު އޮތީ ތަރައްގީކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އަދި މީގެ ކޯޑް ނަމަކަށް ދީފައި ވަނީ "ޕްރޮޖެކްޓް ކޮގްނެކް" އެވެ.
ގޭމިން ޕްލެޓްފޯމެއް ވުޖޫދަށް ގެންނަކަން ސްނެޕުން މިދިޔަ އަހަރު އިއުލާންކުރި ނަމަވެސް މިހާތަނަށް މިކަމާ ބެހާ އެއްވެސް ތަފުސީލެއް އެ ކުންފުނިން ހިއްސާކޮށްފައެއް ނުވެ އެވެ.
ޗެޑާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްލެޓްފޯމުން ތަފާތު އެތައް ވައްތަރެއްގެ އޮރިޖިނަލް ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެންދާ އިރު ސްނެޕުން ބޭރު ޑިވެލޮޕަރުންގެ ގޭމްތައް ވެސް މީގެ ތެރެއަށް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި "ޕްރޮޖެކްޓް ކޮގްނެކް" ވެގެން ދާނީ ސްނެޕްޗެޓްގެ އަހުލުވެރިންނަށް ފަސޭހަކަމާ އެކު ބޭނުންކޮށްލެވޭ އެއްޗަކަށެވެ.
ޗެޑާ އިން ބުނި ގޮތުގައި ސްނެޕްގެ ގޭމިން ޕްލެޓްފޯމް ތައާރަފު ކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 4 ގައި އެމެރިކާގެ ލޮސް އެންޖެލިސްގައި ބާއްވާ ސްނެޕްގެ ފުރަތަމަ ކޮންޓެންޓް އެންޑް ޑިވޮލޮޕާ ޕާޓްނާޒް ސަމިޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy