އެމްއެމްއޭގެ އޮންޓަޕްރަނާސް ފޯރަމްގައި ބައިވެރިވި މީހުން--ފޮޓޯ:އެމްއެމްއޭ
31 މާޗް 2019 - 14:02
އެމްއެމްއޭ އިން ކުރިއަށް ގެންދާ، ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތު އޮންޓަޕްރަނާސް ފޯރަމް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވައިފި އެވެ.
މި ފޯރަމް ބާއްވާފައި ވަނީ ހދ. ކުޅުދުއްފުއްޓާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫގަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އަތޮޅު ތެރޭގައި މި ބޭއްވި ފޯރަމްތަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ދީ ބިޒްނަސް ޕްލޭނެއް އެކުލަވާލާނެ ގޮތާއި ރާއްޖޭގައި ވިޔަފާރިއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު މި ފޯރަމްތަކުގައި ދީފައިވެ އެވެ.
އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށްދާ މީހުން ފޯރަމްގެ ބައިވެރިންނަށް ވަނީ އެ މީހުންނަށް ދިމާވި ގޮންޖެހުންތަކާއި އެ ކަންތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ވެސް ދީފަ އެވެ.
އެމްއެމްއޭއިން ބޭއްވި އޮންޓަޕްރަނާސް ފޯރަމް ކުރިއަށްދަނީ--ފޮޓޯ:އެމްއެމްއޭ
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.
މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމްތައް ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy