24 އެޕްރީލް 2019 - 13:17
އެއާޕޯޓް ޑިވެޕޮލްމެންޓް ޗާޖުގެ ގޮތުގައި ދައުލަތަށް 547 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން ޓެކުހުން ނޫން ގޮތްގޮތަށް ލިބޭ އާމްދަނީތަކުގެ ތެރެއިން މިދިއަ ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އިންނެވެ.
އޭޑީސީގެ ގޮތުގައި މި އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ލަފާކުރި އާމްދަނީގެ 42 ޕަސެންޓް މިވަނީ ލިބިފަ އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން އޭޑީސީ ނަގަ އެވެ. އެގޮތުން ދިވެއްސެއް ނަމަ 12 ޑޮލަރު އަދި ބިދޭސީއެއް ނަމަ 25 ޑޮލަރު ނަގަ އެވެ.
އޭޑީސީގެ އިތުރުން އެންމެ ބޮޑު އާމްދަނީއެއް އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނީ ރިސޯޓު ކުލިންނެވެ. އެ ގޮތުން 459 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރުގެ މިހާތަނަށް ޓެކުހުން ލިބުނު އާމްދަނީ 5.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޓެކުހުން ނޫން ގޮތްގޮތަށް 1.4 ބިލިއަން ރުފިޔާ ލިބުނު އިރު އޭގެ 39 ޕަސެންޓަކީ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖެވެ.
މި އަހަރުގެ ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުން ދައުލަތުގެ އާމްދަނީ އުޅޭނީ 23 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް ލިބުނީ ހަތް ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް ހުސެން
25 April 2019
މިވަރު ލިބޭއިރު ޗައިނާގެ ލޯނުތައް އެއްބަސްވީ މުއްދަތުގެ ކުރިންވެސް ނުދެއްކެންވީ ސަބަބެއްނެތް. މީ ގައުމު ވިއްކާލާ ދަރަނީ ކުރިއޭ ބުނިމީހުންނައް ލޮލުގަ މައްސަލަނެތީއާ ފެންނަން ހުރި ހަގީގަތް. އެކަމު ސިޔާސީ މަންފާއެއް ހޯދަން ޗައިނާގެ ލޯނުނުދައްކާ އިންޑިޔާއިން ބިލިޔަނުން ލޯނުނެގިޔަސް ރައްޔިތުމީހާޔައް ކުރާނެ ފައިދާއެއްނެތް.
ރައީށް ނަސީދް
24 April 2019
ރައީސް ޔާމިން އަށް ފަށްފަށުން ޝުކުރުދަންނަވަން. އަޅުގަޑު ހެދި ގޯސް ރަގަޅުހުކޮއްދެއްވީމަ.