ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ

ރިސޯޓުތަކާއި ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މޫދަށާއި ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ގެނބުން ފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.


އެ މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މޫދު ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަން "ވޯޓާ ސޭފްޓީ" ޕްރޮގްރާމެއް ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ.

މިއީ، މޫދަށް އެރި އުޅެނިކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ، އެ ފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފަށާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ގުޅޭ ހަރަކާތް ފުރަތަމަ ފަށަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. ސަބަބަކީ އެއީ ގެސްޓް ހައުސް އެނދު އެންމެ ގިނައީ އެތަނުގައި ކަމަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ އިންޑަސްޓްރީ ފުޅާވެފައި އޮތް ވަރުން ސޭފްޓީ ކޮމްޕްރޮމައިސް ކުރާކަށް އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބޭނުމެއް ނޫން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، މޫދުގައި ދިމާވާ އެކި ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ ޕްރޮގްރާމް ހިންގާނީ ޓޫރިސްޓު ޕޮލިހާއި ކޯސްޓް ގާޑާއި ގެސްޓް ހައުސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

"އަޅުގަނޑުމެން ޔަގީންކަންކޮށްދޭން ބޭނުންވޭ މި ސަރުކާރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގެ އޮތް އެންމެ ސޭފް މަންޒިލްކަމަށް ދަމަހައްޓާނެކަން."

ހުޅުމާލޭގައި "ވޯޓާ ސޭފްޓީ" ޕްރޮގްރާމް ފުރަތަމަ ފެށި ނަމަވެސް އެ އަށް ވުރެ ފުޅާކޮށް ހުރިހާ ރަށްތަކެއްގައި ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތަކަށް ނުވިޔަސް، މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްގެން ކުރާ ކަމެއް ނޫން މިއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބޭނުންވާ އާލާތާއި ފައިސާ ހޯދައިގެން މިކަން ކުރާނަން،" އަލީ ވިދާޅުވި އެވެ.

މި ޕްރޮގްރާމް އެކުލަވާލީ މޫދުގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެހެން ގައުމުތަކުން ކުރާ މަސައްކަތްތަކަށް ބަލައިގެން ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގެނބިގެން މީހުން މަރުވުމާއި އެފަދަ ކަންކަމުން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކުގެ މައްޗަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2014 ގައި އެކުލަވާލާފައިވާ ރިޕޯޓު ބޭނުންކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

މި މަސައްކަތް ކުރާނީ ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކަމުގައި އެ ރަށްތައް މެޕްކޮށް، މޫދަށް އެރޭ ސަރަހައްދާއި ސްނޯކްލިން ސަރަހައްދާއި އެކްސްޓްރީމް ވޯޓާ ސްޕޯޓްސް ކުޅޭ ސަރަހައްދުތައް ވަކި ކުރާނެ އެވެ. އަދި ކައުންސިލުން ހުށަހަޅާ މެޕްގެ ސަލާމަތީކަންތައް ބެލުމަށް ފަހު، އެ ހަރަކާތްތައް ހިނގޭނެ ސަރަހައްދުތައް ދިދަ ޖަހައިގެން އަންގައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރަޔަލް އައިލެންޑެއްގެ ގޮތުގައި އެންމެ ފުރަތަމަ މި ނަގަނީ ދިއްފުށި،" ނައުޝާދު ވިދާޅުވި އެވެ.

މި ޕްރޮގްރާމް ހިންގާއިރު އެންމެ ފުރަތަމަ އިސްކަން ދޭނީ 100 އަށް ވުރެ ގިނަ ގެސްޓްހައުސް އެނދު ހުންނަ ރަށްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ 17 ރަށެއް ރާއްޖޭގައި މިވަގުތު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޭފްޓީ ވޯޓާ ބޯޑުތަކެއް ބެހެއްޓުމުގެ އިތުރުން ކޮންމެ ރަށެއްގައި ލައިފްގާޑުން ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު މިި ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި މިކަމަށް ގާބިލް މީހުން ތަމްރީންކުރަން އީދަށް ފަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ޖޫން، ޖުލައި ހާ ތަނުގަ ލައިފްގާޑުން އަމަލީގޮތުން މައިދާނަށް ނެރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލައިފްގާޑުން ބަހައްޓާ އިރު އޮސްޓްރޭލިއާ ފަދަ ގައުމުތަކުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވާނެ ކަމަށެވެ. އަދި އެ މީހުން ބަހައްޓާނީ އެކަށީގެންވާ މެޑިކަލް ކިޓަކާއި އެއްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ޖެޓްސްކީއެއް ވެސް އޮންނަން ލައިފްގާޑު ބޭނުންކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަންކޮށްދޭން ބޭނުންވޭ މި ސަރުކާރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގެ އޮތް އެންމެ ސޭފް މަންޒިލްކަމަށް ދަމަހައްޓާނެކަން."