އެމްޓީސީސީގެ ސީއީއީ ހަސަން ޝާހު "މިހާރު" އާ ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
16 މެއި 2019 - 11:27
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީން "މަހާ ޖައްރާފު" ގެނައުމުގެ ހުރިހާ ކަމެއް ހިންގީ ފަހުރުވެރިކަމާ އެކު އެވެ. ނަމަވެސް އާ ސަރުކާރުން އެ ކުންފުންޏާ ހަވާލުވުމާ އެކު އެ ބޮޑު ކޮންނަބޯޓާ ގުޅިފައި މުޅިން ހުރީ ފަހުރުވެރިވާން ޖެހޭ ފަދަ ސަބަބުތަކެއް ނޫނެވެ. ބޯޓަށް ކުރި ހޭދަ އާއި ކޮންމެ މަހަކު ދާ ހަރަދަށް ބަލާއިރު ވެސް، އާ މެނޭޖްމަންޓަށް ފެންނަނީ، މި ވަގުތު އެއީ ކުންފުންޏަށް އޮތް ތަކުލީފެއްގެ ގޮތުގަ އެވެ.
ދުރު މުސްތަގުބަލަށް ބަލާއިރު މަހާ ޖައްރާފުގެ ފައިދާ ލިބެން އެބަ އޮތެވެ. އެކަމަށް އެމްޓީސީސީގެ މިހާރުގެ ސީއީއޯ ހަސަން ޝާހު ވެސް އެއްބަސްވެވަޑައިގަނެ އެވެ. އެކަމަކު އޭނާގެ ޝަކުވާއަކީ ރައްޔިތުންގެ ވެސް ހިއްސާއެއް އޮތް ކުންފުނިން އެ ބޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތީ ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ވުމެވެ.
މަހާ ޖައްރާފު ވަރުގެ ކޮންނަ ބޯޓެއްގެ އަގު މާކެޓްގައި އުޅެނީ ގާތްގަނޑަކަށް 16 މިލިއަން ޑޮލަރުގައި ކަމަށް ޝާހު ވިދާޅުވެ އެވެ. ނަމަވެސް އެމްޓީސީސީން ވަނީ އެ ބޯޓަށް 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ. އެހެންކަމުން މިއީ މިހާރުގެ ހާލަތަށް ބަލާއިރު ކުންފުންޏަށް އޮތް ގެއްލުމެއް ކަމަށް ޝާހު ދެކެވަޑައިގަނެ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން އަގު ކުޑަކުރަން ނެގޯޝިއޭޓް ކުރި ނަމަ އެއަށް ވުރެ އަގު ހެޔޮކޮށް ޑްރެޖަރު ލިބޭނެ ކަމަށް. އެގޮތަށް ވަރަށް ގިނަ ބަޔަކު ވެސް ބުނޭ،" ޝާހު ވިދާޅުވި އެވެ.
މަހާ ޖައްރާފު ކަހަލަ ބޮޑު ކޮންނަބޯޓެއްގެ ބޭނުން ރާއްޖެއަށް ވެސް އެބަ އޮތެވެ. ރަށްތައް އުފެދިފައި އޮންނަ ގޮތުން ރަށްރަށުގެ ފަޅު ފުންކުރުމާއި މުހިންމު މަޝްރޫއުތަކަށް ބިން ހިއްކުން ފަދަ ކަންކަން އަބަދުވެސް ކުރިއަށް ދެ އެވެ. ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ނަމަ ކުރިން ހޯދަން ޖެހެނީ ބޭރުގެ ކުންފުނިތަކެވެ. އެކަމަކު އެމްޓީސީސީގައި ބިޔަ ކޮންނަބޯޓެއް އޮވެއްޖެ ނަމަ، އެފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ލިބޭނެ އެވެ.
ނަމަވެސް މަހާ ޖައްރާފާ މިހާރު ގުޅިފައި ހުރި ކަންކަމަށް އެމްޓީސީސީން ކުރަން ޖެހެނީ، ޝާހު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ހަރަދެކެވެ. އަދި އޭރު ލަފާކުރި ވަރަށް ބޮޑެތި މަޝްރޫއުތައް ނުލިބޭތީ، ބޯޓުން ލިބޭ އެއްޗަކަށް ވުރެ، މާލީ ގޮތުން ކުންފުނި އުފުލަން ޖެހޭ ބުރަ އެތައް ގުނައެއް މައްޗެވެ.
މިސާލަކަށް ބޯޓުގެ ފަޅުވެރިންނަށް ހިނގާ ހަރަދެވެ. އެވަރުގެ ކޮންނަބޯޓަކަށް ބޭނުންވާނެ އެކަށީގެންވާ ދިވެހިން އަދި ތަމްރީނެއް ނުކުރެވެ އެވެ. ކައިރި ގައުމަކުން މީހުން ހޯދިޔަސް، ބޯޓުގެ ކެޕޭސިޓީއާ އެއްވަރަށް މަސައްކަތްކުރުމުގެ ގާބިލްކަމެއް އެ މީހުންގެ ނުހުންނަކަން އެމްޓީސީސީން ތަޖުރިބާކޮށްފި އެވެ.
އެމްޓީސީސީގެ މަހާޖައްރާފު--ފޮޓޯ:އެމްޓީސީސީ
މަހާ ޖައްރާފު ރާއްޖެ ގެނައީ ބިން ހިއްކުމުގެ ކަންކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނެދަލެންޑްސްގެ ފަޅުވެރިން ހިމަނައިގެންނެވެ. ޔޫރަޕްގެ ގައުމަކަށް ވުމާ އެކު އެމީހުންގެ މުސާރަ ވަރަށް ބޮޑެވެ. އެހެންކަމުން މަދު ބަޔަކަށް މަހަކު ކުރަން ޖެހޭ ހޭދަ ނިސްބަތުން އޮތީ ވަރަށް މަތީގަ އެވެ.
އެކަން ހައްލުކުރުމުގެ ގޮތުން ނެދަލެންޑްސްގެ ފަޅުވެރިން މަދުކޮށް، ދިވެހިންނާއި އިންޑިއާ މީހުން ލައިގެން އެކަން ކުރެވޭތޯ އެމްޓީސީން ބަލާފައިވެ އެވެ. އޭގެ ތަޖުރިބާ ރަނގަޅެއް ނޫނެވެ.
"މުވައްޒަފުން ބަދަލުކުރުމުން 15،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޯޓަށް ދުވާލަކު 5،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ވަރަށް [ދަށްވި]،" ޝާހު ވިދާޅުވި އެވެ.
އެހެންކަމުން އެމްޓީސީސީއަށް މަޖުބޫރުވެފައި ވަނީ މުހިންމު ހުރިހާ ކަމަކަށް ނެދަލެންޑްސްގެ ތަޖުރިބާކާރުން ބޭނުންކުރާށެވެ. އެކަމަކު ކުރިން މުޅިން ނެދަލެންޑްސްގެ މުވައްޒަފުން ތިބި ކޮންނަބޯޓުގައި މިހާރު ބިދޭސީންގެ އަދަދަކީ ފަހެކެވެ. ޖުމްލަ 16 ފަޅުވެރިން މަސައްކަތްކުރާ އިރު 11 މީހުންނަކީ ދިވެހިންނެވެ.
މަހާ ޖައްރާފަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ބޮޑު ކޮންނަ ބޯޓެވެ. އެ ބޯޓުގެ މަސައްކަތް ފުރިހަމައަށް ހިނގައިގަންނަން ބޭނުންވާ އެހެން ސާމާނު ހުރެ އެވެ. އެކަމަކު މަހާ ޖައްރާފު ގެނައީ މަސައްކަތަށް ކޮންމެހެން ވެސް މުހިންމު ބައެއް އެއްޗެހި ނުލަ އެވެ. އެގޮތުން ޝާހު ވިދާޅުވީ ބޯޓާ އެކު އޮންނަން ޖެހޭ ނަގިލި ބޯޓާއި ބޭނުންވާ ދިގު މިނުގެ ޕައިޕް ލައިން ވެސް ނެތް ކަމަށެވެ.
"މަދުވެގެން 1.5 ކިލޯ މީޓަރު ހުންނަން ޖެހޭނެ [ޕައިޕްލައިންގައި]. އެކަމަކު މިހާރު އަޅުގަނޑުމެން ގެންގުޅޭ ޕައިޕްލައިންގެ މިހުންނަނީ 800 މީޓަރު،" ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީގެ މަހާޖައްރާފު--ފޮޓޯ:އެމްޓީސީސީ
އޭގެ ނަތީޖާއަކީ ވެލި ނަގައިގެން ގޮސް ބޭނުންވާ ތަނަށް އެ އޮއްސަން ނަގާ ވަގުތު ގިނަވުމެވެ.
"އެހެންކަމުން ވެލި ޑިސްޗާޖު ކުރުމަށް ބޫސްޓާ ޕަމްޕެއް ކޮންމެހެން މުހިއްމު،" ޝާހު ވިދާޅުވި އެވެ.
ބޯޓަށް ބޭނުންވާ ސްޕެއާޕާޓްސް ހޯދަން ވެސް އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިހާރު ސްޕެއާ ގަންނަން ޖެހެނީ ބޯޓުގެ އެކަހަލަ ހުރިހާ ކަންކަމާ ހަވާލުވެފައިވާ ނެދަލެންޑްސްގެ ކުންފުނިންނެވެ. އެމްޓީސީސީގެ މާލީ ދަތިކަމާ ހެދި ބައެއް ސާމާނު ގެންނަން ވެސް ވަގުތު ނަގާ ކަމަށް ޝާހު ވިދާޅުވި އެވެ. އެއީ ބޯޓުގެ މަސައްކަތް ބައެއް ފަހަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ހުރަސްއެޅޭ މައްސަލައެކެވެ.
"މީގެ ދެ ދުވަސް ކުރިން ވެސް އެއަށް ބޭނުންވާ ސެންސާއެއް ނެތިގެން މަސައްކަތް ހުއްޓާލާފައި އޮންނަން ޖެހުނު. ސްޕެއާ ހޯދުމަށް އުނދަގޫ. ކުންފުނީގެ ކޭޝްފްލޯ ރަގަނޅު ނޫން ކަމުން ޓައިމް ވެސް އެބަ ނަގާ،" ޝާހު ވިދާޅުވި އެވެ.
މަހާ ޖައްރާފު ބަނދެގެން ގެނައީ 340 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. އަވަސް މުއްދަތެއްގައި ލޯނު ދަައްކަން ބަލާއިރު އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް އަދި ލިބެމުންނެއް ނުދެ އެވެ. ޝާހު ނެންގެވި އެއް މައްސަލައަކީ ބޯޓު ގެނައުން ލަސްވުމުން އޭރު ލިބެން ހުރި ގިނަ މަޝްރޫއުތަކެއް ގެއްލުމެވެ. އެހެންކަމުން އެއީ މަހާ ޖައްރާފު މެދުވެރިވެގެން ކުންފުންޏަށް ވަންނަން އޮތް ފައިސާއަށް އައި ހުއްޓުމެކެވެ.
މަހާ ޖައްރާފަށް ކުރި އިންވެސްޓްމަންޓް ކަވަރުކުރަން، ބިން ހިއްކުމާއި ކޮނުމުގެ ދާއިރާ އިން ރަނގަޅު ފައިދާއެއް ލިބެން ޖެހެ އެވެ. އެކަމަކު މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވެސް ބިން ހިއްކުމާއި ކޮނުމުގެ ދާއިރާ އިން އެމްޓީސީސީއަށް ލިބުނީ 4.9 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
ނަމަވެސް މާލީ ދަތިތަކަކާ އެކު ވެސް މިދިއަ އަހަރު ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ލޯނަށް ދައްކާފައިވެ އެވެ.
މަހާ ޖައްރާފަކީ ރާއްޖެ އަށް މުހިންމު އުޅަނދެކެވެ. އެކަމަކު އެއަށް ކުރި ހޭދަ ބޮޑުވުމާއި މިހާރު ދިމާވާ ބައެއް ހުރަސްތަކާ އެކު، އެމްޓީސީސީއަށް އަދި ފެންނަނީ އެހާ އަލި މަގެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުމީ
20 May 2019
މަސް ނުބޭނުނީމާ މާފަންނުމީހުން ނަށް ގޯސްވަނީ ކަނޑު.
އަލީީ
20 May 2019
ރީކޯ މުސާ މަނިކަށް ކުޑަ އަގަކަށް ތީތި ވިއްކާލާފަ ރަގަޅު އެއްޗެއް ޗައިނާއިން ގެނޭ. މޫސަ ތިލަފުށިން ކޮންނަން ފެށިތަން އޭރުން ހިއްކާ ނިންމާލެވޭނެ. - ނޫންނަމަ އެމްޓީސީސީ ހިންގޭ ފެންވަރުގެ ބޭފުޅަކަށް އެތަން ހަވާލުކުރޭ.
ދާމޫ
19 May 2019
ދެން އަވަހަށް ވިއްކާލަން އުޅޭ!
ނަޖްވާ
19 May 2019
ކޮންމެ ކަމަކުން ކަޓު ނަގަން ރާވާފަ އޮންނަނީ! ކީކޭ ދެން އަަަަަަޅެ ފަހެ ބުނާނީ! މީ ރާއްޖޭގެ ހާލަތު ހުރި ގޮތް!
ދޮން ބުޅާ
18 May 2019
50% ކަޓް ނަގާފަ މީގެންވެސް
ޙަސަން އައްޑޫ އަތޮޅު
18 May 2019
މަހާ ޖައްރާފުން ގެއްލުންވާ ވާހަކަ ދެއްކުމުން ޖޯކެއްކަމަށް ބެލޭ، .. ރާއްޖޭގައި އެބަތިބި އޭޝިއާ އަދި އިޔުރޮޕުގެ ޓެކުނިކަކް އިންސިޓުއުޝަންތަކުން ޑީޕީ ކޯސް ފުރިހަމަކޮށްފައިވާ ޗީފް އިންޖިނޭރުން އަދި މާސްޓަރުން،، އަޅުގަނޑުމެން ކުރިމަތިލިން ނަމަވެސް ތިޔަކުންފުނީގެ އޮޕަރޭޝަންސް ތަކުގައި އެބަތިބި ރައީސުޔާމިނުގެ އެޖެންޓުން އެމީހުންބޭނުމެއްނޫން ދިވެހިތަޖުރިބާ ލިބިފައިވާ ސުޓާފުން. ޑީ ޕީ ކޯހުގެ ފީ އަކީ 5800 ޔޫއެސްޑޮލަރ އެލިގިބަލް ވަނީ އިންޓަރނޭޝަނަލްސީއޯސީ
ތަކުރުފާނުން
18 May 2019
ތިމާއައް ނުވާނޭކިޔާފައި އިސްތިއުފާ ދީބަލަ، މެނޭޖް ކުރަން އެނގޭ ވަރުގެ ޤާބިލް ދިވެހި ދަރީން ހުސްވީކީނޫނޭ.
ސޯކާބެ
18 May 2019
މިގައުމުގެ ރައްޔަތަކުދެކެ ލޯބިވެވޭނީ ހުދު ތިމާ މީހާދެކެ ލޯބިވެގެން އެދިގުރާސްތާ 30 ވެރިކަމަށް އައިރު 98އާގުބޯޓް އޮއްކަމައް ވަރަށް ގިނަ މީހުންހެކިވާނެ އެކަމަކު ވީތނެއްވެސް ނޭންގޭ 30 އަހަުވީއިރު ހުދުތިމާމީހާޔައް ފަރުވާދެވޭވަރު ހޮސްޕިޓަލެއް ކޮލެޓީ ބޭސްގުޅައެއްނެތް އެކަމަކު ދުނިޔޭގަ އަގުބޮޑުކާރެއް ލޯންޗެއް ސައިކަލެއް ފޯނެއް ނުނެރެވޭ މިގައުމުންލިބޭ ދެން ކޮންރަށްޔިތެއް ދެކެތޯލޯބިވެވޭނީ އެހެންވީމާ ތިޔަބާޖްވެސް ވިއްކާލާފައި ބިންހިއްކަންވީމަ ކުއްޔަށްހިފާ
މަސްވެރިޔާ
18 May 2019
16 މިލިޔަން ޑޮލަރޭ؟ ތިއަގަށް ލިބޭނީ މަހާޖައްރާފުގެ ޑުޕްލިކޭޓް ކޮޕީއެއް. ރަގަޅަށް މެނޭޖުކުރެވެންޏާ ތިޔަ ޖައްރާފުން ފައިދާވާނެ. ޔަޤީން.
ޖޯންްްް
19 May 2019
ހަމަ ތެދެއް ތިބުނީ. ޗައިނާ ބާޒާރުންު ލިބިދާނެ ބާދަނގަޑަށް ކިރާވަރު އެއްޗެއް.
ދޮށީކޮއި ޢަލީގެ މުޙައްމަދު
18 May 2019
ނަޝިދު ސަރުކަރުން ވިއްކައި ހުސްކުރީ މައުމޫން ސަރުކާރުން ހޯދާފަ ހުރި އަގުބޮޑު މުދާތައް އޭރު މުލިއާގޭ ނަމުގަ އާއި ރައިސް އޮފީހުގެ ނަމުގައި ހުރި ހުރިހާ ލޯންޗަކާއި ކާރާއި ސައިކަލް ތަކަށް ހެދި އަދިއަދައްވެސް ނޭންގެ މިހާރު ފަށަން މިއުޅެނީ ޔާމީން ސަރުކާރުން ހޯދާފަ ހުރި އަގުބޮޑު މުދާތައް ބަހާލެވެނެ ގޮތެއް ހޯދޭތޯ
ދޮން ބުޅާ
18 May 2019
މިހާރު ވެރި ކަމުގަ ހުރީ ކާރު ކޮޅުގަ އުޅޭ ބޭފުޅެއްނޫން. ދެން ކީއް ކުރާ ކާރެއް