ޕެނަސޮނިކް ކުންފުނި، އެ ކުންފުނިން ވަނީ ވާވޭއާއެކު ކުރަމުން އައި ވިޔަފާރި މަޑު ޖައްސާލާފައި- ފޮޓޯ:ޕެނަސޮނިކް
25 މެއި 2019 - 08:53
އެމެރިކާއިން ވާވޭ ކުންފުންޏާ މެދު އެޅި ފިޔަވަޅުގެ ސަބަބުން ޖަޕާނުގެ ޕެނަސޮނިކުން ވެސް އެ ކުންފުންޏާ އެކު ވިޔަފާރިކުރުން މަޑުޖައްސާލައިފި އެވެ.
ޕެނަސޮނިކުން ބުނީ ވާވޭއާ އެކު ހުއްޓާލާނީ ޕެނަސޮނިކުން އުފައްދާ އެއްޗެހީގައި 25 ޕަސެންޓަށް ވުރެ ގިނައިން އެމެރިކާއިން އެތެރެކުރާ ސާމާނު ހިމެނޭ ބާވްތަކުގެ ވިޔަފާރި އެކަނި ކަމަށެވެ.
ޕެނަސޮނިކުގެ ޗައިނާ ބްރާންޗުން ވަނީ އެ ބްރާންޗުން ވާވޭއަށް މުދާ ވިއްކާނެ ކަމަށް ބުނެފަ އެވެ. މިއާ އެކު އެ ކުންފުނިން ކުރަން އުޅޭ ކަމެއް އޮޅިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ވަކި ހުއްދައެއް ނެތި ވާވޭއާ އެކު އެމެރިކާގެ ކުންފުނިތަކަށް ވިޔަފާރިނުކުރެވޭ ގޮތަށް އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގައުމުން އެ ފިޔަވަޅު އެޅީ ވާވޭއާ އެކު އެ ގައުމުގެ ކުންފުނިތަކުން ކުރަމުން އަންނަ ވިޔަފާރިތައް އެއްކޮށް ހުއްޓުވާލުމުގެ ބޭނުމުގަ އެވެ.
ޗިޕް އުފައްދާ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ އޭއާރުއެމުން ވެސް މިހާރު ވަނީ ވާވޭއާ އެކު ވިޔަފާރިކުރުން މަޑުޖައްސާލައިފަ އެވެ.
އޭއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ކަންތައް ކުރަން ޖެހެނީ އެ ކުންފުނިން ބޭނުން ކުރަނީ އެމެރިކާގެ ޓެކްނޮލޮޖީ ކަމަށް ވާތީ ކަމަށެވެ.
ވާވޭއާ އެކު ގިނަ ކުންފުނިތަކުން ވިޔަފާރި މަޑުޖައްސަމުން ދަނީ ގޫގުލް އިން އެޅި ފިޔަވަޅަށް ފަހު އެވެ. ވިޔަފާރީގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ގޫގުލްއާ ނުލައި ވާވޭއަށް ފައިދާއެއް ނުލިބޭނެ އެވެ.
ވާވޭގެ ބާނީ ރެން ޒެންފީ ވިދާޅުވެފައި ވަނީ އެ ކުންފުނި އޮތީ މިފަދަ ދުވަހަކަށް ތައްޔާރުވެގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy