ކްރޮސްރޯޑްސްގެ މެރިނާ ސަރަހައްދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު
26 މެއި 2019 - 08:41
ކްރޮސްރޯޑްސްގެ ނަމުގައި އެނބޫދޫ ފިނޮޅުގައި ތަރައްގީ ކުރާ ހާއްސަ ސަރަހައްދަކީ އެތަނަކަށް ޓަކައި ވަރަށް ގިނަ ބަޔަކު އުންމީދުކުރާ ތަނެކެވެ. އެ ތަނުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމި، އަންނަ މަހު ހުޅުވާ އިރު އެތަނުގެ ފުރަތަމަ ދެ ރިސޯޓާއި މެރީނާ އިއްޔެ ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
ލޯންޗެއްގައި ނަމަ މާލެއާ 10 ވަރަކަށް މިނެޓް ދުރުގައި އޮތް އެނބޫދޫ ފިނޮޅުގެ ބަނދަރުގައި އޮތީ ޔޮޓް މެރީނާ އެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ތަރައްގީކުރި ޔޮޓް މެރީނާ އެވެ. ގާތްގަނޑަކަށް ތިރީހަކަށް ޔޮޓަށް އެއްފަހަރާ ހިދުމަތް ދެވޭ މި ޔޮޓް މެރީނާއިން ކްރޮސްރޯޑްސްގެ މައި "ޖަގަހަ"އިގެ މަލަމަތި ވަރަށް ރީތިކޮށް ފެންނާނެވެ.
ޔޮޓް މެރީނާ އޭރިއާ: އެއް ފަހަރާ 30 ޔޮޓަށް ހިދުމަތްދެވޭ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ރީނދުލާއި ރަތާއި ނުލާއި އަޅި ކުލަ އާއި އޮރެންޖް ކުލައިގެ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިމާރާތްތައް ބަލައިލަން ވަރަށް ވެސް ހިތްގައިމެވެ. މި މަންޒަރުތަކުން ހިތްއުފާކޮށްލަން އާންމުންނަށް ވެސް ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ މި އިންޓަގްރޭޓެޑް ރިސޯޓުގެ އެންމެ ބޮޑު ތަފާތެވެ. "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އޮންނާނީ އެންމެންނަށް ވެސް ހުޅުވާލައިފަ އެވެ.
މިއީ ކްރޮސްރޯޑްސްގެ އެންމެ މައި ހަރަކާތްތައް ހިނގާ ސަރަހައްދެވެ. އެހެންކަމުން އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ތަންތަން ހަދާނެ އެވެ. އެގޮތުން މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުން ދިވެހިންގެ ސަގާފަތާއި ތަރިކަ އާއި އާދަކާދަތައް ކިޔައިދެ އެވެ. އެތަނުން ހަމައެކަނި ލިބެނީ މައުލޫމާތެއް ނޫނެވެ. ކުޑަކުދިންނަށް ދިވެހި ތާރީހުގެ ގިނަ މައުލޫމާތުތައް އެނގޭނެ ގޭމްތައް ވެސް ވަނީ ޑިޒައިންކޮށްފަ އެވެ.
މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުގައި ހުރި ސަގާފީ ބައެއް ތަކެތި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޑިސްކަވަރީ ސެންޓަރަށް ވަންނަ އިރު އެންމެ ފުރަތަމަ ވެސް ކިޔައިދެނީ ރާއްޖެ އާއި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭ ކާށީގެ ވާހަކަ އެވެ. އަދި ދިވެހި ރުކުން ހިފާ އެކި ބޭނުންތައް ވެސް ކިޔައިދެ އެވެ. އެ އިމާރާތުގެ ފާރުތަކުގައި ހަރުކޮށްފައިވާ ސްކްރީނުތަކުން އެ މައުލޫމާތު ބަލައިލަން ބޭނުން ނަމަ ޖެހޭނީ ކޮންމެ ސްކްރީނެއްގެ ތިރީގައި ހާއްސަކޮށްފައިވާ ރަތް ފިތަށް ފިއްތާލާށެވެ.
މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުގައި ހުރި ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ދިވެހި ތާރީހުގެ އިތުރުން ރާއްޖޭގެ ކަނޑު އަޑީގެ ދިރުންތަކާ ގުޅޭ މައުލޫމާތުތައް ވެސް މި ސްރީންތަކުން ފެންނާނެ އެވެ. ޑިސްކަވަރީ ސެންޓަރުގެ މެދުގައި ބޮޑު ވެލައެއް އޮންނަ އިރު، ރާއްޖޭގައި އުޅޭ ތަފާތު ޖަނަވާރުތަކާއި ވާހަކަތައް ވެސް މި ސެންޓަރުން ކިޔައިދެ އެވެ. ސަގާފީ ތަފާތު އުފެއްދުންތަކުން ޒީނަތްތެރި ކޮށްފައިވާ މި ސެންޓަރުން ނުކުމެގެންދާ ކޮންމެ މީހަކަށް ވެސް ރާއްޖެއަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭނެ އެވެ.
ނޫސްވެރިންނަށް ދެން ދައްކާލީ "މެރިން ޑިސްކަވަރީ ސެންޓާ" އެވެ. މިއީ ވެސް ރާއްޖޭގައި ހުންނަ އެހެން މެރިން ޑިސްކަވަރީ ސެންޓަރުތަކާ ތަފާތު ތަނެކެވެ. އެއީ ގުދުރަތީ ގޮތުން އުފެދިފައިވާ ރަށެއްގެ ބަދަލުގައި ހިއްކާފައިވާ ތަނަކަށް ވާތީ، ކަނޑުގެ ދިރުންތަކާއި މުރަކަތަކަށް ގިނަ ގެއްލުންތަކެއް ހަމަގައިމު ވެސް ލިބިގެންދާނެ އެވެ.
މެރިން ޑިސްކަވަރީ ސެންޓާ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މެރިން ސެންޓަރުން އެންމެ ހާއްސަކަމެއް ދެނީ މަރުވެފައިވާ މުރަކަތައް ބޭނުންކޮށްގެން މުރަކަތައް އާލާ ކުރުމެވެ. ތައިލެންޑުގެ ތަޖުރިބާކާރެއްގެ އެހީގައި މުރަކައަށް ހާއްސަ ލެބޯރެޓްރީއެއް ހުންނަ އިރު ކްރޮސްރޯޑްސް އަށް ކޮންމެ ބަޔަކަށް ވެސް މަރުވެފައިވާ މުރަކަ ގެންދެވޭނެ އެވެ.
ހާޑް ރޮކް ރިސޯޓަށް ދާ ވޯކްވޭ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި ތަންތަނުގެ އިތުރުން ތަފާތު މީޓިންތަކާއި ހަފްލާތަކަށް ހާއްސަ ކޮށްފައިވާ ކްރޮސްރޯޑްސް އިވެންޓް ހޯލާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް ލިބޭނެ އެވެ. މެރީނާ ސަރަހައްދުގެ އެންމެ ހާއްސަ އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ "ކޮއިމަލާ އެންޑް މާލިމީސް ޖޫނިއާ ބީޗް ކްލަބް އެންޑް ކޭމްޕް" އެވެ. އެކީ ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ތައްޔާރުކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ސިންހާ އެސްޓޭޓުން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން "ކްރޮސްރޯޑްސް" ތަރައްގީ ކުރާ އިރު މި ސަރައްދުގައި ޖުމްލަ ނުވަ ރިސޯޓް އޮންނާނެ އެވެ.
ކްރޮސްރޯޑްސްގެ މެރީނާ އޭރިއާ އިން ވޯކްވޭއަކުން ގުޅާލާފައިވާ މި ރިސޯޓަށް ބަގީގައި ދިޔައިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ރިސެޕްޝަން އޭރިއާ އެވެ. ހަދާފައިވާ ހިލްއަކުން އަރައިގެން ދެ ވަނަ ބުރީގައި ރިސެޕްޝަނުން ޗެކިން ވެލުމަށް ފަހު "ޑީޕް ޕާޕަލް ސްލައިޑް" އިން އެ ރިސޯޓުގެ އެންމެ ބޮޑު ޕޫލަށް ފުންމާލެވޭނެ އެވެ.
ހާޑް ރޮކްގެ "ސެޝަން" ރެސްޓޯރެންޓް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"މި ޕޫލްގެ އެންމެ ހާއްސަ ކަމަކީ ޕޫލްގެ އަޑީގައި ސްޕީކަރުތައް ހަރުކުރެވިފައިވުން. އަޑިއަށް ފީނާލުމުން މިއުޒިކްގެ އަޑު އިވޭނެ. ތަފާތު މިއުޒިކް އެކްސްޕީިރިއެންސެއް ގެސްޓުންނަށް ލިބޭނެ،" އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޓޮލްގާ އުނާން ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގެ އެންމެ ސެންޓްރަލް ސަރަހައްދުގައި އޮންނަ މި ރިސޯޓުގެ ރިސެޕްޝަނުން ޕޫލަށް ސްލައިޑުގައި ފޭބޭ ގޮތަށް ހުރުމުގެ ބޭނުން ވެސް ޓޮލްގާ ވިދާޅުވެ ދެއްވި އެވެ.
"އައޑިއާ ވަރަށް ސިމްޕަލް. ރިސެޕްޝަނުގައި ލަގޭޖުތައް ބެހެއްޓުމަށް ފަހު ސައިޑުން ޕޫލަށް ފުންމާލުމަށް ފަހު ފޫލް ބާއަށް އައިސް ވެލްކަމް ކޮކްޓެއިލް ބޯލެވޭނެ."
މިއުޒިކާ އެކު ހިތްހަމަޖައްސާލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ އެ ރިސޯޓުގެ ހާއްސަ ގެސްޓުނަށް "ގިމިކް" ނުވަތަ ހާއްސަ ސަގާފަތެއް އޮންނަ ކަމަށް ޓޮލްގާ ވިދާޅުވި އެވެ.
"އަހަރެމެން ރިސޯޓަށް އަންނަ ކޮންމެ ގެސްޓަކަށް އެއާޕޯޓުން ލޮލީ ޕޮޕެއް ދިނުމަށް ފަހު ބުނަނީ، ލޮލީ ޕޮޕް ހުސްވުމުގެ ކުރިން ޕޫލަށް އެރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ހާޑް ރޮކް ރިސޯޓެއްގެ ވޯޓާ ވިލާ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި ރިސޯޓުގައި 178 ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި 74 ވޯޓާ ވިލާ އާއި، ވަކިން ޕޫލެއް އޮންނަ 37 ވޯޓާ ވިލާ ހިމެނެ އެވެ.
ޓްރޮޕިކަލް އާކިޓެކްޗާއެއް ފެންނަ މި ރިސޯޓުގައި ދެ ރެސްޓޯރެންޓް ހުރެ އެވެ. "ސެޝަންސް" އާއި "ދި އެލިފެންޓް އެންޑް ބަޓަފްލައި"ގެ ނަމުގައި ހުޅުވާފައިވާ މި ދެ ރެސްޓޯރެންޓުގައި ހާއްސަ ކަންތައްތަކެއް ހިމެނެ އެވެ.
ހާޑް ރޮކް ވިލާއެއް ރޫމް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ހެނދުނުގެ ނާސްތާ އަށް "ސެޝަންސް" ހާއްސަ ކޮށްފައިވާ އިރު "ދި އެލިފެންޓް އެންޑް ބަޓަފްލައި" ރެސްޓޯރެންޓުން ލެޓިން އެމެރިކާގެ ކެޔުންތައް ލިބޭނެ އެވެ. މި ރެސްޓޯރެންޓްގެ އާޓް ވޯކްތަކާއި ހުރިހާ ވިލާތަކެއްގައި ބަހައްޓާފައި ހުރި ކުރެހުންތައް ކުރަހާފައި ވަނީ ދިވެހި އާޓިސްޓެއް ކަމުގައިވާ އަހުމަދު ޝައްފާނެވެ.
ހާޑު ރޮކް ވޯޓާވިލާ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
މި ދެ ރެސްޓޯރެންޓްގެ އިތުރުން "ހާޑް ރޮކް ކެފޭ" ވެސް މެރީނާ ސަރައްދުގައި ހުންނާނެ އެވެ.
ޓޮލްގާ ވިދާޅުވީ އެ ރިސޯޓުގެ ކޮންމެ ވިލާއެއްގައި ހުންނަ ކުރެހުންތަކުން ވެސް ހާއްސަ ވާހަކައެއް ކިޔައިދޭނެ ކަމަށެވެ. މިއުޒިކާ ގުޅޭ ސާމާނު ފެންނަ ގޮތަށް ހުންނަ މި ރިސޯޓުގެ ރޫމްތަކުގައި ގިޓާ އާއި ޑްރަމް ކުޅެވޭ ގޮތަށް ހުރެ އެވެ.
ހާޑް ރޮކް ރިސޯޓު ބަލައިލުމަށް ފަހު ދިޔައީ ސައި މޯލްޑިވްސް ލެގޫނަށެވެ. އެ ރިސޯޓުގައި 198 ވިލާ ހުންނަ އިރު އޭގެ ތެރޭގައި 22 ވޮޓާ ވިލާ ހިމެނެ އެވެ. މި ރިސޯޓުގެ ވިލާތަކުގެ އެންމެ ހާއްސަ ކަމަކީ އަމިއްލަ އުފެއްދުންތަކުގެ ރީތިވާ ސާމާނު "ޓޮއިލެޓްރީސް" ލިބެން ހުރުމެވެ. "އަރޯމާ ލެބް" ބްރޭންޑުގެ މި އުފެއްދުމުގެ ތަފާތު ބާވަތްތަކެވެ.
ސައި ރިސޯޓުގެ ޕޫލް އޭރިއާ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު، މާޓިން ވެން ޑާ ރެޖްޑިން ވިދާޅުވީ ރިސޯޓު ފަރުމާކޮށްފައި ވަނީ ސްރީ ލަންކާ އާއި އިންޑިއާ އާއި އެފްރިކާގެ ސްޓައިލްތައް އެއްކޮށްލައިގެން ކަމަށެވެ.
އެ ރިސޯޓުގެ "މިސް އޮލީވް އޮލައި" ރެސްޓޯރެންޓުން މެޑިޓްރޭނިއަން ރަހަތައް ލިބޭނެ އެވެ. މީގެ އިތުރުން "މިސްޓާ ތޮމްޔަމް" އިން ތައިލެންޑްގެ ކެއުންތައް ތައްޔާރުކުރެ އެވެ.
ސައި ރިސޯޓުގެ ވިލާއެއްގެ ބާތްޓަބް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުން ފެންނަ ފަނުން ހަދާފައި ހުންނަ ފުރާޅުގެ ބަދަލުގައި މި ރިސޯޓުގެ އިމާރާތްތަކުގެ ފުރާޅުތަކަކީ އިރުމަތީ އޭޝިއާ ސަރަހައްދުގެ ޑިޒައިންތަކެވެ. އަދި ވިލާތަކުގެ ފަރުނީޗަރު ގެނެސްފައިވަނީ އިންޑޮނީޝިއާގެ ޖާވާ އިންނެވެ. ސިންގަޕޫރުގެ އެކޯ އައިޑީ އިން ޑިޒައިންކޮށްފައި މި ޕްރޮޖެކްޓް ނިމޭ އިރު 1،300 ކޮޓަރި ހުންނާނެ އެވެ. މުޅި ތަން ވެސް ވަރަށް ތަފާތެވެ.
އަދި މި ފެނުނީ ކްރޮސްރޯޑްސްގެ ކުޑަ މިންވަރެކެވެ. ބޮޑު ބައި މިހާރު އަންނަނީ ތަރައްގީ ކުރަމުންނެވެ. ނަމަވެސް މިހާރު ވެސް އެއް ކަމެއް ކަށަވަރުވެއްޖެ އެވެ. ކްރޮސްރޯޑްސް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫއުއަކަށެވެ. އެއީ ރީތިކަމާއި ނަލަކަމާއި ހިތްގައިމުކަމުގެ ނަމޫނާއެކެވެ.
ސައި ހޮޓެލްގެ ވިލާއެއްގެ ފާހާނާ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
28 May 2019
ތަރައްޤީ ކުރެވޭނީ އެފަދަ ވިސްނުން ހުންނަ މީހުންނަށް. އެއްވަރަކަށް މުސާރަ ލިބޭ ދެމީހުން ކުރެން ތިޔާގިކޮށް އުޅެނީ އެފަދަ ވިސްނުން ހުންނަ މީހުން.
ވަހީދު
27 May 2019
ދެވައްތަރެއްގެ ވެރިން މިތިބެނީ. އެއްބަޔަކީ ގަހެއް ހައްދާފައި ފަތް ފޭބީމަ ސާފުކުރަން ތިބޭ މީހުންގެ މިސާލުގެ ވެރިން. އަނެއްބައި މީހުންނަކީ ވައްވައްޖަހާ ކުއްތާތަކަށް ބަލާނުލާ ކުރާކަމެއް ކުރަން ދާތާކަށް ދާ މީހުންގެ މިސާލުގެ ވެރިން. އެމީހުން ކުރާ ކަމެއް ކުރާނެ. އެމީހުން ޓާގެޓަކީ ބްރިޖެއް އަޅަންކަމަށް ވެއްޖިއްޔާ އެކަން ކުރެވެން އޮތްގޮތަކަށް ކުރާނެ.
ވަހީދު
27 May 2019
2008 ގެ ކުރިން ޕޯޑިއަމްތަކުގައި ދުޢާކޮށް ޞަލަވާތް ކިޔަވާފައި ވަގަށް ގޮވީ މައުމޫނަށް. 2018 ހަމަ އެމީހުން ޞޮލަވާތްފުޅު ކިޔަވާފައި ގޮވީ މައުމޫނަކީ 30 އަހަރުގެ ބާނީއޭ، އޭނާ ކުރިކުށަކީ ކޮބައިހޭ އޭނާ އައްޓަކައި އ.މ.ޞާލިޙުއަށް ވޯޓު ދެއްވާށޭ. ޔާމީނަކީ ވަގެކޭ ހެޔޮނުވާނެޔޭ އޭނައަށް ވޯޓުދޭން. ހަމަ އެމީހުން މިހާރު މިސްކިތުން ފާބައިފައި އެބުނަނީ ޞާލިހުގެ ސަރުކާރަށް ލިބުނު މިވެނި ވަރަށް ޑޮލަރަށް ވީނުވީއެއް ނޭނގެޔޭ... ވައްކަން ކުރަނީއޭ. މީ އިންސާނާގެ ޙަޤީޤަތް.
hawwa
27 May 2019
ކޮންމެ މީހަކު މަޢުސޫމުކަމާއި ދީންވެރިކަމާއި ޛުހުދުވެރިކަމާއި އަމާނާތްތެރިކަމާއި ފާފަނުކުރުމާއި އަޅުކަން މަތީ ދެމިތިބޭ މީހުން ކަމަށް ހެދިގެން ރައީސް ޔާމީނަށް ވަގަށް ގޮވާއިރު، ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ ތާހިރުކަމާއި ނުތާހިރުކަން އެނގޭނެ. މިރާއްޖޭގެ ސިޔާސީ ޙާލަތު އޮތީ ބިޑަށްލައި 7 ފެނު ކައްކައިގެން ރާހުތައް ލިޔަސް ތަޢައްޔަރުކަން ފިލާގޮތަކަށް ނޫން މިދިޔަ 5 އަހަރުގައި. ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނާލުން ހުރި.
އަލިބިޔާއްކަލޯ
27 May 2019
ޟުކުރިއްޔާ ރައީސް ޔާމީން އަބުދުލްގައްޔޫމް ދިވެހިން ފަހުރުވެރިވާ ތަރައްގީގެ ބާނީ ޟުކުރިއްޔާ ޔާމީން ޟުކުރިޔާ ޕީޕީއެމް
ބާސިތު
27 May 2019
އިބޫ ގެ ޖަޒީރާ (ފަޅުރަށް) ތަ ނޫނީ ޔާމީން ގެ ތަރައްޤީތަ؟
1234
27 May 2019
ރައިސް ޔާމީން ގެ ކޮރަޕްޝަންގެ އެއްވެސް މައްލައެއް މިސަރުކާރުން ބަލަން ބިރުގަންނަނީތޯ ނޫނީ ކޮރަޕްޝަން ނެތީތޯ؟ 6 މސް ވީރު އެއްވެސް ކަމެއް ނުވި
އާހޯޝްވީނޫސްވެރިޔާއެކަނި
27 May 2019
އިންގިލާބު ގެންނަނީ ކިހިނެއް؟ އެހެންތަނަކާ ތިތަން ތަފާތީ އެންމެގޮތަކުން، އެއީ ކޮރަޕްޝަނުން ޕްރޮޖެކްޓް ހަވާލުކުރުވުނުކަން އެކަނި
ރައްޔިތުމީހާ.
30 May 2019
ރައީސް ޔަމީންގެ ދައުރުގައި ކުރައްވާފަ ހުރި ކަންކަމުގައި ވިސްނަވަފައިހުރީ ބަޔަކަށް ދޭ އަގަށްވުރެ ކޮލިޓީއަށާއި ސްޕީޑަށް. މިވަރުތަނެއް ހަދަން ކުރީގައި 30އަހަރުވެސް މަދު. އެގޮތަށް ދަންމާފަ ބޭއްވުމަށްވުރެ ބޮޑުއަގުގަވެސް އަވަހަށް ހަދާފައި މަންފާ ހޯދަންފެށުން ވިޔަފާރީގެ އުޞޫލުން ފައިދާ ބޮޑީ. ދެން މީހުން މިތިބެނީ އަގުގެ ބޮޑުކަން ކިޔާފަ އަނގައޭކިޔަން.
ސުޖާ
27 May 2019
ގުދުރަތީ ރައްތަކުގަ ޓުއަރިޒަމް ވިއަފާރި ހިންގާމީހުން އެމިހުންގެ ރައްތައް ޕުރަމޯޓު ކުރަންވީ ރާއްޖެ ރައްތަކުންރުއްނުނަގަ ތިމާވެހަލާކު ނުކޮއް ހަދާފަވާ ޕޮރޮޑުޓެއްގެ ގޮތުއައި ދުވަސްކޮޅަކުން ތިނައް ވާގޮތް އެގިދާނެ
އެމް.އެމް،ޖީ އިބޫ
27 May 2019
މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުން ސަލާމަތްކުރުމަށްޓަކާ އޮތް އެންމެ އެކަށޭނަ ފަޅު މިދިޔައީ... މި ހުރިހާ ރިސޯޓެއް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދިޔަނަމަ އެސަރަހައްދެއް ތަރައްޤީވެ ވަޒީފާގެ ފުރުސަތު އޮތީސް... ރާއްޖޭގެ ގުދުރަތީ ރައްތަކުގެ ބަދަލުގައި ތިމާވެށި ހަލާކުކޮށް ރަށް ހިއްކާކަށް ތާއީދެއް ނުކުރެވޭ...
މީހާގެ
30 May 2019
ކީކޭ ތިކިޔަނީ؟ އެފަޅު ނުހިއްކަ ތޮއްޖެހުން ސަލާމަތް ކުރަނީ ފަޅުތެރެޔަށް މީހުން އަޅައިގެންތޯ؟ ހަމަތަ؟