ހާޑް ރޮކް ރިސޯޓުގެ ފޫލް ސަރަހައްދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު
26 މެއި 2019 - 11:50
ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު މި އަހަރުގެ މިހާތަނަށް ރިސޯޓުތަކާ ގުޅޭ 450 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މީގެ ކުރިން އޭޝިއާގެ އިންވެސްޓަރުން ގިނަ ނަމަވެސް ރާއްޖެ އަށް މިހާރު ދުނިޔޭގެ އެކި ސަރަހައްދުން އިންވެސްޓަރުން އިތުރުވާން ފަށާފައިވާ ކަމަށް ޖޭއެލްއެލް އިން ބުނެ އެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އާ އިންވެސްޓްމެންޓްގެ އަދަދު 300 މިލިއަން ޑޮލަރަށް އިތުރުވެފައިވެ އެވެ.
އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓެއް ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.
ޖޭއެލްއެލްގެ މެނޭޖިން ޑިރެކްޓާ ނިހަތު އެރްކަން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް އަންނަ ބަދަލުތަކާ އެކު އޭޝިއާ ނޫން އެހެން ސަރަހައްދުތަކުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް އަމާޒުވެފައިވާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިސްޓުން ރާއްޖެ އަށް އަންނަ މިންވަރު ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. މީގެ އިތުރުން އިންޑިޔާ އާއި އެމެރިކާއިން ވެސް އަންނަ ޓޫރިސްޓުން މި މުއްދަތުގައި އިތުރުވެފައިވެ އެވެ.
ޖޭއެލްއެލް އިން ހިންގާ ޓްރާންސެކްޝަންތައް އިތުރުވަމުންދާ އިރު މި އަހަރު ވެސް އެ ކުންފުނި މެދުވެރިކޮށް ބޮޑު ދެ ޓްރާންސެކްޝަން ހިންގި އެވެ. އެގޮތުން ފިނޮޅު މޯލްޑިވްސް ވިއްކާލުމުގެ އިތުރުން ހިލްޓަންގެ ރަންގަލި އައިލެންޑް ރިސޯޓު އެމެރިކާގެ ބްލެކްސްޓޯނަށް ވިއްކާލުމުގައި ވެސް މެދުވެރިއަކީ ޖޭއެލްއެލް އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖޭއެލްއެލްގެ އާމްދަނީ މިދިޔަ އަހަރު ވެސް 16.3 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 91،000 އަށް އަރާ އިރު އެ ކުންފުނިން ދުނިޔޭގެ 80 ގައުމެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
26 May 2019
ތީގެން ސަރުކާރަށް އެއްވެސް އެއްޗެއް ލިބުނުބާ؟
ހިޝާ
26 May 2019
ސަރުކާރަކަށް ނޫން. ދިވެހި ދައުލަތައް. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ވިއްކައިގެން ބަޔަކު ބިލިއަނުން މުއްސަނދި ވާއިރު މި ގައުމުގެ 4 ލައްކައެއްހާ މީހުން މި އުޅެނީ އަނގަޔާއި އަތާއި ދިމާ ނުވެގެން... ކާކު ވެރިކަމަށް ހޮވައިގެން ބާ މިކަން ވާނީ؟