ކަރަންޓާއި އިޔާދަކުރުވަނިވި ހަކަތައިގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން، ގޭބިސީތަކަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ ސޯލާ ޕީވީ ސިސްޓަމެއް ބާޒާރަށް ނެރެފި އެވެ.
"އެންމެނަށް ސޯލާ" ގެ ނަމުގައި އަވި ޓެކްނޮލޮޖީސްއިން ކުރިއަށް ގެންދާ މި ކެމްޕޭންގެ މަގުސަދަކީ އަތްފޯރާފަށުގައި ސޯލާ ޕީވީ ސިސްޓަމްތައް ލިބޭނެ ގޮތް ހެދުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މި ކެމްޕޭނުގެ ދަށުން ސޯލާ ޕީވީ ސިސްޓަމްތައް އެމްއެފްއެލްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންސިން ސްކީމްގެ ދަށުން ގަނެވޭނެ އެވެ.
އަވި ޓެކްނޮލޮޖީސްއިން މި ސިސްޓަމްތަކުގެ ފެށޭ އަގަކީ 40،000 ރުފިޔާ އެވެ. ނަމަވެސް ސޯލާ ހަރުކުރަން ކުރާ ހޭދަ ދެތިން އަހަރު ތެރޭގައި ކަވަރުކޮށްލެވޭނެ ކަމަށް އަވި ޓެކްނޮލޮޖީސް އިން ބުންޏެވެ.
ސޯލާ ޕީވީ ސިސްޓަމްތަކަކީ އިއާދަކުރުވަނިވި ހަކަތައިގައި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އެވެ. މިއީ ރާއްޖޭގައި ވެސް ވަރަށް ކާމިޔާބުކަމާ އެކު ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.
އެކަމަކު މިއީ އަވި ޓެކްނޮލޮޖީސްގެ ފަރާތުން އާންމު ގެތަކަށް ޚާއްސަކޮށްގެން މިފަދަ ސިސްޓަމްތަކެއް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ.
އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމްތަކަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްދިނުމުގެ އިތުރުން، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، އިންސާނުންގެ ސިއްހަތާއި، ތިމާވެށްޓާއި ރަހުމަތްތެރި ޓެކްނޮލޮޖީއެކެވެ. މިފަދަ ސިސްޓަމްތައް ބޭނުންކޮށްގެން ކަރަންޓު ބިލަށް ކުރާ ހޭދަ 100 ޕަސެންޓަށް ވެސް ކުޑަކުރެވިދާނެ އެވެ.
އަވި ޓެކްނޮލޮޖީސްގެ ކެމްޕެއިންގެ ދަށުން ދެ ކިލޯ ވޮޓާއި ފަސް ކިލޯ ވޮޓާ ދެމެދުގެ ސިސްޓަމްތައް ލިބެން އެބަ ހުއްޓެވެ. އަދި ގަންނަ ކޮންމެ ސޯލާ ޕެނަލަކަށް 25 އަހަރުގެ ވޮރަންޓީއާ އެކު އިންވާޓަރަށް ފަސް އަހަރުގެ ވޮރަންޓީ ލިބިގެން ދާނެ އެވެ.
މި ކެމްޕޭނުގެ ދަށުން ސޯލާ ޕީވީ ސިސްޓަމްތައް ފޯރުކޮށްދިނުމުގެ އިތުރުން އަވި ޓެކްނޮލޮޖީސްއިން އެ ސިސްޓަމްތައް ބަހައްޓައި ވެސް ދެ އެވެ. އެގޮތުން އިންސްޓޯލް ކޮށްދޭ ސިސްޓަމްތަކަށް ފަސް އަހަރު ދުވަހުގެ ސާވިސް ވޮރެންޓީ ލިބޭނެ އެވެ. އަދި ވޮރެންޓީ މުއްދަތުގެ ތެރޭގައި އެއްވެސް އިކުއިޕްމެންޓަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ އިކުއިޕްމެންޓެއް ހިލޭ ބަދަލުކޮށްދޭނެ އެވެ.
އަވި ޓެކްނޮލޮޖީސް އަކީ ރާއްޖޭގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން 100 ޕަސެންޓް ދިވެހި މުވައްޒަފުންނާ އެކު ހިންގާ މި ކުންފުނިން ވަނީ ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިން މެގަވޮޓަށް ވުރެ ގިނަ ސިސްޓަމްތައް ހަރުކޮށްފަ އެވެ.
އަވި ޓެކްނޮލޮޖީސްއިން ތަޢާރަފްކުރި "އެންމެނަށް ސޯލާ" ކެމްޕޭނާ ބެހޭ އިތުރު މަޢުލުމާތު އެ ކުންފުނީގެ ހޮޓްލައިން 3301022 ނުވަތަ ވެބްސައިޓް https://avitech.com.mv/enmenah-solar އަދި ފޭސްބުކް ޕޭޖު https://www.facebook.com/avitech.mv/ އިން ލިބެން ހުންނާނެ އެވެ.