ޓީޓީއެމްއާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރަނީ--ފޮޓޯ:އުރީދޫ
06 ޖޫން 2019 - 21:26
ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2019ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ޓީޓީއެމް އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަގްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާ ފަސޭހަކަމާއި އެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ ރާއްޖެ އާއި ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއް ތަންކޮށްދޭ އިވެންޓެކެވެ.
ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބާއްވާ މި އަހަރުގެ ޓީޓީއެމް ސަމިޓު އޮތީ ޓޫރިޒަމް ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިން އާއި ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށެވެ.
"ޓީޓއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން،" އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވި އެވެ.
މި އަހަރުގެ ޓީޓީއެމް ބާއްވަން ހަމަޖައްސާފައި ވަނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގެ 300 އަށް ވުރެ ގިނަ އިންވެސްޓަރުންނާއި ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy