އޮޅުވާލުމެއް ނެތް، ބޭނުން ކުރި ކަރަންޓްގެ އަދަދު އިތުރުވީ: ސްޓެލްކޯ

ވޭތުވެދިޔަ ދެ މަހުގެ މާލޭގެ ކަރަންޓް ބިލްތައް ބޮޑުވެފައި ވަނީ ހޫނު ގަދަ މޫސުމާއި ރޯދަ މަހާ ދިމާވެ، ގޭގޭގައި ކަރަންޓް ބޭނުންކުރި އަދަދު ހަގީގަތުގައި ވެސް އިތުރުވެގެން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.


ބިލްތައް ބޮޑުވެ، އާންމުންގެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯގެ މައި އޮފީހުގައި ނޫސްވެރިންނަށް މިއަދު ދެއްކި ޕްރެޒެންޓޭޝަނެއްގައި، ސީނިއަ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލް އަދި މޭ މަހު އާދަޔާ ހިލާފަށް ހޫނު ގަދަވެ، ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާ ކަމަށެވެ.

އޭގެ މިސާލެއް ދައްކަވަން އޭނާ ބޭނުންކުރެއްވީ ޖެނުއަރީ އާއި ފެބްރުއަރީގައި މާލޭގައި ކަރަންޓް ބޭނުންކުރި މިންވަރާއި ވޭތުވެދިޔަ ތިން މަހު ކަރަންޓް ބޭނުންކުރި ވަރެވެ. އެގޮތުން ޖެނުއަރީ މަހު 27 މިލިއަން ޔުނިޓް، ފެބްރުއަރީގައި 28 މިލިއަން އަދި މާޗުގައި 29 މިލިއަން ޔުނިޓް ބޭނުންކުރި އިރު އެ ނިސްބަތް އެޕްރީލް އާއި މޭ މަހު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.

"މާލޭގެ ޓެރިފް ސްޓްރަކްޗަރަކަށް ބަދަލެއް ނާދޭ. މިކަން ވަރަށް ގިނަ ކަސްޓަމަރުންނަށް އޮތީ އޮޅިފައި. ފިއުލް ޑިސްކައުންޓް އަޅުގަނޑުމެން މިވަނީ ކަސްޓަމަރުންނަށް ޑައިރެކްޓްލީ ޕާސްކޮށްފައި. މި ބަދަލާ ގުޅިގެން ދެ ބިލް އަޅާ ކިޔާކަށް ނުޖެހޭނެ. ލިބޭ ބިލްގައި ފިއުލް ޑިސްކައުންޓްގެ ގޮތުގައި ކިހާވަރެއްތޯ ކެނޑެނީ ބަލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އެޕްރީލް މަހު މާލޭގައި 33 މިލިއަން ޔުނިޓްގެ ކަރަންޓް ބޭނުންކުރި އިރު މިދިއަ މަހުގެ ނިސްބަތަކީ 34 މިލިއަން ޔުނިޓެވެ. މިއީ ޖެނުއަރީއާ އަޅާބަލާއިރު ހަތް މިލިއަން ޔުނިޓް މަތީ އަދަދެކެވެ.

މިދިއަ އަހަރުގެ އެޕްރީލް އާއި މޭ މަހާއި މި އަހަރުގެ އެ ދެ މަހާ އަޅާބަލާއިރު ވެސް މި އަހަރު ވަނީ ކަރަންޓް ބޭނުންކުރި ވަރު ވަރަށް ބޮޑު ތަނުން މައްޗަށެވެ. އެގޮތުން މިދިއަ އަހަރުގެ އެޕްރީލް އާއި މޭ މަހު ބޭނުންކޮށްފައި ވަނީ 28 މިލިއަން ޔުނިޓެވެ.

ސަރުކާރުން މިދިޔަ މާޗް މަހު ވަނީ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެއް ހަމައެއްގައި ފޯރުކޮށްދޭން ބަދަލުތަކެއް ގެނެސްފަ އެވެ.

މާޗު މަހު ގެނައި ތިން ބަދަލު

- ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖޭގައި އެއް ހަމަކުރުން

- ބިޒްނަސް ޓެރިފްތަކުގެ އަގުތައް އެއް ހަމަކުރުން

- ޑީސަލް ޑިސްކައުންޓް

މި ތިން ބަދަލުގެ ތެރެއިން މާލޭގެ ކަރަންޓް ބިލްތަކުން ފެންނާނީ ފިއުލް އިން ލިބޭ ޑިސްކައުންޓް އެކަންޏެވެ.

ފިއުލް ޑިސްކައުންޓް ދޭން ނިންމީ ސަރުކާރުން ޑީސަލް އިން ކުރިން ނަގަމުން އައި ފަސް ޕަސެންޓްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމާ އެކު އެވެ.

ސްޓެލްކޯއިން ބުނީ ދިރިއުޅުމުގެ ފެންވަރު މަތިވަމުން އަންނަ އިރު ކަރަންޓް ބޭނުންކުރާ ނިސްބަތް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ބޭނުން ކުރާ ޔުނިޓްތައް އިތުރުވުމުން، އެއަށް ޗާޖުކުރާ މިންވަރު ވެސް މަތިވަމުން ދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ ބިލިން ޕްރޮސެސް ހިނގާ ގޮތް

ސްޓެލްކޯއިން މީޓާ ރީޑިން ނަގަނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހުން 16 ވަނަ ދުވަހާ ދޭތެރޭގަ އެވެ. އަދި ކަސްޓަމަރުންނަށް ބިލްތައް ހަވާލު ކުރަނީ ކޮންމެ މަހެއްގެ 23 އިން ފެށިގެން އަނެއް މަހުގެ 4 ވަނަ ދުވަހުގެ ތެރޭގަ އެވެ.

މި މުއްދަތުގައި ސްޓެލްކޯއިން މަސައްކަތް ކުރަނީ 28 ދުވަހާއި 32 ދުވަހާ ދެމެދުގެ މީޓާ ރީޑިން ނެގުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެން ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި ރީޑިން ނެގުމަށް އެ ގޭގެއަށް ނުވަދެވިއްޖެ ހާލަތެއްގައި ރީޑިން ނަގާ މުއްދަތު އިތުރުވާނެ އެވެ.

"މީޓާ ރީޑިން ނަގާ ދުވަސް އިތުރުވިޔަސް ބޮޑު ބޭންޑަކަށް އަރައިގެން ކަސްޓަމަރުންގެ ބިލް ބޮޑުވެގެނެއް ނުދާނެ. މިސާލަކަށް 33 ދުވަހަށް ޖެނުއަރީ ނަގައިފައި ފެބްރުއަރީ މަހު 29 ދުވަހަށް ނެގިއަސް މުޅި އަހަރު ނިމޭ އިރު ބިލް ކުރެވޭނީ 365 ދުވަހަށް،" ސީނިއާ މެނޭޖަރު، ޝިފާޒާ އަބްދުލް ރަޝީދު ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ، ބައެއް މަސް މަހުގައި ގިނަ ދުވަހަށް ބިލް ކުރެވުނު ނަމަވެސް މުޅި އަހަރު ނިމޭ އިރު ހުރިހާ ގޭބީސީއަކަށް ބިލް ކުރެވޭނީ 365 ދުވަހަށް ކަމަށެވެ.

ސްޓެލްކޯއިން ދޫކޮށްފައިވާ މީޓަރަކީ ސީލް ކުރެވިފައިވާ އެއްވެސް މީހަކަށް ނުކުޅެވޭ ގޮތަށް ހުންނަ މީޓަރެކެވެ. ރީޑިން ނަގާ ޑިވައިސް އިން ކުރީ މަހަށް ވުރެ ބޮޑު ބޮޑު އަދަދެއް އަރާނަމަ އެކަން ފާހަގަކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ރީޑިން ނެގުމަށްފަހު ބިލް ކުރުމުގެ ކުރިން ވެސް ރީޑިންގެ އަދަދުތައް އިސްވެރިން ވެރިފައި ކުރާނެ ސްޓެލްކޯއިން ބުނެ އެވެ. އެހެންކަމުން ބިލްގައި އިންނަ އަދަދަކީ އެންމެ އެކިއުރޭޓް އަދަދު ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކަރަންޓް ބިލްތަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާތީ އެކަމާ ގުޅޭ މައްސަލަތައް ބެލުމަށް ސްޓެލްކޯގައި ވަނީ އެކަމަށް ހާއްސަ ކައުންޓަރެއް ބަހައްޓައިފަ އެވެ. އަދި ކަރަންޓް ބިލްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގައި އަހަރުގެ ކުރީކޮޅު ކަރަންޓް ބޭނުންކުރާ މިންވަރު ބޮޑުވެ އެވެ. އާންމުން އިލެކްޓްރޯނިކް ސާމާނު ބޭނުން ކުރާ ވަރު އިތުރުވެފައިވާ އިރު ހޫނު ގަދަވުމުގެ ސަބަބުން އެއާކޮންޑިޝަނާއި އައިސްއަލަމާރިން ކަރަންޓް އުފައްދާ މިންވަރު ވެސް އިތުރުވެ އެވެ. މިއީ ވެސް ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވާ އެންމެ ބޮޑު ސަބަބު ކަމަށް ސްޓެލްކޯއިން ބުނެ އެވެ.