ސަރުކާރުން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަ މަސް ތެރޭ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކުރީ މަގު ހެދުމާއި އެއާޕޯޓްގެ ޕްރޮޖެކްޓްތަކަށެވެ. އެގޮތުން އެ މަޝްރޫއުތަކަށް 687 މިލިއަން ރުފިޔާ ހަރަދު ކުރި އިރު އިމާރާތް ކުރުމަށް 175 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 67 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 7 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، ކަނޑައެޅި ބަޖެޓުގެ 16 ޕަސެންޓް މިހާރު ވަނީ ހޭދަކޮށްފަ އެވެ.
ކޮންމެ އަހަރެއްގައި ވެސް އަހަރުގެ ކުރީކޮޅު ކުރާ ހޭދަ ކުޑަވާއިރު އަހަރު ނިމޭ ހިސާބަށް ދިއުމުން ބަޖެޓުން ކުރާ ހޭދަ ބޮޑަށް ފެނިގެންދާނެ އެވެ.
މި އަހަރުގެ މިހާތަނަށް 9.8 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވެ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރުގެ ހިންގުމާއި މުވައްޒަފުންގެ މުސާރަ އެވެ. އެގޮތުން މިކަމަށް 7.6 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަވި އެވެ.
މިދިޔަ ހަފުތާއާ ހަމަޔަށް ދައުލަތަށް 9.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.