ކޮފީ ލެބަށް ބޮޑު ޝަރަފެއް، ބައިނަލްއަގްވާމީ ދެ އެވޯޑް

މާލޭގައި ކޮފީގެ މާކެޓަށް ބޮޑެތި ބަދަލުތަކެއް ގެނައި ކޮފީ ލެބް ރޯސްޓާއަށް ބައިނަލްއަގްވާމީ ދެ އެވޯޑެއް ލިބިއްޖެ އެވެ.


މިއީ ރާއްޖޭގައި ކޮފީ ރޯސްޓަރަކަށް ލިބުނު ފުރަތަމަ ބައިނަލްއަގްވާމީ އެވޯޑެކެވެ.

އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ކޮފީ އެވޯޑުން ކޮފީ ލެބްގެ ހާއްސަ ދެ އުފެއްދުމަކަށް ލިބުނީ ބްރޮންޒް މެޑެއްޔެވެ. އެގޮތުން މި ދެ އެވޯޑް ލިބުނީ ކޮފީ ލެބްގެ އެސްޕްރެސޯ ބްލެންޑް ކެޓަގަރީން "ހޮޅުއަށި" ރޯސްޓް ކޮފީ އާއި ސިންގަލް އޮރިޖިން ފިލްޓާ ކޮފީ ކެޓަގަރީން "އިތިއޯޕިއާ ޔާގަޝެފް" ރޯސްޓް ކޮފީއަށެވެ.

ކޮފީ ލެބަށް ލިބުނު ދެ އެވޯޑާއި އެ އެވޯޑްތައް ނިސްބަތްވި ދެ އުފެއްދުން

މި އެވޯޑްތަކުގައި 805 ފަރާތުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑާއި ޗައިނާ އާއި އެމެރިކާ އާއި ގްރީސް އާއި ހޮންގްކޮންގް އަދި ސިންގަޕޫރު ވެސް ހިމެނެ އެވެ.

މިއީ ބޭރުގެ އެވޯޑެއްގައި ކޮފީ ލެބުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ކޮފީ ލެބްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އަފްރާހް) ވިދާޅުވީ މި ކާމިޔާބީއަކީ ކޮފީ ލެބްގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ކޮފީ ލެބުގެ އަފްރާހު "ލާޓޭ އާޓު"ގެ ހުނަރު ދައްކާލަނީ --ފޮޓޯ:ނިޝާން އަލީ/މިހާރު

މީގެ ފަސް އަހަރު ކުރިން 2014 ގައި ހުޅުވި ކޮފީ ލެބުން އަންނަނީ ބޭރުން ކޮފީ ބީންސް ރާއްޖެ އެތެރެކޮށް، އެ ރޯސްޓްކުރުމަށް ފަހު ރާއްޖޭގެ މާކެޓަށް ނެރެމުންނެވެ. އޭގެ އިތުރުން އެތަނުން ރޯސްޓްކުރާ ކޮފީ ބީންސް އިން ތައްޔާރުކުރާ ކޮފީއަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފެމިލީ ރޫމް ކެފޭ ވެސް ހިންގަ އެވެ.

ކޮފީ ހަދަން ބޭނުންކުރާ އިކުއިޕްމެންޓްގެ އިތުރުން ބަރިސްތާގެ ހުނަރުތައް ވެސް ކޮފީ ލެބުން އަންނަނީ ތައާރަފް ކުރަމުންނެވެ. އެތަނުގެ އެކަޑަމީ ކަމަށް ވާ މޯލްޑިވްސް ކޮފީ އެކަޑަމީން ހިންގާ ކޯސްތައް ވަނީ ރާއްޖޭގައި އެކްރެޑިޓް ވެސް ކޮށްފަ އެވެ.