ރިޓަޔަމަންޓް ޕެންޝަން ސްކީމް، ފަހަށް ރައްކާކުރުމަށް އޮތް ފަހި ފުރުސަތެއް

އާދައިގެ މަތިން ރައްޓެހިންނާ ބައްދަލުކޮށްލަން ދިޔަ ދުވަހެކެވެ. ރައްޓެހިން ތިބި ކެފޭއަށް ދެވުނުއިރު އެމީހުން ތިބީ މުސްކުޅިވުމުން ދިރިއުޅުން އޮންނާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރާށެވެ. އެއްބަޔަކު ބުނަމުންދިޔައީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެ ނަމަ، މައިންބަފައިން މުސްކުޅިވެ ގައިބާރުނެތޭ ދުވަހު ދަރިން މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކޮށްދޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ މުސްކުޅިވާ ދުވަހު ދަރިންނަށް ބުރައަކަށް ވާން ބޭނުން ނުވާ ކަމަށެވެ.


އެންމެ ފަހުން މިކަމަށް އޮތް ހައްލަކީ ދުރާލާ ފައިސާ ރައްކާކޮށް އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ މަގު ޒުވާން އުމުރުގައި ފަހިކުރުން ކަމަށް އެންމެން ވެސް އެއްބަސްވި އެވެ. ނަމަވެސް ސުވާލަކީ އެ ފުރުސަތު ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ އެވެ؟

މުސްކުޅިވެ ރިޓަޔާ ކުރާއިރު ފައިސާ ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކަށް ބަލާއިރު ގިނަ ބަޔަކު ޕެންޝަނަށް ފައިސާ ރައްކާކުރަމުންދަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށެވެ. މި ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ހިންގާ "ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން" ސްކީމެކެވެ. މި ސްކީމަކީ ވަޒީފާ އަދާކުރާ މުއްދަތުގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކޮންމެ މަހަކު ސްކީމަށް ފައިސާ ދައްކައި އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަމަންޓަށް ފައިސާ އެއްކުރެވޭ ނިޒާމެކެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މުވައްޒަފެއްގެ ނަމުގައި އެ މުވައްޒަފެއްގެ މުސާރައިގެ 14 ޕަސެންޓް ވަޒީފާ ދޭ ފަރާތުގެ ބައިވެރިވުމާ އެކު ކޮންމެ މަހަކު މި ސްކީމަށް ޖަމާކުރުން ޕެންޝަނާ ބެހޭ ޤާނޫނުން މަޖުބޫރު ކުރެވިފައިވާއިރު އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް އަމިއްލަ އިހުތިޔާރުގައި ސްކީމުގައި ބައިވެރިވެ އެމީހަކު ކަނޑައަޅާ އަދަދަކަށް ފައިސާ ދައްކަމުން ދިއުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް މި ސްކީމް މެދުވެރިކޮށް ރިޓަޔަމަންޓަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ދެން އޮތީ މި ސްކީމަކީ ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމަށް އެންމެ ރަނގަޅު ސްކީމުތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް، ހަރުދަނާ ޕެންޝަން ސްކީމެއްގައި ހުރުން ކޮންމެހެން ބޭނުންވާ ސިފަތަކުގެ ތެރެއިން ރިޓަޔާ ކުރުމަށް ފަހު ޕެންޝަން ސްކީމު މެދުވެރިކޮށް އެކަށީގެންވާ އާމްދަނީއެއް ލިބިދެވޭނެ ކަމުގެ ޔަޤީންކަން އޮތީ ކިހާ މިންވަރަކަށްތޯ މި ސްކީމުން ބަލައިލެވިދާނެ އެވެ.

ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ މިފަދަ އެހެން ސްކީމުތަކެކޭ އެއްފަދައިން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ވެސް އެންމެ މުހިންމު އެއް އަމާޒަކީ ސްކީމުގެ ބައިވެރިންނަށް ރިޓަޔަ ކުރުމަށް ފަހު ވެސް ވަޒީފާ އަދާކުރި އިރާ ދާދި އެއްހަމައެއްގައި ދިރިއުޅުމުގެ ފެންވަރު ހިފެއްޓޭނެ ވަރުގެ އާމްދަނީއެއް ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދިނުމެވެ.

ޕެންޝަން އޮފީހުން ފެބްރުއަރީ 2015 ގައި ޝާއިއުކޮށްފައިވާ އީބުލެންޓިންގައި ވާ ގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް 25 އަހަރު ކޮންޓްރިބިއުޝަން ދައްކާ މީހަކު އުމުރުން 65 އަހަރު ވެގެން ރިޓަޔާ ކުރާއިރު ޕެންޝަންގެ ގޮތުގައި އެ މީހަކު ރިޓަޔާ ކުރިއިރު ލިބުނު މުސާރައިގެ 61 ޕަސެންޓް އެންމެ ދަށްވެގެން ހޯދައިދެވޭނެ އެވެ. މިއީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ސޯޝަލް ސެކިއުރިޓީ ކޮންވެންޝަންގެ 67 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެންމެ ދަށްވެގެން މިފަދަ ސްކީމަކުން ހޯދައިދޭން ޖެހޭ 40 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.

މިކަން ހާސިލްކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމެވެ. މިގޮތުން، މިހާތަނަށް ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން ސްކީމުގެ ބައިވެރިންނަށް ފާއިތުވި ނުވަ އަހަރު އެވްރެޖްކޮށް ކޮންމެ އަހަރަކު 4-8 ޕަސެންޓާ ދެމެދުގެ ފައިދާއެއް ވަނީ ހޯދައިދެވިފަ އެވެ. މިއީ މިފަދަ އެހެން ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމްތަކުން ވެސް ހޯދަމުންދާ ފައިދާއާ ދާދި އެއްހަމައެއްގެ ފައިދާއެކެވެ.

މީގެ އިތުރުން ސްކީމު ހިންގަން ހަދާފައިވާ ޤަވާއިދުތަކާއި ނިޒާމުތައް އަދި މެންބަރުންނަށް ދޭ ޚިދުމަތުގެ ފެންވަރަށް ބެލިކަމުގައި ވިޔަސް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޕެންޝަން ފަންޑުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް ނަތީޖާ ދައްކަމުންދާ ސްކީމެއް ކަމަށް ބެލެވިދާނެ އެވެ.