ރާއްޖޭގައި މަގުބޫލު "ދިލްމާ" ސައިފަތުގެ ރަހަ ދައްކާލުމަށް ބައިނަލަގްވާމީ ފެންވަރުގެ ހަފުލާއެއް ބާއްވަން ނިންމައިފި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ބާއްވާ މި ހަފުލާގައި އެކި ގައުމުތަކުން 100 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ 50 އަށް ވުރެ ގިނަ ރިސޯޓު ހިމެނެ އެވެ. މި ހަފުލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.
ސިމްޑީއާ ގުޅިގެން ބާއްވާ މި ހަފުލާގައި ދިލްމާ ކުންފުނީގެ ފައުންޑާ މެރިލް ޖޭ ފެނާންޑޯގެ ދަރިފުޅު ދިލްހާން ސީ ފެނާންޑޯ ދިލްމާ ސައިފަތުގެ މައުލޫމާތު ހިއްސާ ކުރާނެ އެވެ. އެގޮތުން އެކި ކަހަލަ ކުޒީންތަކާއެކު ސައިފަތުގެ އެކި ފްލޭވާތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މީގެ އިތުރުން ދިލްމާގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "އެލިކްސާ އޮފް ސިލޯން ޓީ" ގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ހަފްލާގެ ބައިވެރިންނަށް އޮންނާނެ އެވެ. މިއީ ހޮޓެލްތަކަށް ހާއްސަކޮށްގެން ދިލްމާ އިން އުފައްދާފައިވާ އައިސް ޓީ އެކެވެ. މި އުފައްދާފައިވަނީ އެއްވެސް ކަހަލަ އާޓިފިޝަލް މާއްދާއަކާ ނުލަ އެވެ.
ސްރީ ލަންކާގެ މަޝްހޫރު ދިލްމާ ސައިފަތް ރާއްޖެ އަށް ތައާރަފް ކޮށްފައިވަނީ 1999 ގައި ސިމްޑީ ގްރޫޕުންނެވެ. އޭގެ ފަހުން މި ސައިފަތަށް އޮންނަ ޑިމާންޑް އައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެހެންވެ ސިމްޑީން އަންނަނީ އިތުރު ފްލޭވާތައް މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
ދިލްމާ ބްރޭންޑުގެ ސައިފަތުގެ ވިޔަފާރިން ލިބޭ ފައިދާގެ ބައެއް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ފައުންޑޭޝަނެއް ކަމަށްވާ އެމްޖޭއެފް އަށް ހަދިޔާކުރެ އެވެ.