"ސާބަސް ޔަންމާ"ގެ ތިންވަނަ ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީން ކޮންމެ އަހަރަކު ބާއްވާ "ސާބަސް ޔަންމާ" ގެ ތިންވަނަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.


މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފުލާއެއްގައި ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދެވެ. މި ޕްރޮމޯޝަން އޮންނާނީ އަންނަ މަހުގެ ނިޔަލަށެވެ.

މިއަދު ފެށި ޕްރޮމޯޝަނުގެ ދަށުން 78-829 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތައް ގަންނައިރު، ދޯނި ފަހަރަށް ބޭނުންވާ އެއް ލައްކަ ރުފިޔާ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަގުހުރި ސާމާނު ލިބޭނެ އެވެ.

އެމްޓީސީސީގެ ޓްރޭޑިން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ މި ޕްރޮމޯޝަނަކީ އަލަށް ދޯނި ބަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން، ކޮންމެ އިންޖީނާއެކު އެކި ބާވަތުގެ އެކްސަސަރީސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަނުގެ ދަށުން އިންޖީނު ގަންނަ ފަރާތްތަކަށް އަޅުގަނޑުމެން މިގެންދަނީ ބައިވަރު އެކްސަސަރީސްތައް ދެމުން. މީގެ ތެރޭގައި ފިޝް ފައިންޑާސް، ކާސްޓްރޯލް އޮއިލް އަދި ހުންގާނު ސިސްޓަމް ހިމެނޭނެ. އެހެންވީމާ މި ޕްރޮމޯޝަނުގައި 78 ހޯސްޕަވަރުގެ އިންޖީނު ބައްލަވައިގަންނަ ފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ އެކްސަސަރީސް ލިބޭ. އަދި 829 ހޯސްޕަވަރުގެ އިންޖީނު ބަލައިގަންނަ ފަރާތްތަކަށް ތިން ލައްކަ ރުފިޔާގެ އެކްސަސަރީސް ލިބޭނެ،" އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަދުހަމް މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން މި އަހަރުގެ ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޯގަސްޓް 31 ގެ ކުރިން ބުކިން ފީގެ ގޮތުގައި 10 ޕަސެންޓު ދައްކަން ޖެހޭނެ ކަމަށް އަދުހަމް ވިދާޅުވި އެވެ. އަދި ހުރިހާ ޕޭމަންޓެއް 31 ޑިސެމްބަރުގެ ކުރިން ދައްކާ ހަލާސްކުރަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕްރޮމޯޝަނުގައި އެމްއެފްއެލްސީ އަދި އެމްއައިބީގެ އިންސްޓޯލްމަންޓް ސްކީމުން ވެސް އިންޖީނު ގަނެވޭނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.

"މި ޕްރޮމޯޝަނުގައި އޮގަސްޓު މަސް ނިމުމުގެ ކުރިން ޖެހޭނެ ބުކިން ފީއެއް ދައްކަން. އޭގެ ފަހުން އިންޖީނު ބައްލަވައިގަތުމަށް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ފައިސާއެއް ދައްކަން ޖެހޭނެ. މި ޕްރޮމޯޝަނުގައި އިންސްޓޯލްމަންޓަށް އިންޖީނު ދޫ ނުކުރާނެ. ނަމަވެސް އެކި ބޭންކުތަކާއި އެމްއެފްއެލްސީ މެދުވެރިކޮށް އިންޖީނު ގަނެލެވޭނެ،" އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީ ކަށަވަރުގެ ފައިނޭންސިން ސްކީމުން މި ޕްރޮމޯޝަނުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ސާބަސް ޔަންމާ ޕްރޮމޯޝަނަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ޕްރޮމޯޝަނެކެވެ. އެގޮތުން މިއަހަރުގެ ޕްރޮމޯޝަނަށް ވެސް، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އަދުހަމް ވިދާޅުވި އެވެ.